ފިނިޕޭޖް

ސްޓާ ކިޑަކަށް ނުވާތީ ތަފާތުކުރޭ: މުރުނާލް

ހިންދީ ފިލްމު އިންޑަސްޓްރީގައި އޮންނަ ތަފާތު ކުރުންތަކާ ގުޅޭ ބަހުސްތައް މި ދުވަސްވަރު ވަނީ ވަރަށް ހޫނުވެފަ އެވެ. ފިލްމީ ތަރިންގެ ދަރިންނާއި އެ ތަރިންގެ އާއިލާގެ މީހުންނާއި އެ ފަދަ އާއިލާތަކާ ގުޅުމެއް ނެތް އެކްޓަރުންނާ ވަރަށް ބޮޑަށް ތަފާތުކުރާ ކަމުގެ ތުހުމަތުތައް މިހާރު ގިނަ ބަޔަކު ދަނީ ބައެއް ޕްރޮޑީއުސަރުންނާއި ޑައިރެކްޓަރުންނަށް ކުރަމުންނެވެ. އަދި މިއީ ޒަމާނުއްސުރެ ބޮލީވުޑްގައި އަށަގަނެފައިވާ ގޯސް އާދައެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަ ކުރެ އެވެ. މި ވާހަކަތައް މާބޮޑަށް ހޫނުވީ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ މިކަމާ ގުޅުވަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެވެ.

ސުޝާންތުގެ މަރަށް ފަހު ވަރަށް ގިނަ ޓީވީ އަދި ފިލްމު އެކްޓަރުން ދަނީ އެމީހުންގެ ތަޖުރިބާތައް ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުންނެވެ. އެގޮތުން ޓީވީ ސިލްސިލާތައް ކުޅުމަށްފަހު ބޮލީވުޑް ފިލްމުތަކުން ފުރުސަތު ލިބިގެން އެ މަސައްކަތް ފެށި ޒުވާން ބަތަލާ މުރުނާލް ޓާކޫރަށް ވެސް މި ތަފާތު ކުރުންތަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު ކަމަށް އޭނާ ބުނެ އެވެ.

މުރުނާލް ދާދިފަހުން އިންޑިޔާގެ ނޫހަކަށް ދީފައިވާ އިންޓަވިއު އެއްގައި އޭނާއަށް ކުރަން ޖެހުނު ހިތްދަތި ބައެއް ތަޖުރިބާތައް ހިއްސާ ކޮށްފައި ވެއެވެ.

މުރުނާލް ބުނި ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގެ ވަރަށް ކުރީކޮޅު މިފަދަ ހިތްދަތި ތަޖުރިބާތަކެއް ކުރަން ޖެހުނެވެ. އެފަދަ ދެ އިވެންޓެއްގައި ކަން ހިނގައިދިޔަ ގޮތް މުރުނާލް ކިޔައިދިނެވެ. އެ ދެ އިވެންޓަކީ ވެސް ދެ އެވޯޑް ޝޯ އެކެވެ. ސްޓާ ކިޑް އަކަށް ނުވާތީ ނޫސްވެރިން ވެސް އޭނާއަށް ތަފާތުކުރާ ކަމަށް މުރުނާލް ތުހުމަތު ކުރި އެވެ.

"އަހަރެންނަށް ބެސްޓް ކްރިޓިކްސް އެވޯޑު ލިބުނު ރަސްމިއްޔާތެއްގައި އަހަރެންގެ ނަން ގޮވުމުން ސްޓޭޖަށް އަރަން ފެށުމުން ތިއީ އެވޯޑު ހިފައިގެން އެނބުރި ދާއިރު ނުކުންނަން ހުރި ދޮރޭ ކިޔާފައި މީހަކު އަހަރެން ހުއްޓުވި. ނަމަވެސް އެހެން ބަތަލާއެއް (ސްޓާ ކިޑް އެއް) ހަމަ އެ ދޮރުން ވަދެގެން ދިޔައިރު އެއްވެސް މީހަކު އޭނާއެއް ނުހުއްޓުވި. ހުއްޓުވުމުގެ ބަދަލުގައި އޭނާގެ މޫނަށް މައިކް ދިއްކުރީ،" މުރުނާލް ބުންޏެވެ.

