ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމަށްވާ "ރާމްބޯ" ގެ ހިންދީ ރިމޭކެއް އިއުލާން ކޮށްފައި އޮންނަތާ މިހާޜު ދުވަސްކޮޅެއް ވެއްޖެ އެވެ. ހޮލީވުޑް ފިލްމުގައި "ރާމްބޯ" ގެ ރޯލު އަދާކުރީ ސިލްވެސްޓާ ސްޓެލޯން އެވެ. އެ ފިލްމުގެ ހިންދީ ރިމޭކްގައި ރާމްބޯގެ ރޯލު ކުޅެން ހަމަޖެހިފައި ވަނީ ޓައިގާ ޝްރޮފް އެވެ.
ޓައިގާ ބުނެފައިވާ ގޮތުގައި ސްޓެލޯން އަކީ އޭނާގެ އައިޑޯލް އެކެވެ. އެހެންވީމާ އޭނާ ކުޅެފައިވާ ރާމްބޯގެ ރޯލު ކަހަލަ ތާރީޚީ ރޯލެއް ކުޅެލަން ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
"ރާމްބޯ" ގެ ޑައިރެކްޓަރަކަށް ކުރިން ހަމަޖެހިފައި އޮތީ ސިދާރްތު އާނަންދު ނަމަވެސް މިހާރު މި ފިލްމު ޑައިރެކްޓް ކުރުމުގެ ޒިންމާ ރޯހިތު ދަވަން އާ ހަވާލު ކުރަން އުޅޭ ކަމަށް ޚަބަރުތައް ބުނެ އެވެ. ފިލްމު ޕްރޮޑިއުސް ކުރުމާ ޔާޝްރާޖުން ހަވާލުވެފައިވާ ކަމުގެ ޚަބަރުތައް ފެތުރިފައިވީ ނަމަވެސް ފިލްމްފެއާ މަޖައްލާއިން ބުނެފައިވާ ގޮތުގައި ޔާޝްރާޖުން އެ ފިލްމު ޕްރޮޑިއުސްކުރުމުގެ ވިސްނުމެއް މިހާރަކު ނެތެވެ.
"ރާމްބޯ" ގެ ރައިޓްސް އޮތީ ސިދާރްތު އަތުގަ އެވެ. އަދި ޓައިގާ އާއެކު މި ފިލްމުގެ ރިމޭކެއް ހެދުމުގެ ޚިޔާލު ސިދާރްތު ގެންގުޅޭތާ ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ. ނަމަވެސް އޭނާ ޑައިރެކްޓްކުރި ޓައިގާ އާއި ރިތިކް ރޯޝަން ބަތަލުގެ ބައި ކުޅެފައިވާ "ވޯ" އުފެއްދުމުގެ މަސައްކަތާ ހެދި "ރާމްބޯ" އުފެއްދުން ލަސްވީ އެވެ. އަދި މިހާރު ސިދާރްތު ވަރަށް ބިޒީކޮށް އުޅެނީ ޝާހްރުކް ޚާނާއި ޖޯން އެބްރަހަމްގެ ވާދަވެރިކަމުގެ ހަނގުރާމައެއް ދައްކުވައިދޭ "ޕަތާން" އުފެއްދުމުގެ މަސައްކަތުގައި ކަމަށް ވާތީ މީން އިރަކުވެސް އޭނާއަށް "ރާމްބޯ"ގެ މަސައްކަތް ފެށޭކަށް ނެތެވެ.
ޔާޝްރާޖް އާއި ސިދާރްތުގެ މެދުގައި ވަރަށް ރަނގަޅު ވިޔަފާރީގެ ގުޅުންތަކެއް އޮތުމާއެކު ރޯހިތު ލައްވާ އެ ފިލްމު ޑައިރެކްޓްކުރުމަކީ ސިދާރްތު އަށް މައްސަލައެއް އޮތް ކަމަކަށް ނުވެ އެވެ. ނަމަވެސް މިހާރު ރޯހިތު އާއެކު އެ ފިލްމުގެ މަސައްކަތް ފެށުމަށް ޔާޝްރާޖުން ވަނީ ފަސްޖެހިފަ އެވެ.
ކޮންމެ ގޮތެއް ވިޔަސް "ރާމްބޯ"ގެ މަސައްކަތް އަދި މާ އަވަހަކަށް ފެށޭކަށް ނެތެވެ. ޓައިގާ އަށް ވެސް އަދި "ރާމްބޯ"ގެ މަސައްކަތް ފަށަން ވަގުތު ބޭނުންވެ އެވެ. އޭނާ މިހާޜު ކުޅެމުންދާ "ހީރޯޕަންތީ 2"ގެ މަސައްކަތް ނިންމާފައި ނޫނީ ޓައިގާ އަށް "ރާމްބޯ"ގައި ބައިވެރި ވެވޭކަށް ނެތެވެ. އެހެންވެ އެންމެ އަވަހަށް ވެސް "ރާމްބޯ"ގެ މަސައްކަތް ފެށޭވަރު ވާނީ އަންނަ އަހަރު ނިމޭ ހިސާބުގަ އެވެ.
"ރާމްބޯ" އުފެއްދުން ރޯހިތު އާ ހަވާލު ވިޔަސް އޭނާއަށް އެ ފިލްމުގައި އަތް ލެވޭނީ އޭނާ މިވަގުތު ޑައިރެކްޓްކުރުމަށް ތައްޔާރުވަމުންދާ ކާރްތިކް އާރްޔަން ބައިވެރިވާ ފެމެލީ އެންޓަޓައިނާއެއްގެ މަސައްކަތް ނިންމާފަ އެވެ. އަންނަ ފެބްރުއަރީ މަހު ޝޫޓިން ފަށާ މި ފިލްމު ނިންމާފައި ނޫނީ "ރާމްބޯ"ގެ މަސައްކަތް ރޯހިތު އަކަށް ނުފެށޭނެ އެވެ.
ސިދާރްތު "ޕަތާން" ނިންމާފައި "ވޯ 2"ގެ މަސައްކަތް ފަށަން ވަނީ ހަމަޖެހިފަ އެވެ. ވީމާ ކުރިޔަށް އޮތް ދެ އަހަރެއްހާ ދުވަހު ވެސް އޭނާއަކަށް އިތުރު މަސައްކަތަކާ ހަވާލެއް ނުވެވޭނެ އެވެ. ރޯހިތު އަށް "ރާމްބޯ"ގެ ޒިންމާ ހަވާލުކުރަން ސިދާރްތު އެއްބަސްވީ އެހެންވެ އެވެ. ނަމަވެސް ސިދާރްތު އާ ނުލައި ޔާޝްރާޖުން "ރާމްބޯ" ޕްރޮޑިއުސް ކޮށްފާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ.