ބޮލީވުޑް

އެންމެ ބަނަ ދުވަސްތަކުގައި އެހީވީ އާއިލާ: ބޮބީ

ބުޅި ބުލަކާއި ރީތި ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ ބޮބީއަކީ ނުވަދިހައިގެ އަހަރު ތަކުގައި ވަރަށް ގިނަ އަންހެންކުދިންގެ ހިތްތައް ފަތަހަކުރި އެކްޓަރެކެވެ. އެކްޓިން ހުނަރު ހުއްޓަސް ބޮބީގެ ފިލްމީ ކެރިއަރުގައި އޭނާއަށް މާ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއް ނެތެވެ.

ދަރުމެންދުރަ އާއި ޕްރަކާޝް ކޯރުގެ ދެ ފިރިހެން ދަރިންގެ ތެރެއިން ހަގު ބޮބީއަށް ހިންދީ ފިލްމު އިންޑަސްޓްރީއަށް ވަންނާކަށް މާ އުނދަގުލެއް ނުވި އެވެ. ބައްޕަ އާއި ބޭބެގެ މަޝްހޫރުކަމާއި މަގްބޫލުކަމުގެ ސަބަބުންނެވެ.

ބޮބީ ފުރަތަމަ ތައާރަފްވީ ޗައިލްޑް އާޓިސްޓެއްގެ ގޮތުގައި "ދަރަމް ވީރް" އިންނެވެ. ރޮމެންޓިކް ހީރޯއެއްގެ ގޮތުގައި އޭނާ އަލުން ފިލްމި މައިދާނަށް ނުކުތީ ޑިޕްމަލް އާއި ރާޖޭޝް ކަންނާގެ ދަރިފުޅު ޑީމްޕަލް އާއެކުގައި "ބަރުސާތު" އިންނެވެ. އޭގެ ފަހުން އައިޝްވަރިޔާ ރާއީ އާއެކު "އައުރް ޕިޔާރް ހޯގަޔާ" ކުޅުނެވެ. އަދި "ގަރީބު" އާއި "ގުޕްތު"ގައި ވަރަށް ތަފާތު މޮޅު ރޯލުތަކެއް ކުޅުނެވެ. ދެން ނުކުތީ ރާނީ މުކަރުޖީ އާއެކު ކުޅުނު "ބިއްޗޫ" އާއި "ޗޯރް މަޗާޔޭ ޝޯރް" އެވެ. މި ހުރިހާ ފިލްމަކުން ވެސް ބޮބީ ވަނީ އޭނާގެ އެކްޓިން ހުނަރު ހުރިކަން ސާބިތުކޮށްދީފަ އެވެ.

ފިލްމު އިންޑަސްޓްރީގައި ބޮބީ މަސައްކަތްކުރާތާ މިހާޜު 25 އަހަރު ވެއްޖެ އެވެ. މި ދިގު މުއްދަތުގައި އޭނާއަށް މަދު ފަހަރަކު ނޫނީ ކާމިޔާބެއް ލިބިފައެއް ނެތެވެ. ބައެއް ފިލްމުތަކުގެ ނާކާމިޔާބުން ބައެއް މީޑިއާތަކުން ބޮބީ އަށް ވަރަށް މަލާމާތްތައް ރައްދުކޮށްފައި ވިޔަސް މިއަދު ބޮބީ އަކީ އުފާވެރި މީހެކެވެ.

ވަޅުޖަހާފައިވާ ކެރިއަރު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް އަލުން ބަލުން ފަށައި ރަނގަޅު މިސްރާބަކަށް އެޅިފައިވާތީ އެވެ. އޭނާގެ "ކްލާސް އޮފް 83" މިދިޔަ އޮގަސްޓް 21 ން ފެށިގެން ނެޓްފްލިކްސް އިން ވަނީ ދައްކަން ފަށާފަ އެވެ. އަދި ވަރަށް ހިތްހަމަޖެހޭ ފިލްމުތަކެއް އޭނާ އަތުގައި މިވަގުތު އެބަ ހުއްޓެވެ.

