ބޮލީވުޑް

ރުޅިގަނޑު އާލިއާގެ "ސަޅަކް 2" އަށް

ބޮލީވުޑާއި ނެޕޮޓިޒަމް އާ ގުޅުވައި ކުރެވެމުންދާ ބަހުސާއި ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ފިލްމީ އާއިލާތަކުން ފިލްމު އިންޑަސްޓްރީއަށް ވަދެފައިވާ އެކްޓަރުންނަށް އަމާޒުވަމުންދާ ރުޅި އާއި ނަފުރަތުގެ ޝިކާރައަކަށް އެންމެ ފަހުން "ސަޅަކް 2" ވެސް ވެއްޖެ އެވެ.

މިއީ ގިނަ ޒަމާންތަކަކަށް ފަހު މަހޭޝް ބަޓް ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މަހޭޝްގެ ދެ ދަރިން ކަމަށްވާ އާލިއާ އާއި ޕޫޖާ ބަޓް އެކުގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ. މި ފިލްމުގެ ފުރަތަމަ ޓްރެއިލާ ރިލީޒް ކުރީއްސުރެ ވެސް މީހުންގެ އިންތިހާއަށް މި ފިލްމަށް ނަފްރަތުކޮށް ޖޯކު ޖަހާ މަލާމާތް ކުރަމުން ދިޔަ އެވެ. އެންމެ ފަހުން ހޮނިހިރު ދުވަހު އޯޓީޓީ ޕްލެޓްފޯމްގައި ފިލްމު ރިލީޒް ކުރުމާއެކު އަނެއްކާވެސް އިތުރަށް މި ފިލްމަށް ފާޑު ކިޔުމާއި ރުޅި އާ ވަނީ ކުރިމަތިވެފަ އެވެ.

މި ފިލްމަށް އިދިކޮޅު ވޯޓު ދިންލެއް ގިނަ ކަމުން ފިލްމުތަކުގެ ރޭޓިން ދޭ ވެބްސައިޓެއް ކަމަށްވާ އައިއެމްޑީބީގައި މި ފިލްމުގެ ރޭޓިން އަށް ލިބިފައިވަނީ އެންމެ 1.1 އެވެ. މިއީ އެއްވެސް ހިންދީ ފިލްމަކަށް މިހާތަނަށް ލިބިފައިވާ ނުވާ ވަރުގެ ދަށް ރޭޓިން އެކެވެ. ފިލްމު ބެލިޔަސް ނުބެލިޔަސް ފިލްމު ފީކަޅާ ކަމަށް ބުނެ ވޯޓު ދިނުމުގައި ފިލްމާ ދެކޮޅު މީހުން ތިބީ ވަރަށް ޖޯޝާ ފޯރީގަ އެވެ.

ފިލްމާ ދެކޮޅަށް ލިބިފައިވާ 10،000 ވޯޓަށް ބަލާއިރު "ސަޅަކް 2" އަކީ މިހާތަނަށް އެންމެ ދަށް ރޭޓިން ލިބުނު ފިލްމަށް މިހާޜު ވަނީ ވެފަ އެވެ. މި ފލްމާ އެންމެ ގާތުން ދެ ވަނައިގައި އޮތީ ޓާކިޝް ފިލްމެއް ކަމަށްވާ ކޯޑް ނޭމް: ކޭއޯޒެޑް" އެވެ. އެ ފިލްމުގެ ރޭޓިން އަކީ 1.3 އެވެ.

"ސަޅަކް 2" ކަމުނުދާކަމަށް ބުނަނީ ހަމައެކަނި އާއްމުންނެއް ނޫނެވެ. އިންޑިޔާގެ ނޫސްތަކުގައިވާ ފިލްމުގެ ރިވިއުތަކުގައި ކްރިޓިކްސް ނުވަތަ ފާޑުކިޔެ ލިޔާ ލިޔުންތެރިން ވެސް ބުނެފައި ވަނީ މި ފިލްމަކީ މި އަހަރު ނުކުތް އެންމެ ކަމުނުދާ އެއް ފިލްމު ކަމަށެވެ.

ހިންދުސްތާން ޓައިމްސްގެ ރިވިއުގައި "ވޯސްޓް ފިލްމް އޮފް ދަ އިޔާ" ގެ ލަގަބު މި ފިލްމަށް ދީފައިވާއިރު އައިއެމްޑީބީ ވެބްސައިޓްގައި ރިވިއު ލިޔުނު މީހުން ވެސް ބުނެފައިވަނީ މިއީ ހަމަ "ކުނިގަނޑެއް" ކަމަށެވެ. "މި ފިލްމަކީ ޖޯކެއް ނޫން ދެން ކޯޗެއް. ކެތް ނުކުރެވޭ ވަރުގެ އަދި އެ ފިލްމެއްގެ ވާހަކަ ބަޔާން ކުރެވޭ ވަރަށް ވުރެ ވެސް ހުތުރު ފިލްމެއް،" ރިވިއުގައި ލިޔެފައި ވެއެވެ.
ޕޫޖާ އާއި އާލިއާގެ އިތުރުން "ސަޅަކް 2"ގައި ބައިވެރިވަނީ އަދިތުޔާ ރޯއި ކަޕޫރާއި ސަންޖޭ ދަތެވެ.

"ސަޅަކް 2" އާ ފޭނުން ހިތްހަމަ ނުޖެހިފައިވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ އާއި މި ފިލްމުގެ ޑައިރެކްޓަރު މަހޭޝް ބަޓް އާ ގޮތްނޭނގޭ ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް ބުނެ ފެތުރިފައިވާ ޚަބަރުތައް ހިމެނެ އެވެ. އަދި ސުޝާންތުގެ މަރާ ގުޅިގެން އެންމެ ބޮޑަށް މީހުންގެ ރުޅި އަމާޒުވެފައިވާ އެއް ބަތަލާއަކީ އާލިއާ އަށް ވެފައި މި ފިލްމުގައި އެންމެ މުހިއްމު ރޯލެއް ކުޅެނީ އޭނާ ކަމަށް ވުމުން ވެސް ބެލުންތެރިން މި ފިލްމަށް ފާޑުކިޔުން އިތުރުވީ ސަބަބަކަށް ވަނީ ވެފަ އެވެ.