ކަރީނާ ކަޕޫރާއި ރިތިކް ރޯޝަންގެ ސިއްރު ލޯތްބެއްގެ ވާހަކައެއް މި ދެ ތަރިން އެކުގައި ގިނަ ފިލްމުތަކެއް ކުޅުނު ދުވަސްވަރެއްގައި ވަރަށް ހޫނު ވެގެން އުޅުނެވެ. އެ ދުވަސްވަރު އިންޑިޔާގެ ނޫސްތަކުގައި ވަރަށް ގިނައިން މި ދެ ތަރިން ލޯބިވެގެން އުޅޭކަމަށް ބުނެ ޚަބަރުތައް ޖަހާފައި ވެއެވެ.
އޭރު ރިތިކް އުޅެނީ ސުޝާން ޚާން އާ ކައިވެނި ކޮށްގެން ކަމަށްވާތީ ކުއްލިއަކަށް ކަރީނާ އާއި ރިތިކްގެ ލޯބީގެ ވާހަކަ ދެކެވެން ފެށުމުން ވަރަށް ގިނަ ބަޔަކު މި މައުލޫގައި ތަފާތު ބަހުސްތައް ވެސް ކޮށްފައި ވެއެވެ. މިހާރު ކަރީނާ ވެސް ކައިވެނިކޮށްގެން ދެ ވަނަ ދަރިފުޅު ވިހަން ތައްޔާރުވެފައި އިނަކަސް ރިތިކް އާއި އޭނާ އަޅުވާ ކިޔާފައި ވަނީ ކަރީނާގެ އެންމެ ޒުވާން އަދި އެންމެ ރަން ޒަމާނުގަ އެވެ.
އެ ދުވަސްވަރު ކަރީނާ އާއެކު މަސައްކަތްކުރި ވަރަށް ގިނަ އެކްޓަރުންނާ އޭނާ އާ އަލުވާ ކިޔުނެވެ. އޭގެ ތެރޭގައި ރިތިކް ވެސް ހިމެނެ އެވެ. އެއީ ކަރީނާގެ ކެރިއަރު ފެށުނުތާ ކުރީކޮޅު މި ދެ ތަރިން އެކުގައި ކުޅުނު "ޔާދޭން" އާއި "މައި ޕްރޭމް ކީ ދިވާނ ހޫނ" ރިލިޒްވި ދުވަސްވަރެވެ. "ޔާދޭން" އާއި "ކަބީ ޚުޝީ ކަބީ ޣަމް" ރިލީޒްކުރީ 2001 ގައެވެ. "މައި ޕްރޭމް ކީ ދިވާނީ ހޫނ" ރިލީޒްކުރީ 2003 ގައެވެ. މިއީ ރިތިކް އާއި ކަރީނާ ރައްޓެހި ވެގެން އުޅޭކަމަށް ބުނެ އެންމެ ގަދަޔަށް ވާހަކަތައް ފެތުރުނު ދުވަސްވަރެވެ.
ސުޒާން އާއި ކައިވެނި ކޮށްގެން އުޅެމުން ކަރީނާ އާ ސިއްރު ލޯބީގެ ގުޅުމެއް ރިތިކް ބޭއްވީ ކަމަށް އެ ދުވަސްވަރު ނޫސްތަކުގައި ލިޔެފައި ވެއެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރިތިކް އަށް ޓަކައި ފިލްމީ ކެރިއަރު ގުރުބާން ކުރަން ވެސް ކަރީނާ ހުރީ ތައްޔާރަށެވެ. އަނެއްބައި ރިޕޯޓުތަކުގައިވާ ގޮތުން ރިތިކް އާ ދުރުގައި ހުރުމަށް ރިތިކްގެ އާއިލާއިން ކަރީނާއަށް ޕްރެޝަރު ކޮށްފައި ވެއެވެ.
މިފަދަ ވަރަށް ގިނަ ވާހަކަތައް އެ ދުވަސްވަރު ނުކުތް ނޫސް، މަޖައްލާތަކުގައި މި ދެ ތަރިންގެ ލޯތްބާ ބެހޭ ގޮތުން ލިޔެފައި ވެއެވެ.
ނަމަވެސް މި ހުރިހާ ވާހަކަތަކަކަށް ކަރީނާ އަބަދުވެސް ދެކޮޅު ހަދަމުން ދިޔަ އެވެ. ފިލްމްފެއާ މަޖައްލާއަށް 2002 ގައި ކަރީނާ ދިން އިންޓަވިއު އެއްގައި ވެސް ރިތިކް އާއި އޭނާގެ ލޯބީގެ ގުޅުމެއް ނެތް ކަމަށާއި އަޅުވާ ކިޔާތީ ސުޒާން ހިތަށް އަރާފާނެ އެއްޗަކަށް ބިރުގަންނަ ކަމަށް ބުނެފައި ވެއެވެ.
"މިއަދު ރިތިކް އާ އަޅުވާ ކިޔަނީ. މާދަމާ ކޮންމެވެސް އެހެން އެކްޓަރަކާ އަޅުވާ ކިޔާނެ. ހަގީގަތް އެނގޭނީ ހަމައެކަނި އަހަރެންނަށް. މިއީ ޕްރޮފެޝަނަލް އެކްޓަރުންނަށް ވީތީ ދިމާވާ ކަންކަން،" ކަރީނާ ބުނެފައި ވެއެވެ.
ހަމަ އެ އިންޓަވިއުގައި ކަރީނާ ބުނީ ރިތިކް އާ އަޅުވާ ކިޔާ ލިޔެފައިވާ ޚަބަރުތަކުގެ ތެރެއިން އޭނާއަށް އެންމެ ބޮޑު ޝޮކެއް ލިބުނު އެއް ޚަބަރަކީ ރިތިކް އަށްޓަކައި އޭނާ ފިލްމީ ކެރިއަރު ގުރުބާން ކުރަން އުޅޭ ކަމަށް ބުނެ ލިޔެފައި އޮތް ޚަބަރެކެވެ.
"ހެޔޮނުވާނެ. އެއީ އަހަރެން އެއްވެސް ފިރިހެނަކަށްޓަކައި ކުރާނެ ކަމެއް ނޫން. އަހަރެން ރައްޓެހިވާ މީހަކު އަހަރެން ކައިރީގައި ފިލްމު ކުޅުން ހުއްޓާލަން ބުނެފިނަމަ އަހަރެން އޭނާގެ ފޫކޮޅުގަ ސައްޕެއް އަޅާފަ ފޮނުވާލާނަން،" ކަރިނާގެ އިންޓަވިއުގައި ބުނެފައި ވެއެވެ.
ކަރީނާ އިތުރަށް ބުނެފައިވާ ގޮތުގައި ދުވަހަކުވެސް އޭނާ ކައިވެނި ކޮށްގެން އުޅޭ މީހަކާ ކައިވެނި ކުރާކަށް އަދި ލޯބީގެ ގޮތުން ކުޅޭކަށް ވެސް ގަސްދެއް ނުކުރެ އެވެ. އެއީ ދުވަހަކު ވެސް އޭނާ ކުރާނެ ކަމެއް ނޫންކަމަށް ކަރީނާ ބުންޏެވެ.
"ކައިވެނިކޮށްގެން އުޅޭ މީހަކާ ގުޅުމަކީ މަގޭ ކެރިއަރަށް ގެއްލުންވާނެކަމެއް. އެފަދަ ކަމެއް މަ ނުކުރާނަން،" ކަރީނާ ބުންޏެވެ.