އަމީޝާ ޕަޓޭލް ބޮލީވުޑަށް ތައާރަފްވީ ރިތިކް ރޯޝަން އާއެކު "ކަހޯ ނާ ޕިޔާރް ހޭ" އިންނެވެ. މި ފިލްމަކީ ސުޕަހިޓެކެވެ. އަދި އިސާހިތަކު ރިތިކް އާއި އަމީޝާ އަށް ގިނަ ބައެއްގެ މަގްބޫލުކަން ލިބުނެވެ. ހަގީގަތުގައި މި ފިލްމުގައި ބަތަލާގެ ރޯލު ކުޅެން އޮތީ ކަރީނާ ކަޕޫރެވެ. ކަރީނާ ފިލްމުގައި ބައިވެރި ކުރަން ދެކެވުނު ވާހަކަތައް ކޮޅެއްގައި ނުޖެހުމުން އަމީޝާ އަށް ފިލްމު ދޭން ޕްރޮޑިއުސަރުން ނިންމީ އެވެ.
އެއީ 2000 ވަނަ އަހަރެވެ. ކަރީނާ އަށް ނުދީ އަމީޝާ އަށް "ކަހޯ ނާ ޕިޔާރް ހޭ" ދިނުމުގެ ސަބަބުން އެ ދުވަސްވަރު އަމީޝާ އާއި ކަރީނާގެ މެދުގައި ވަރަށް މައްސަލަތައް ޖެހުނެވެ.
އަމީޝާ އަށް އެކްޓް ކުރަން ނޭނގޭ ކަމަށް ބުނެ އެދުވަސްވަރު ކަރީނާ ވަނީ އަމީޝާގެ ޕާފޯމަންސަށް ވަރަށް މަލާމަތް ކޮށްފަ އެވެ.
ދާދިފަހުން އަމީޝާ ދިން އިންޓަވިއު އެއްގައި އެ ދުވަސްވަރު އޭނާ އާއި ކަރީނާގެ މެދުގައި ޖެހުނު މައްސަލަތަކުގެ ވާހަކަ ވަނީ ކިޔައިދީފަ އެވެ.
އަމީޝާ ބުނި ގޮތުގައި ބޮލީވުޑްގައި އޭނާގެ ދުޝްމަނަކު ނެތެވެ. އަދި ކަރީނާ އާ ދޭތެރޭ ވެސް އޭނާގެ ހިތުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތެވެ. އަދި އޭނާ އަބަދުވެސް އެކުވެރިން ކައިރީ ވެސް ކަރީނާގެ މޮޅުކަމުން އޭނާއަށް ތައުރީފުކުރާ ކަމަށް އަމީޝާ ބުންޏެވެ.
އެ ދުވަސްވަރު މީޑިއާތަކުން ކަރީނާ ބުންޏޭ ކިޔާއިގެން ވަރަށް ގިނަ ވާހަކަތައް އަމީޝާ އާ ދެކޮޅަށް ލިޔެފައި ވެއެވެ. ނަމަވެސް އޭގެން އެއްވެސް ވާހަކައަކަށް އަމީޝާ އެއްޗެކޭ ނުބުނެ އެވެ. އޭނާ ބުނި ގޮތުގައި ކަރީނާ އަށް ފާޑުކިޔައި އެއްޗެކޭ ބުނާވަރަށް އޭނާއަކަށް ކަރީނާއެއް ނޭނގެ އެވެ.
ވީމާ ނޭނގޭ މީހެއްގެ ވާހަކަ ދެއްކުން ރަނގަޅު ނުވާނެތީ އެ ވާހަކައަށް ޖަވާބެއް ނުދިނީ އެވެ. އަދި އޭރު ލިޔެވިފައި ހުރި ވާހަކަ ތަކަކީ ހަގީގަތުގައި ވެސް ކަރީނާ ދެއްކި ވާހަކަ ތަކެއްތޯ ނުވަތަ ނޫންތޯ ވެސް ޔަގީން ނޫން ކަމަށް އަމީޝާ ބުންޏެވެ. ފަހަރެއްގައި އެއީ މިޑިއާތަކުން ހަދައިގެން ބޮޑުކޮށްގެން ދެއްކި ވާހަކަތަކަކަށް ވެދާނެތީ އޭނާ އެކަމާ އަޅާ ނުލީ ކަމަށް އަމީޝާ ބުންޏެވެ.
ފިލްމީ ރޮނގުން ބަލާއިރު އަމީޝާ މިހާރު މަސައްކަތް ކުރަނީ "ގަދަރް 2" ގައެވެ. މިއީ ސަނީ ޑެއޯލް އާއެކު އޭނާ ކުޅުނު ބްލޮކްބަސްޓާ ފިލްމެއް ކަމަށްވާ "ގަދަރް"ގެ ސީކުއަލް އެކެވެ.