އެވޯޑު އޮގަނައިޒަރުން ވެސް ސްޓާ ކިޑްސް އަށް ތަފާތުކޮށް އަދި އެނޫން އެކްޓަރުންނަށް ތަފާތުކޮށް ކަންތައް ކުރާ ކަމަށް މުރުނާލް ބުންޏެވެ. އޭގެ އިތުރުން އެހެން އިވެންޓެއްގައި ވެސް މިފަދަ ކަމެއް މުރުނާލް ތަޖުރިބާ ކުރި ކަމަށް މުރުނާލް ބުންޏެވެ.

"އެ އިވެންޓަށް ވަދެގެން ދިޔައިރު ހޯސްޓުން އަހަންނާ ބައެއް ސުވާލުތައް ކުރީމަ އެ ސުވާލުތަކަށް ޖަވާބުދޭން ހުއްޓާ ސްޓާ ކިޑް އެއް ވަދެގެން އަންނަ ތަން ފެނުމުން މީޑިއާގެ އެންމެން ދުވެފައި ގޮސް އޭނާ ވަށާލި. އެ މީހުން ދުވެފައި ދިޔައީ އަހަރެންގެ ޖަވާބު ފުރިހަމަ ވެސް ނުވަނީސް. މީޑިއާއިން އެ ބަތަލާ ވަށާލުމުން އޭނާގެ ލައިގެން ހުރި ހެދުމަށް ވެސް ބައެއް މީހުންނަށް އެރުނު،" މުރުނާލް ބުންޏެވެ.

އޭނާގެ ނެޕޮޓިޒަމް ތަޖުރިބާ ހިއްސާ ކުރަމުން މުރުނާލް އިތުރަށް ބުނީ އެ ތަފާތުތައް ކުރަނީ ހަމައެކަނި އިންޑަސްޓްރީގެ މީހުން ނޫން ކަމަށެވެ. އޯޑިއަންސާއި މީޑިއާ އިން ވެސް އެ ތަފާތުކުރުން ގެންގުޅޭ ކަމަށް ރިތިކް ރޯޝަން ބަތަލު ބައި ކުޅުނު "ސުޕަ 30"ގެ ބަތަލާ ބުންޏެވެ.

މީޑިއާއިން އެގޮތަށް ކަންތައް ކުރަނީ އޯޑިއަންސް ވެސް ސްޓާރުންގެ ދަރިންގެ ވާހަކަތައް ކިޔަވަން މާ ބޮޑަށް ޝައުގުވެރިވާތީކަމަށް ދެކޭ ކަމަށާއި އެއީ ސްޓާރުންގެ ދަރިންގެ ބޮލުގައި އެކަމުގެ އިލްޒާމް އަޅުވަން ޖެހޭ ސަބަބެއް ކަމަށް ނުދެކޭ ކަމަށް ވެސް މުރުނާލް ބުންޏެވެ.
މުރުނާލް ބުނި ގޮތުގައި ފިލްމީ ވިޔަފާރީގެ ދުނިޔެއަކީ އުޅެން ފަސޭހަ ތަނެއް ނޫނެވެ. ފުރަތަމަ ފިލްމަށް ފަހު ގިނަ ބަޔަކު ދެން އޭނާ ކުރަނީ ކޮން ކަމެއްތޯ ބަލާނެ ކަމަށާއި ދެ ވަނަ ފިލްމަކަށް 200 ޕަސެންޓް ނުދެވިއްޖެނަމަ އެ މީހެއްގެ ދުވަސް ދުއްވާލަން ތިބޭނީ ތައްޔާރަށް ކަމަށް "ލަވް ސޯނިއާ"ގެ ބަތަލާ ބުންޏެވެ.

މުރުނާލް ނޫނަސް ވަރަށް ގިނަ ހުނަރު ވެރި އެކްޓަރުން މި ޝަކުވާ މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މިއީ މާ ކުރިއްސުރެ ފިލްމު އިންޑަސްޓްރީގައި ކަންތައްތައް ވަމުންދާ ގޮތަށް ވާތީ އެހާ އަވަހަށް މި ތަފާތުކުރުން ނައްތާލެވޭނެ ކަމަށް އެއްވެސް އެކްޓަރަކު އުންމީދެއް ނުކުރެ އެވެ.