ހަބަރު

ރައްޔިތުންގެ އިހްތިޖާޖުގެ އަޑަކީ އިސްތިއުފާ: ޖަމީލް

ބަޔަކު ބުނާތީ ޓެކްސް ފައިސާއިން އަރާމުކޮށް ގޮނޑި ހޫނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުން ފެއިލްވުން ކަމަށާއި ރައްޔިތުންގެ އިހްތިޖާޖުގެ އަޑަކީ "އިސްތިއުފާ" ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަފު ވިދާޅުވެއްޖެ އެވެ.

ޖަމީލް މިހެން ވިދާޅުވެފައިވާއިރު ގައުމުގެ ހަރު މުދާ ވިއްކުމާއި، ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް އިއްޔެ ހަވީރު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ސައިކަލް ބުރަކާއެކު އިހުތިޖާޖެއްކޮށްފަ އެވެ.

އިއްޔެ ސައިކަލް ބުރުގެ އިހުތިޖާޖަށް ރައީސް ސޯލިހް ވަނީ ގޮވާލައްވާފަ އެވެ. ފުލުހުން އެ މައްސަލަ ބަލަމުން ވެސް ދެ އެވެ.

މިކަމާ ގުޅުވައި ޖަމީލް ވިދާޅުވީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ބަޑިޖައްސައިގެން ކަމަށް ވިދާޅުވި އިރު މައްސަލަތައް އޮތީ ބަންޑުންވެފައި ކަމަށެވެ. އެގޮތުން ގައުމު ވިއްކުމާއި، ދީނަށް ގޮންޖެހުމާއި، ތަކެތީގެ އަގު އުފުލުމާއި އަދި ފަނޑިޔާރު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެ އެ މައްސަލަތައް ބަންޑުން ވެފައިވާ ކަމަށެވެ.

މިއަދުގެ ސަރުކާރުންވެސް އެކަންކަން ކުރަމުންދާ ކަމަށާއި އެ ތާރިޙުތައް އިއާދަވާ ކަމަށެވެ. އެގޮތުން ވައްކަން ކުރުން އާންމުވެ ރައީސް ސޯލިހަށް ޒިންމާދާރު ނުކުރެވޭ ކަމަށާއި ބަޔަކު ބުނާތީ ޓެކްސް ފައިސާއިން އަރާމުކޮށް ގޮނޑި ހޫނު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުން ފެއިލްވުން ކަމަށް ޖަމީލް ވިދާޅުވެފައި ވެއެވެ. އަދި ރައްޔިތުން ކުރަމުންދާ އިހުތިޖާޖުގެ އަޑަކީ ރައީސުލްޖުމްހުރިއްޔާ ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހުގެ ވެރިކަމުން މިއަދު އެ ތާރީހު އެބަ އިއާދަވޭ. ވައްކަން އާންމުވެ ޒިންމާދާރު ނުކުރެވޭ. ގައުމުގެ އިސްތިގްލާލް ދޫކޮށް ދީނަށް ގޮންޖެހުން ދިރުވަނީ. ފަނޑިޔާރުން ބިރުވެރި ކަމެއްގައި. އެއްޗެހީގެ އަގު ބޮޑުވެ ރައްޔިތުން ބަނޑަށް ޖެހެނީ. ބަޔަކު ބުނާތީ ޓެކްސް ފައިސާއިން އަރާމުކޮށް ގޮނޑި ހޫނު ކުރުމަކީ މަސްއޫލިއްޔަތުން ފެއިލްވުން. ރައްޔިތުންގެ އިޙްތިޖާޖުގެ އަޑަކީ އިސްތިއުފާ." ޖަމީލް ވިދާޅުވި އެވެ.

ދާދިފަހުން އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ދައުލަތުގެ ހަަޒާނާ ހުސްވެގެން ދިޔައީ އެއްވެސް ކަމެއް ހައްލު ނުކުރެވި ކަމަށެވެ. އޭގެ ބަދަލުގައި ގައުމުގެ މިނިވަން ކަމަށް ހުރަސް އެޅޭނެ އެތައް ކަމެއް މިއަދު މެދުވެރި ކުރުވާފައިވާ ކަމަށް ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ދިވެހި ރައްޔިތުންނަަކީ ދިވެހިންގެ މިނިވަންކަމަށް ކުޑަނަމަވެސް ބުރުއެއް އަރާނެ ފުރުސަތު ދޭނެ ބައެއް ނޫން ކަމަށާއ ދިވެހި ރައްޔިތުންގެ ލޭ އޮހޮރުވާލައިގެން ވެސް އެ މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން އަންގާރަ ދުވަހު ވަނީ މާފުށީ ބޭރު ކަނޑުމަތީވެސް މުޒާހަރާއެއް ކޮށްފަ އެވެ.