ވިޔަފާރި

ގޭގައި ކުރާ މަސައްކަތް ރަޖިސްޓްރީ ކުރާކަން ނުޖެހޭނެ

Sep 3, 2020
3

އާމްދަނީ ހޯދަން ގޭގައި ތިބެގެން ކުރާ މަސައްކަތް ރަޖިސްޓްރީކުރާކަށް ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ކާބޯތަކެތީގެ ހިދުމަތް ދޭ ފަރާތްތައް ރަޖިސްޓްރީ އަންގާފަ އެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މި އެންގުމާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަން ބޮޑުވުން ފާޅު ކުރަމުންނެވެ.

އެޗްޕީއޭ އިން މިގޮތަށް ނިންމީ ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިން އެކަމަށް އެދި ގިނަ މަސައްކަ ތްތަކެއް ކުރަމުން ދިއުމާ ގުޅިގެންނެވެ. އެ ޖަމިއްޔާގެ ޝަކުވާއަކީ ވިޔަފާރިތަކުން ގިނަ ކަންތައްތަކެއް ފުރިހަމަކޮށްގެން މަސައްކަތް ކުރިނަމަވެސް ގޭގައި މަސައްކަތް ކުރާ ފަރާތްތަކުން އެ މިންގަނޑަށް އަމަލު ކުރަމުން ނުދިއުމެވެ.

އެޗްޕީއޭގެ އެންގުން މިގޮތަށް އައިސްފައިވަނިކޮށް އިކޮނޮމިކް މިނިސްޓްރީން ރޭ ދަންވަރު ނެރުނު، ބަޔާނެއްގައި ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ އިސްތިސްނާ ވިޔަފާރި ތަކެއް ކަމަށެވެ.

އަމިއްލަ ދިިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަ އެއް ތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫން ވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން ނުޖެހޭ ފަދަ މަސައްކަތްތައް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ދީފައިވާ އިސްތިސްނާއަށް ބަލާއިރު، ގޭގައި ތިބެގެން އާމްދަނީއެއް ހޯދުމަށް މަސައްކަތްކުރަން ބޭނުންވާ ފަރާތްތައް (ހޯމް ބޭސްޑް ވޯކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް) ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީއެއް ހޯދަން ގޭގައި ތިބެ މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގިނަ ބައެއްގެ އާމްދަނީ ދަށްވެފައިވާ މި ވަގުތުގައި ގޭގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދާ މީހުންނަށް މަރުހަބާ ވެސް ކިޔާފަ އެވެ.

"އެ މީހުން އާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތް އިތުރަށް ފުޅާކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕާޓްނަޝިޕެއް ނުވަތަ ކޯޕަރޭޓިން ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ބޭނުންވާނަމަ އެކަމަށް މިނިސްޓްރީ އާއި ބިޒަންސް ސެންޓަރު ކޯޕަރޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެކަން ފާހަގަ ކުރަމެވެ،" އެ މިނިސްޓްރީން ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ގޭގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މީހުން ވެސް އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާ ސާފު ތާހިރުކަމުގެ މިންގަނޑު ތަކަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފު ތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވާއިދާ އެއްގޮތަށް ވިޔަފާރީގެ އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭންޖެހޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރުމަށްފަހުގައި ކަމަަށެވެ.