ހިޔާ މަޝްރޫގެ ދާއިމީ ލިސްޓުތަކަކީ ފުރިހަމަ ލިސްޓުތަކަކަށް ހެދުމަށްޓަކައި މިހާރު އިއުލާނުކޮށްފައިވާ ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށައެޅުމަށް ފްލެޓް ކޮމެޓީން އެދިފައެވެ.
ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ފްލެޓް ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަކަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވާ މީހުންނާއި ޝަރުތު ހަމަނުވާ މީހުން (ޝަރުތު ހަމަނުވާ ކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ވަގުތީ ލިސްޓެއް މިދިޔަ ހަފްތާގެ ހޯމަ ދުވަހު ވަނީ އާންމުކޮށްފައެވެ.
އަދި އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓްތަކަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ފްލެޓް ކޮމެޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާ ތަކަށް ބަލާނެ ކަމަށެވެ.
އެހެން ކަމުން އެ ކޮމިޓީއިން ނެރޭ ދާއިމީ ލިސްޓްތަކަކީ ފުރިހަމަ ލިސްޓްތަކަކަށް ހެދުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު އެ ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ އެކަން ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.
"މި ކޮމިޓީއިން ނެރެފައިވާ ވަގުތީ ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ކޮންމެ މީހަކަށް ވެސް މި ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ވާހަކަ ދަންނަވަން. މިގޮތުން އެހެން މީހަކަށް ޕޮއިންޓް ލިބިފައިވާ ގޮތާމެދު ޝަކުވާއެއް ހުށަހަޅުއްވަން ބޭނުންވާ މީހުން ވެސް މި ޕޯޓަލް މެދުވެރިކޮށް އެ ޝަކުވާއެއް ހުށަހެޅޭނެ،"
ފްލެޓް ކޮމެޓީން ބުނީ ވަގުތީ ލިސްޓްތަކާއި ގުޅޭ ގޮތުން ހުށަހެޅޭ ކޮންމެ ޝަކުވާއެއް އެ ކޮމިޓީއިން ބަލައި ދާއިމީ ލިސްޓްތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ފްލެޓް ކޮމެޓީން އާންމުކުރި ވަގުތީ ލިސްޓާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފްލެޓް ހައްގު އެތައް ބައެއްގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށް ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.