ބޮލީވުޑް

ސީބީއައިވެސް ބުނަނީ ސުޝާންތު މަރާލިކަމުގެ ހެއްކެއް ނެތޭ!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު މަރުވިތާ ދެ މަސް ދުވަސް ފާއިތުވީއިރު އޭނާގެ މަރާ ގުޅޭ ތަފާތު ވާހަކަތަކެއް ކޮންމެ ދުވަހަކު ވެސް ދަނީ ފެންމަތިވަމުންނެވެ. ސުޝާންތު މަރުވީ އަމިއްލައަށް ކަމަށް މުމްބައި ފުލުހުން ބުނި ނަމަވެސް އޭނާގެ އާއިލާއިން އެކަމާ އެއްބަސް ނުވާތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަލަ އަލުން ބެލުމަށް އިންޑިޔާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް އަމުރުކޮށްފަ އެވެ.

މިހާރު ސީބީއައި އިން އެ މައްސަލަ ބަލާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. ސުޝާންތުގެ މަރު ތަހުގީގުކުރުމުގައި އެންމެ އިސްކޮށް އުޅޭ ތިން އޮފިސަރުން އިންޑިޔާގެ ނޫހަކަށް މިދިޔަ އަންގާރަ ދުވަހު ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ އާއިލާއިން ޝައްކުކުރާ ގޮތަށް ސުޝާންތު މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް އެމީހުންގެ ތަހުގީގަށް ލިބިފައި ނުވާ ކަމަށެވެ.

މިދިޔަ ޖޫން 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި ހުއްޓާ ފެނުނުއިރު އޭނާ ހުރީ މުމްބައިގައި ހުންނަ އޭނާ ދިރިއުޅޭ އެޕާޓްމަންޓުގެ ނިދާ ކޮޓަރީގައި ހަރުކޮށްފައި ހުރި ފަންކާއެއްގައި ދަންޖެހިފަ އެވެ.

އޭނާ މަރުވިތާ އެއް މަސް ފަހުން އާއިލާއިން ވަނީ އޭނާ މަރުވިއިރު ރައްޓެހިވެގެން އުޅުނު ރިއާ ޗަކްރަބަތީގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފަ އެވެ. ސުޝާންތުގެ އާއިލާއިން ބުނަނީ އޭނާ އަމިއްލައަށް މަރުވާން މަޖްބޫރުވާ ފަދަ ހާލަތެއް ރިއާ ކުރިމަތިކުރީ ކަމަށެވެ.

ސީބީއައި އިން މި މައްސަލައާ ހަވާލުވުމަށް ފަހު ވަރަށް ރަނގަޅަށް މި މައްސަލަ އަލުން ބަލުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ހަތަރު ދުވަހެއްގެ މަތިން 35 ގަޑިއިރަށް ވުރެ ގިނަ އިރު ރިއާ އާ ސުވާލު ކޮށްފައި ވެއެވެ.

ސީބީއައިގެ ފޯކަސް ވެސް ހުރީ ސުޝާންތު އަމިއްލައަށް މަރުވި ސަބަބު ތަހުގީގު ކުރުމަށެވެ. ނަމަވެސް މަރުވާން މެދުވެރިވީ ސަބަބުތަކުގެ ތަހުގީގު ނުނިމޭތީ އަދި ރަސްމީކޮށް މި މައްސަލައިގައި އެ ފަރާތުން ވަކި އެއްޗެއް ނުބުނެ އެވެ.