ހަބަރު

ވާޗުއަލް ދުވުމުގައި ބައިވެރިވާން މާދަމާ ހުޅުވާލަނީ

Aug 31, 2020

ޔުނިކް ސްޕޯޓިން އިން ރާއްޖޭގައި ބާއްވާ އިންޓަނޭޝަނަލް ވާޗުއަލް ދުވުމުގައި ބައިވެރިވާން މާދަމާ ހުޅުވާލާނެ އެވެ.

"ރަން ފޯ މޯލްޑިވްސް" ގެ ނަމުގައި މި ދުވުން އޮންނާނީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

ޔުނިކް ސްޕޯޓްސް އިން ބުނީ، މި ދުވުމުގައި ވަރަށް ކުޑަ ފީއެއް ދީގެން ބައިވެރި ވެވޭނެ ކަމަށެވެ. އަދި ދުނިޔެ އަށް ހުޅުވާލައިގެން ބާއްވާ ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި 10 ފަރާތަކަށް ރާއްޖޭގެ ރިސޯޓުތަކެއްގައި ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

މި ދުވުން ބާއްވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ އިތުރު ޓޫރިޒަމް ހުޅުވުމާއެކު ރާއްޖެ އަންނަން މީހުންގެ މެދުގައި ޝައުގުވެރިކަން އުފައްދާށެވެ.

ދުވުމުގައި 5.5 ކިލޯ މީޓަރާއި 15 ކިލޯ މީޓަރު އަދި 21 ކިލޯ މީޓަރުގެ އިތުރުން 870 ކިލޯ މީޓަރު ހިމެނެ އެވެ. މި ދުވުމުގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ވެސް މެޑަލް ގެއަށް ފޮނުވައިދޭނެ އެވެ.