ބޮލީވުޑްގެ ސުޕަހީރޯ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އެކްޓަރު ޓައިގާ ޝްރޮފްގެ ފިލްމުތަކުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ވަރުގެ މޮޅު ސްޓަންޓްތައް އޭނާ އަމިއްލައަށް ކުޅެފައި ވެއެވެ. ޓައިގާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ހޮލީވުޑް ފިލްމު "ސުޕައިޑަ-މޭން"ގެ ލީޑް ރޯލަށް ވެސް އޭނާ އޮޑިޝަން ދިނެވެ.
ސްޕައިޑަ-މޭން ސީރީޒްއަކީ 2002 އިން ފެށިގެން ރިލީޒްކުރަމުން އަންނަ ސީރީޒްއެކެވެ. ހޮލީވުޑް އެކްޓަރުންގެ ތެރެއިން ޓޮބީ މެގުއާ، އެންޑްރޫ ގާފީލްޑް އަދި ޓޮމް ހޮލަންޑް ފަދަ އެކްޓަރުން މި ސީރީޒްގެ އެކި ފިލްމުތަކުގައި ބަތަލުގެ ބައި އަދާކޮށްފައި ވެއެވެ. އަދި 2021ގައި ރިލީޒްކުރި "ސްޕައިޑަ-މޭން: ނޯ ވޭ ހޯމް"ގައި ވެސް މި އެކްޓަރުން ވަނީ ބައިވެރިވެފަ އެވެ. އަދި ސްޕައިޑަ-މޭންގެ މާވެލް ކޮމިކްސް އިންޑިއާ ވާޝަން އެއްވެސް ނެރެފައި ވެއެވެ.
ޓައިގާ ބުނި ގޮތުގައި ސްޕައިޑަ-މޭން ކުޅެން އޭނާ އޮޑިޝަން ދިން ނަމަވެސް ވަރަށް ކުޑަކުޑަ ޕޮއިންޓެއްގެ ތަފާތުން އޭނާ އެ ރޯލަށް ނުހޮވުނީ އެވެ.
"އަހަރެން އެމީހުންނަށް ފޮނުވިން އަހަރެންގެ ޓޭޕްތަކާއި ޝޯރީލްތައް. އެމީހުން އެ އެއްޗެތި ބަލާފައި ވަރަށް ކަމުދާކަމަށް ބުނި. އަހަރެން ބުނިން ވީއެފްއެކްސް އަށް ކަލޭމެން ކުރަން ޖެހޭ ޚަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނޭ އަހަރެން ބައިވެރި ކުރީމަ. އެއީ ގިނަ ސްޓަންޓްތައް އަހަރެން އަމިއްލައަށް ހަދާނަމޭ،" ޓައިގާ ކިޔައިދީފައި ވެއެވެ.
ނަމަވެސް އޭނާ އޮޑިޝަން ދިނީ ސްޕައިޑަ-މޭންގެ ކޮން ފިލްމަކަށް ކަމެއް ޓައިގާ ނުބުނެ އެވެ.
ޓައިގާ ބުނި ގޮތުގައި ހޮލީވުޑްގައި މަސައްކަތްކުރުމުގެ ޝައުގު އޭނާގެ އެބަހުއްޓެވެ. އަދި އެ އިންޑަސްޓްރީގެ ފުންނާބުއުސް ގިނަ ބަޔަކާ ބައްދަލުކުރުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. އަދި އެމީހުންގެ ވާހަކަތަކުން ޓައިގާ އާއެކު މަސައްކަތްކުރުމަށް އެމީހުން ވެސް ޝައުގުވެރިވާހެން ހީވާކަމަށް އޭނާ ބުންޏެވެ.
ޓައިގާގެ ބޮލީވުޑް ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒްކުރި "ހީރޯޕަންތީ 2" ވަނީ ފްލޮޕްވެފަ އެވެ. އެ ފިލްމު އުފައްދަން 70 ކްރޯޑު ޚަރަދުކޮށްފައިވާއިރު ލިބިފައިވަނީ އެންމެ 35 ކްރޯޑެވެ. މިހާރު ޓައިގާ ކުޅެމުންދަނީ ކްރީތީ ސެނޯން އާއެކު ކުޅޭ "ގަންޕަތު" އެވެ.