ސޮނީ ޓީވީގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ޑރ. މަޝްހޫރު ގުލާޓީގެ ރޯލު އަދާކުރި ކޮމޭޑިއަން ސުނިލް ގްރޯވަރު އަލަށް ފަށަން އުޅުނު ކޮމެޑީ ޝޯ ދައްކަން ނުފަށަނީސް މައްސަލަތަކެއް ދިމާވެއްޖެ އެވެ.
ކަޕިލް ޝަރުމާ ޝޯގެ ހޯސްޓް ކަޕިލް އާއި ސުނިލް އާ ދެމެދު ޖެހުނު މައްސަލަތަކެއްގައި ސުނިލް އަމިއްލައަށް އެ ޝޯއިން ވަކިވުމަށް ފަހު ކެރިއަރު އަލުން ހަމަޔަކަށް އަޅުވަން ސުނިލް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. މީގެ ކުރިން ސްޓާ ޕްލަސް އިން ދެއްކި ސުނިލްގެ ޝޯ "މޭޑް އިން އިންޑިޔާ" ގެ ވެސް ރޭޓިން ދަށްވެ ވަނީ ހުއްޓާލާފަ އެވެ.
ސުނިލް އަށް އެހީތެރިވުމުގެ ގޮތުން ސަލްމާން ޚާން ވެސް އޭނާއަށް ގިނަ މަސައްކަތްތަކެއް ހޯދައިދީފައި ވެއެވެ. ސަލްމާން ފަހުން ކުޅުނު ފިލްމުތަކުގައި ވެސް ސުނިލް ބައިވެރިކޮށްފައި ވެއެވެ. ނަމަވެސް މި މަސައްކަތްތަކުން ވެސް ސުނިލްގެ ކެރިއަރަށް މާ ބޮޑު ކުރިއެރުންތަކެއް ލިބޭ ގޮތެއް ނުވި އެވެ.
މިހާރު ވެސް ކަޕިލްގެ ޝޯގައި ބައިވެރިވުމުގެ ފުރުސަތު ސުނިލް އަށް އޮތީ ހުޅުވިފަ އެވެ. ނަމަވެސް ކަޕިލް އާ ދެމެދު ޖެހުނު މައްސަލަ ހަނދާން ނައްތާލައި އަލުން އެ ޝޯގައި ބައިވެރިވާން ސުނިލް އަދި ތައްޔާރެއް ނޫނެވެ. ނަމަވެސް މިހާރު އަނެއްކާވެސް ކަޕިލް އާއި ސުނިލް އާ ދެމެދު އެކުވެރިކަން ގާއިމް ކުރެވި ދެ މީހުން ވާހަކަ ދައްކާ އުޅެ އެވެ.
ކޮމެޑީ ޝޯތަކަށް ސުނިލް އެނބުރި އައުން ފާހަގަ ކުރުމަށް ހަމަޖެހިފައި އޮތީ "ގޭންގްސް އޮފް ހިންދުސްތާން" ކިޔާ ކޮމެޑީ ޝޯ އަކުންނެވެ. މި ޝޯ އޮގަސްޓް 31 ގައި ދައްކަން ފަށާފައިވާއިރު ފުރަތަމަ އެޕިސޯޑާއެކު ވެސް ޝޯއަށް ވަނީ މައްސަލަތައް ކުރިމަތިވެފަ އެވެ. އެ ޝޯގެ އެންމެ މުހިއްމު އެއް ބައިވެރިއެއް ކަމަށްވާ ޝިލްޕާ ޝިންޑޭ އެ ޝޯގެ ޓީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު ޝޯ އާ ވަކިވުމުންނެވެ.
ޝިލްޕާ ބުނެފައިވާ ގޮތުގައި އެ ޝޯގައި މަސައްކަތް ކުރުވަނީ އިންސާނުން ލައްވާ މަސައްކަތް ކުރުވަން ހެޔޮވާ ވަރަށްވުރެ މާ ގިނަ އިރު އެވެ. އަދި ކޮވިޑްގެ އެއްވެސް ގައިޑްލައިނަކަށް އެ ޝޯގެ ސެޓުގައި އަމަލުތައް ނުބަހައްޓާ ކަމަށް ޝިލްޕާ ތުހުމަތު ކުރެ އެވެ. އަދި ޝޯގައި ބައިވެރިވާ އެހެން އާޓިސްޓުންނަށް ފުރުސަތުނުދީ މުޅި ޝޯ ގައި ވެސް ދައްކަނީ ހުސް ސުނިލް ކުރާ ކަންތައްތައް އެކަނި ކަމަށެވެ.
ޝިލްޕާ މިގޮތަށް އަނގަ ގަދަ ކުރަން ފެށުމުން ސުނިލް އާއި މި ޝޯގެ ޕްރޮޑިއުސަރު ޕްރީތީ ސިމޯސް ވަނީ އޭނާ ދެކެ ވަރަށް ރުޅި އައިސްފަ އެވެ. ޕްރީތީ އަކީ ކުރިން "ދަ ކަޕިލް ޝަރުމާ ޝޯ" ގެ ޕްރޮޑިއުސަރެވެ. ސުނިލް އާއި ކަޕިލް އާ ޖެހުނު މައްސަލައިގެ އަސްލަކީ ޕްރީތީ ކަމަށް އިންޑިޔާގެ ނޫސްތަކުން ތަންކޮޅެއް ކުރިން ޚަބަރު ފަތުރާފައި ވެއެވެ.
ޝިލްޕާގެ މި ތުހުމަތުތައް ސުނިލް އާއި ޕްރީތީ ދޮގު ކުރި ނަމަވެސް ޝޯގައި ބައިވެރިވާ އެހެން އެކްޓަރުން ޝިލްޕާ ދައްކާ ވާހަކަ އާ އެއްބަސް ވެއެވެ. އަދި ޝިލްޕާ ނޫނަސް ވަރަށް ގިނަ އެކްޓަރުން ޝޯ އިން ވަކިވާން މިހާރު ދަނީ ވިސްނަމުންނެވެ.
ވީމާ އަމިއްލަ ޝޯއެއް އުފައްދާ އެ ޝޯގައި މަސައްކަތް ކުރަން ސުނިލް ކުރި މަސައްކަތްތައް މީގެ ކުރިން ނާކާމިޔާބު ވީ ގޮތަށް މިފަހަރު ވެސް ނާކާމިޔާބު ވުމުގެ ފުރުސަތު މިހާރު ވަނީ ބޮޑުވެފަ އެވެ.