ބޮލީވުޑް

ރިތިކް ރޯޝަންގެ ބޮޑީ ޑަބަލް ސުޝާންތުއާ ވަރަށް ވައްތަރު

ރިތިކް ރޯޝަން މިހާރު ކުޅެމުންދާ "ވިކްރަމް ވެދާ"ގައި އޭނާގެ ބޮޑީ ޑަބަލްގެ ގޮތުގައި މަސައްކަތްކުރާ މަންސޫރު އަލީ ޚާންގެ ވާހަކަ މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އެބަ އުޅެއެވެ.

މަންސޫރަށް އެހާ ބޮޑު މަޝްހޫރުކަމެއް ލިބިގެން އުޅެނީ އޭނާ ރިތިކްގެ ބޮޑީ ޑަބަލް އެއްގެ ގޮތުގައި މަސައްކަތް ކުރާތީއެއް ނޫނެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުއާ ވައްތަރު ކަމުންނެވެ.

ރިތިކްގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ރިތިކްއާ އެކު އޭނާ ނަގާފައިވާ ފޮޓޯއެއް މަންސޫރު އިންސްޓަގްރާމްގައި ޝެއާކޮށްލުމުން އެ ފޮޓޯ ވައިރަލް ވީ އެވެ. ސުޝާންތު އާއި މަންސޫރު މާބޮޑަށް ވައްތަރުވެގެންނެވެ.

މި ފޮޓޯ ވައިރަލް ވުމުން މަންސޫރު ބުނީ ހަގީގަތުގައި އޭނާ އަށް މީގެ 10 އަހަރު ކުރިން ސުޝާންތުއާ ބައްދަލުވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.

އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި މަންސޫރު ބުނީ 2009ގައި އޭނާ އާއި ސުޝާންތު މާޝަލް އާޓްސް ކިޔެވިއިރު ދެ މީހުން ދިޔައީ އެއް ޓީޗަރެއް ކައިރިއަށް ކަމަށެވެ. އަދި އޭރު ވަރަށް ގިނައިން ސުޝާންތުއާ ބައްދަލުވެ ސަލާމް ގޮވާ ހަދާ ކަމަށެވެ. އޭރު އަދި ސުޝާންތު ޓީވީ އިންޑަސްޓްރީއަށް ނުވަންނަ ކަމަށްވެސް މަންސޫރު ބުންޏެވެ.

"ސުޝާންތަކީ ވެސް އޭރު މަޝްހޫރު މީހެއް ނޫން. އެކަމަކު ވަރަށް ގިނަ މީހުން އޭރު ވެސް ބުނޭ އަހަރެމެން ދެ މީހުން ހާދަ ވައްތަރޭ،" މަންސޫރު ބުންޏެވެ.

މަންސޫރަކީ ދިއްލީ އަށް އުފަން މީހެކެވެ. ވަޒީފާގެ ބޭނުމުގައި އޭނާ މުމްބައި އަށް ބަދަލުވީ އެވެ.

މަންސޫރުގެ ބޮޑުބޭބެއަކީ އެކްޝަން މާސްޓަރެއްގެ ގޮތުގައި 25 އަހަރު މަސައްކަތް ކޮށްފައިވާ މީހެކެވެ. އެހެންވެ އޭނާއަށް ވަރަށް ފަސޭހައިން ސްޓަންޓްމޭން އެއްގެ ވަޒީފާ ލިބުނެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ވޯންޓަޑް"ގައި ސަލްމާން ޚާންގެ ބޮޑީ ޑަބަލްގެ ގޮތުގަ އެވެ. އަދި "އޭކް ތާ ޓައިގާ"، "އަގްނީޕަތު"، "ކާބިލް"، "ބޭންގް ބޭންގް"، "ސުޕަ 30"، "ވޯ" އަދި ބޮޑީޑަބަލްގެ ގޮތުގައި މަންސޫރު މަސައްކަތް ކޮށްފައިވެ އެވެ.

ފިލްމު އިންޑަސްޓްރީގައި މަންސޫރަށް ލިބެމުންދާ ކުރިއެރުމުގެ ކްރެޑިޓް އޭނާ ދެނީ ރިތިކް އަށެވެ.

ރިތިކް އަކީ ސުޕަސްޓާރެއް ނަމަވެސް އޭނާއަށް ވަރަށް ކަމޭހިތާ ކަމަށާއި ފުރަތަމަ ބައްދަލުވުމުގައިވެސް ރިތިކް އޭނާގެ ގައިގައި ބައްދާލާ 'ދެމީހުން އެކުގައި ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަން ވާނޭ' ބުނި ކަމަށް މަންސޫރު ބުންޏެވެ.