ބޮލީވުޑް

"ކަހޯނާ ޕިޔާރް ހޭ" އިން ކަރީނާ ވަކިވީ ޝޫޓިން ފެށި ފަހުން

ރިތިކް ރޯޝަން ބޮލީވުޑަށް ތައާރަފްވީ ފިލްމު "ކަހޯނާ ޕިޔާރް ހޭ"އިން ކަރީނާ ކަޕޫރު ވެސް ތައާރަފްވާން އޮތީ ހަމަޖެހިފަ އެވެ. އޭރު އުމުރުން އެންމެ 19 އަހަރުގެ ކަރީނާ ރިތިކް އާއެކު "ކަހޯނާ ޕިޔާރް ހޭ"ގެ ޝޫޓިން ވެސް ފެށި އެވެ. ނަމަވެސް ކުއްލިއަކަށް ކަރީނާގެ މަންމަ ބަބީތާ ކޮންމެވެސް ކަމަކާ ރުޅިއައިސްގެން ކަރީނާ އެ ފިލްމުން ވަކިކުރީ އެވެ. އެންމެފަހުން ކަރީނާ ބޮލީވުޑަށް ތައާރަފްވެފައިވަނީ އަބީޝެކް ބައްޗަން އާއެކު "ރެފިއުޖީ" އިންނެވެ.

ރިތިކް އާއި ކަރީނާ ފަހުން ވަނީ "ކަބީ ޚުޝީ ކަބީ ޣަމް" ފަދަ ފިލްމުތައް ކުޅެ ބެލުންތެރިންގެ ހިތްތައް އަތުލާފަ އެވެ. އަދި ކަރީނާ "ކަހޯނާ ޕިޔާރް ހޭ" އިން ވަކިވުމުން އަމީޝާ ޕަޓޭލްއާ އެކު އެ ފިލްމު ފުރިހަމަކޮށް ރިލީޒްކުރީ އެވެ.

ރިތިކް ތައާރަފްވީ ފިލްމު ވެފައިވަނީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އަދި ފިލްމު ރިލީޒްކުރުމާއެކު ރިތިކްގެ މަޝްހޫރުކަން ރޮކެޓެއްހެން މައްޗަށް އަރައިގެން ދިޔަ އެވެ. އަނެއްކޮޅުން ކަރީނާ ތައާރަފްވީ ފިލްމު "ރެފިއުޖީ" ފްލޮޕްވެ ގިނަ ބައެއްގެ މަލާމަތް ފިލްމަށް ރައްދުވި އެވެ. ނަމަވެސް އުމުރުން އެންމެ 19 އަހަރުގައިވެސް ކަރީނާގެ ހުނަރުވެރިކަން އެ ފިލްމު ބެލި ގިނަ ބަޔަކަށް ފާހަގަކުރެވުނެވެ.

އީޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ކަރީނާ ބުނި ގޮތުގައި "ކަހޯ ނާ ޕިޔާރް ހޭ" އިން ވަކިވާން ޖެހުމުން އޭނާ އެއްގޮތަކަށް ވެސް ދެރައެއް ނުވި އެވެ. ދެރަވުމުގެ ބަދަލުގައި އޭނާ އެކަމާ ވަރަށް އުފާކުރި ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާގެ ފުރަތަމަ ފިލްމު "ރެފިއުޖީ" ފްލޮޕްވެފައި "ކަހޯނާ ޕިޔަރް ހޭ" ބްލޮކްބަސްޓާ އަކަށް ވިޔަސް ކަރީނާ އެ ފިލްމުން އަމިއްލައަށް ވަކިވެވުނު މޮޔަ އޭނާގެ ހިތަށް ނޭރީ ކީއްވެ ހެއްޔެވެ؟

މި ސުވާލުގެ ޖަވާބުގައި ކަރީނާ ބުނީ "ކަހޯނާ ޕިޔާރް ހޭ"އަކީ ހަމައެކަނި ރިތިކް އަށް ޚާއްސަކޮށްގެން އުފެއްދި ފިލްމެއް ކަމަށެވެ. ރިތިކްގެ ބައްޕަ އަދި ފިލްމުގެ ޕްރޮޑިއުސަރު-ޑައިރެކްޓަރު ރާކޭޝް ރޯޝަން އެ ފިލްމުގައި ރިތިކް ވީހާވެސް ރީތިކޮށް މޮޅަށް، ފުރިހަމައަށް ދެއްކުމަށްޓަކައި ފަސް އަހަރު ދުވަހު ބުރަ މަސައްކަތް ކޮށްފައިވާ ކަމަށް ކަރީނާ ބުންޏެވެ.

ފިލްމުގެ ކޮންމެ ކްލޯސް-އަޕް އެއްގައި އަދި ކޮންމެ ފްރޭމެއްގައި ރިތިކް ވީހާވެސް ފުރިހަމައަށް ދެއްކުމަށް ފަސް ގަޑިއިރު ހޭދަކުރަމުންދިޔައިރު ބަތަލާގެ ބައި ކުޅޭ އެކްޓަރަށް އެންމެ ފަސް ސިކުންތުގެ ސަމާލުކަމެއް ވެސް ނުދޭ ކަމަށް ކަރީނާ ތުހުމަތު ކުރި އެވެ.

"އަހަރެން އެ ފިލްމަށް ޝޫޓްކުރި ބައެއް މަންޒަރުތަކުގައި އަހަރެންގެ މޫނުގައި ހުރި ބިހިތަކާއި ލޯ ކައިރި ކަޅުވެފައި ހުރިއިރު އެތަންތަން ރީތިކުރަން ވެސް މަސައްކަތް ކޮށްފައެއް ނުވޭ. އަހަރެން ޝޫޓްކުރި މަންޒަރުތަކުގައި އަހަރެން ހުތުރުކޮށް ފެނުނަސް ޑައިރެކްޓަރުގެ މައްސަލައެއް ނެތް ރިތިކް ރީތިކޮށް ހުރެއްޖިއްޔާ. މަންމަ ކައިރިއަށް ރުޅިއައީ އެހެންވެ،" ކަރީނާ ބުންޏެވެ.

ކަރީނާ އިތުރަށް ބުނި ގޮތުގައި ފިލްމުން އޭނާ ވަކިވިޔަސް ރިތިކް އާއި އޭނާގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެ އެވެ. ދެ މީހުންގެ މެދުގައި ކުރިންވެސް އޮތް އެކުވެރިކަން ފަހުން ވެސް އޮތެވެ.