ކަންގަނާ

ކަންގަނާގެ ބޮޑު ތުހުމަތަކަށް ރަވީނާ ރައްދު ދީފި

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅިގެން ސޯޝަލް މީޑިއާގައި އެންމެ އަނގަދަ ގަދަކޮށްލައިގެން އުޅޭ މީހާ ބަތަލާ ކަންގަނާ ރަނާވަތެވެ. އޭނާ އަކީ ބޮލީވުޑްގައި ނެޕޯޓިޒަމް އޮންނަ ކަމަށް ބުނެ އެ ބަހުސް ވެސް ފުރަތަމަ ހުޅުވާލި އެކްޓަރެވެ. މިހާރު އަނެއްކާ ކަންގަނާގެ ބޮޑު ތުހުމަތުތަކެއް ބޮލީވުޑްގެ ފަންނާނުންނަށް ވަނީ ކޮށްފަ އެވެ. ކަންގަނާ ބުނާ ގޮތުގައި ބޮލީވުޑްގައި މަސައްކަތްކުރާ 99.9 ޕަސެންޓް މީހުންނަކީ ފެން ބޭނުންކުރާ ފަދައިން ޑްރަގް ބޭނުންކުރާ ބައެކެވެ.

މި ތުހުމަތުތަކާ އެކު އަނެއްކާވެސް ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ހޫނު ބަހުސްތަކެއް ވަނީ ފެށި އެވެ. ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެ ތެރެއިން އެއްވެސް މީހަކު ކަންގަނާގެ މި ތުހުމަތަށް އެއްޗެކޭ ނުބުނާތީ މި ބަހުސްގައި ބައިވެރިވާ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެމީހުން މިއީ ތެދެކޭ ނުވަތަ ދޮގެކޭ ބުނުމަށް ގިނަ ބަޔަކު ދަނީ ޑިމާންޑް ކުރަމުންނެވެ.

ސޯޝަލް މީޑިއާގައި ހޫނުވެފައިވާ މިބަހުސްގައި މިހާރު ބައިވެރިވަނީ ހަމައެކަނި އާއްމުންނެއް ނޫނެވެ. ފުންނާބުއުސް ގާނޫނީ ވަކީލުން ވެސް ބައިވެރިވެ އެވެ. އެގޮތުން ސީނިއާ ލޯޔާއެއް ކަމަށްވާ މަހޭޝް ޖަތުމަލާނީ ކުރި ޓުވީޓެއްގައި ކަންގަނާގެ ތުހުމަތުތަކަށް ބޮލީވުޑުން ބީރު ކަންފަތެއް ދީގެން ތިބީ ކީއްވެތޯ ސުވާލު ކޮށްފައި ވެއެވެ.

ސުވާލުތައް މާ ގިނަ ވާން ފެށުމުން ރަވީނާ ޓަންޑަން ވަނީ ތުހުމަތުކުރި ހުރިހާ ފަންނާނުންގެ ފަރާތުން ކަންގަނާ އަށް ޖަވަބު ދީފަ އެވެ.

"ދުނިޔޭގެ 99 ޕަސެންޓް ފަނޑިޔާރުންނާއި، ސިޔާސީ މީހުންނާއި، އޮފިޝަލުންނާއި، ފުލުހުންނަކީ ކޮރަޕްޓް ބައެއް. މިބުނި އެއްޗެއް މާނައަކީ އެންމެންނަކީ ކޮރަޕްޓް ބައެކޭ އެއް ނޫން. އިންސާނުންނަކީ ވަރަށް ވިސްނުން ތޫނު ބައެއް. އެމީހުންނަށް ހެވާއި ނުބައި ތަފާތުކުރަން އެނގޭނެ. ވަށިގަނޑެއްގައި ހުރި އާފަލުތަކެއްގެ ތެރެއިން މަދު އާފަލެއް ނުބައިވެފައި އޮތުމުގެ މާނައަކީ މުޅި ވަށިގަނޑު ހުރި ހުރިހާ އާފަލެއް ހުރީ ކުނިވެފައެކޭ ނޫން. އެގޮތަށް އަހަރެމެންގެ އިންޑަސްޓްރީގައި ވެސް ރަނގަޅު މީހުންނާއި ގޯސް މީހުން އެބަތިބި،" ރަވީނާގެ ޓުވީޓްގައި ބުނެފައި ވެއެވެ.

ރަވީނާގެ ވާހަކައަށް ވަރަށް ގިނަ ބަޔަކު ތާއީދުކުރާނެކަން ޔަގީނެވެ. ނަމަވެސް ކަންގަނާގެ މިހާ ބޮޑު ތުހުމަތަކަށް އެންމެން ހައްޕު ކިޔައިގެން ތިބުމަކީ ސުވާލު އުފެދޭ ކަމެކެވެ.