ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދަނގެތީ ނަރުހުން މާލެ ގެންނާތީ މުޒާހަރާކޮށްފި

އދ. ދަނގެތީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދެ ނަރުހުން މާލެ ގެންނަން ނިންމުމުން، އެކަމާ ދެކޮޅު ހަދާ އެ ރަށުގައި މުޒާހަރާކޮށްފި އެވެ.

މާލޭ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާތީ ކޮވިޑަށް ހާއްސަ ކޮށްފައިވާ ފެސިލިޓީތަކަށް ރަށްރަށުގެ ސިއްހީ އެހީތެރިން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިދިޔަ ހަފުތާގަ އެވެ.

ދަނގެތީގައި މަސައްކަތް ކުރާ އިންޑިއާގެ ދެ ނަރުހަކު، އެ ރަށުން މާލެއަށް ބަދަލު ކުރަން ނިންމާފައިވާކަން އެނގުމުން އިއްޔެ ދަނގެތީގައި ވަނީ މުޒާހަރާކޮށްފަ އެވެ. އެ ރަށު ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ރަމްޒީ ވިދާޅުވީ ދެ ނަރުހުން ވެސް މާލެ ގެންދަން ނިންމާފައިވާކަން ރަސްމީކޮށް ނޭނގި ނަމަވެސް އެކަން އެނގުނީ އަތޮޅު ހޮސްޕިޓަލުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި، ނަރުހުން މާލެ ގެންދާތީ ދަނގެތީ މީހުން ތިބީ ނުރުހިފައި ކަމަށެވެ.

"އެ ދެ ނަރުހުންނަކީ އެއްވެސް ތަފާތު ކުރުމެއް ނެތި ރަށުގެ އެންމެންނަށް ހިދުމަތްދޭ ބައެއް. ނަރުހުން ވެސް ބޭނުމެއް ނުވޭ ދާކަށް. ދެން އަލަށް ގެންނަ މީހުން މިތާ [ސިއްހީ މަރުކަޒުގައި] ތިބޭނެ ކަމުގެ ޔަގީންކަމެއް ނެތް އަދި އެ ފެންވަރުގެ ނަރުހުން ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތް" ކައުންސިލަރު ވިދާޅުވި އެވެ.

ރަމްޒީ ވިދާޅުވީ، މައުލޫމާތު ލިބުން ގޮތުގައި ދެ ނަރުހުން ގެންގޮސް ބަދަލުގައި އެ ރަށަށް ފޮނުވާން ނިންމާފައި ވަނީ މަހިބަދޫގައި ތިބި ދެ ނަރުހެކެވެ.

މި މައްސަލައިގައި މިއަދު ހެނދުނު ވެސް އެ ރަށު ސިއްހީ މަރުކަޒު ކައިރީ ރަށުގެ ޒުވާނުން އެއްވެ މުޒާހަރާ ކުރުމުން ދެ ނަރުހުން ނުގެންދަން ނިންމާފައިވާ ކަމުގެ މައުލުމާތެއް ލިބޭ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

ނަމަވެސް، އެއިން އެއްވެސް ކަމެއް ރަސްމީ ލިޔުމަކުން ސިއްހީ މަރުކަޒަށް އަދި އަންގާފައިނުވެ އެވެ.

މިކަމާ ގުޅިގެން އެޗްއީއޯސީ އިން ބުނީ، ކޮވިޑްގެ ނަންބަރުތައް އިތުރުވާ ވަރަކަށް ސިއްހީ އެހީތެރިންގެ ބޭނުން ޖެހޭނެ ކަމަށާއި މި ހާލަތުގައި މުހިއްމީ ގައުމީ މަސައްކަތެއްގެ ގޮތުގައި ބަލައި ހިދުމަތް ދިނުމެވެ. އަދި، ނަރުހުން ގެންދިއުމާ ދެކޮޅު ހަދައި ދަނގެތީގައި މުޒާހަރާ ކުރުމުން ނަރުހުން ނުގެންދަން ނިންމިކަން އެނގިފައެއް ނެތެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް މިއޮތީ މާލޭގައި. ކޮންމެ ގޮތެއް ވިޔަސް މާލެ އަށް ހެލްތު ވޯކަރުން މުހިއްމު. ނަންބަރުތައް އިތުރުވާ ވަރަކަށް ހެލްތު ވޯކަރުންގެ ބޭނުން ޖެހޭނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޑޮކްޓަރުންނާއި ނަރުހުންވެސް ގެނެވޭތޯ" އެޗްއީއޯސީ ކޮމިއުނިކޭޝަންސްގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަތޮޅުތަކުން ހެލްތު ވޯކަރުން މާލެ ގެންނަން މަސައްކަތް ކުރާއިރު މިހާތަނަށް ގެނައީ ކިހާ އަދަދެއްގެ މީހުނެއްކަން އަދިއެއް ނުބުނެ އެވެ.