ބޮލީވުޑް

ކޮވިޑަށް ޕޮޒިޓިވް ވިޔަސް އަލާމާތެއް ނުފެނޭ: ޖެނީލިއާ

ފިލްމީ ބަތަލާ ޖެނީލިއާ ޑިސޫޒާ (ޖެނީލިއާ ދޭޝްމުކް) ކޮވިޑް-19 އަށް ޕޮޒިޓިވް ވިޔަސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ފެނިފައި ނުވާ ކަމަށް އޭނާ ބުނެފި އެވެ. ކޮވިޑަށް ޕޮޒިޓިވް ވެ 14 ދުވަސް ފަހުން ކުރި ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށް ވެސް ޖެނީލިއާ ބުންޏެވެ. އަދި އޭގެ ފަހުން ވެސް އޭނާ އާއިލާ އާ ބައްދަލުކޮށް އިތުރު ހަފުތާއެއް ކަރަންޓީނުގައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އެކްޓަރު ރިތޭޝް ދޭޝްމުކް އާއި ކައިވެނިކޮށް ދެ ކުދިން ލިބިފައިވާ "ޖާނޭ ތޫ ޔާ ޖާނެ ނާ"ގެ ބަތަލާ ބުނި ގޮތުގައި އޭނާ އާއި ފިރިމީހާ ރިތޭޝް މުމްބައިގެ ލީލާވަތީ ހޮސްޕިޓަލަށް ގޮސް ކޮވިޑް އަށް ޓެސްޓްކުރީ އެމީހުން ގާތް ގުޅުމެއް ބޭއްވި މީހަކު ޕޮޒިޓިވް ވުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"އަހަރެންގެ ހަށީގަނޑުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ ވައިރަސް ހުރެދާނެ ކަމަކަށް އެއްގޮތަކަށް ވެސް ހިއެއް ނުކުރަން. ނަމަވެސް ޓެސްޓް ނަތީޖާ ޕޮޒިޓިވް ވުމުން އަހަރެންނަށް ކޮވިޑް ޖެހިފައިވާކަން ޔަގީން ކުރެވުނު. ނަމަވެސް ރިތޭޝްގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށް. އަހަރެން ނޫން އެހެން އެއްވެސް މީހަކު އަހަރެންގެ އާއިލާއިން ޕޮޒިޓިވް އެއް ނުވޭ،" ޖެނީލިއާ ބުންޏެވެ.

ޖެނީލިއާ ބުނި ގޮތުގައި ކޮވިޑަށް ޕޮޒިޓިވް ވުމުން ފިރިމީހާ އާއި ދަރިންނާ މުޅިން ވަކިން ވޯލީގައި ހުރި އެ މީހުންގެ އެހެން އެޕާޓްމަންޓަކަށް ބަދަލުވެ ކަރަންޓީނު މުއްދަތު ހަމަކުރީ އެ ތަނުގައި ހުރެގެން ކަމަށެވެ.

ކުޑަ ދެ ކުދިން ގޮވައިގެން ވަރަށް ބިޒީކޮށް ދިރިއުޅުނު ޖެނީލިއާ އަށް ކުދިންނާ މާ ދުރުގައި އެކަނި ތަނެއްގައި ހުރުން ވީ ވަރަށް އުނދަގޫ އަދި އެހާމެ ހިތްދަތި ކަމަކަށް ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރު ކުރީ ބައިގައި ބުނި އެކަނިވެރިކަމުގެ އިހްސާސް އަކީ ވަރަށް މާޔޫސް ކުރުވަނިވި ކަމަކަށް ވާނޭ. ވީވެސް ހަމަ އެހެން. ރިތޭޝް އާއި ދެ ދަރިންގެ މަތިން ހަނދާންވާ ވަރުން އަހަރެން ވަރަށް ދެރަވެ ހިތްދަތިކަން އިހްސާސް ކުރެވުނު. ހަގީގަތުގައި ކޮވިޑް ޖެހި ބަލި ވުމަށް ވުރެ އެހެން މީހުންނާ ވަކިން ހުންނަން ޖެހުމުން އެ ކުރެވޭ އެކަނި ވެރި އިހްސާސްތަކުން ހިތުގައި އަޅާ ވޭނެއް ކުޑައެއް ނޫން،" ޖެނީލިއާ ބުންޏެވެ.

ޖެނީލިއާ ބުނި ގޮތުގައި އޭނާގެ މަންމަ އާއި މައިދައިތަ އަދި ކުދިން އިރުއިރުކޮޅުން އޭނާއަށް ވީޑީއޯ ކޯލް ކޮށް ވާހަކަ ދައްކާތީ ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އަދި އެކުވެރިން ވެސް ވަރަށް ގިނައިން ގުޅައި ހިތްވަރުދީ ހެދި ކަމަށް އޭނާ ބުންޏެވެ.