އިންޑިޔާގެ ނޫހަކަށް ދާދި ފަހުން ބޮބީ ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ކެރިއަރު ވަޅުޖެހުމުގެ ސަބަބުން ހަޔާތުގައި ދިމާވި ހިތްދަތި ކަންތައްތައް ކިޔައިދީފައި ވެއެވެ. ފާއިތުވީ އެތައް އަހަރަކުއްސުރެ އޭނާގެ ކެރިއަރު ވަޅު ޖަހަމުން ޖަހަމުން ގޮސް ފުން ވަޅުގަނޑަކަށް ވެއްޓުނު ކަމަށާއި އެ ހިތްދަތިކަމާ ހެދި އޭނާ ބަނގުރަލުގެ އަވައިގައި ޖެހި އަބަދު މަސްތުގެ ހާލަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރި ކަމަށް ބޮބީ ބުންޏެވެ.

"އެ ހާލެއްގައި އަހަރެން ތިން ހަތަރު އަހަރަކު އުޅުނިން. އެ ދުވަސްވަރު އަހަރެންގެ ދަރިން އަހަރެންނާ ދިމާލަށް ދެރަވެފައި ބަލާތަން އަހަންނަށް ފެނުނު. ބައްޕަ އާއި މަންމަ ހިތްދަތިކަމާއެކު އަހަރެން އެކަމުން ސަލާމަތް ވޭތޯ މަސައްކަތް ކޮށްދިން ތަން ވެސް ފެނުނު. އަދި އަންހެނުން ކެތްތެރިކަމާއެކު މިކަމުން އަހަރެން ސަލާމަތް ކޮށްދޭން ކުރި ބުރަ މަސައްކަތްތައް ވެސް ފެނުނު. މި ހުރިހާ މަންޒަރެއް ފެނި ފެނި އެއް ދުވަހަކު ހަމަ ހިތަށް އެރީ މި މީހުން މިހާ ދެރަކޮށްފައި ނުބައިތިއްބާނަމޭ. އަހަރެން އަމިއްލައަށް ރަނގަޅުވާން މަސައްކަތް ކުރާނަމޭ. އެ އަޒުމުގައި މަސައްކަތް ކުރީމަ ސަލާމަތް ވެވުނީ. އަހަރެން މަސައްކަތް ކުރިޔަސް އާއިލާގެ އެއްބާރުލުން އެހާ ބޮޑަށް ނުލިބުނު ނަމަ މިކަމުން ސަލާމަތެއް ނުވެވުނީސްކަން ޔަގީން،" ބޮބީ ބުންޏެވެ.

ބޮލީވުޑްގައި ނެޕޯޓިޒަމް އޮންނަ ކަމަށް ކުރެވޭ ބަހުސްތަކާ ބޮބީ އަށް އެއްބަހެއް ނުވެ އެވެ. އޭނާއަކީ ވެސް ފިލްމީ އާއިލާއެއްގެ އެކްޓަރަކަށް ވެފައި އޭނާއަށް އެފަދަ ފުރުސަތުތަކެއް ލިބިފައި ނުވާ ކަމަށް ބޮބީ ބުންޏެވެ. އެ ވާހަކައާ އޭނާއަށް އެއްބަސް ނުވެވެނީ އެހެންވެ އެވެ.

"އަހަންނަށް މިހާތަނަށް ލިބިފައިވާ ފިލްމުތަކަކީ އަހަރެންގެ ހުނަރަށް ބިނާކޮށް ލިބުނު ފިލްމުތަކެއް. ދަރުމެންދުރަގެ ދަރިއަކަށް ވީތީ ސަނީގެ ކޮއްކޮއަކަށް ވީތީ އެއްވެސް ފިލްމެއް ނުލިބޭ،" ބޮބީ ބުންޏެވެ.