ރިޕޯޓް

ސިޔާދަތީ ބާރު އެއީ ސަމާސާއެއް ނޫން!

ރާއްޖޭގައި ދިވެހިން އެތައް ޒަމާނެއް ވަންދެން އުޅެމުން މި އަންނަ ދިރިއުޅުމަށް އަނެއްކާ ވެސް މިވަނީ ތާރީހުގެ ތެރެއިން މަދުން ނަމަވެސް ދިމާވެފައިވާ ފަދަ ސިޔާދަތީ ނުރައްކާތަކަކަށް ހުށަހެޅިފައި ކަމަށް މިއަދު އެތަކެއް ސަތޭކަ ރައްޔިތުން މިދަނީ ހަރުއަޑުން ބާރަށް ގޮވަމުންނެވެ. ދުވަސްކޮޅެއް ކުރިން ވަނީ ދިވެހި އެތަކެއް ރައްޔިތުން ގައުމުގެ ހިމާޔަތަށް ނިކުމެ ސުލްހަވެރި މުޒާހަރާ ތަކެއް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ބާއްވާފަ އެވެ.

މިކަމާމެދު ރައްޔިތުންގެ ކަންބޮޑުވުން ހުރި މިންވަރުން ކޮވިޑުގެ މި ނުރައްކާތެރި ވަގުތު ވެސް ވެރިރަށް މާލޭގައި އެތައް ސަތޭކަ ދިވެހި ރއްޔިތުން ވަނީ މަގުތަކަށް ނުކުމެ މި ކަންބޮޑުވުންތަކާ ދެކޮޅަށް ހަރކާތްތަކެއް ބާއްވާފަ އެވެ. ސޯޝަލް މީޑީއާ ފަދަ ޕްލެޓްފޯމް ތަކުގައި ރާއްޖޭގެ އިސްތިގްލާލް ހިމާޔަތް ކުރަން ވަރުގަދައަށް އަޑު އުފުލަ އެވެ. ރާއްޖެ ދިވެހިން އަތުން ބީވެ ގެއްލިގެން ދަނީ ހެން ހީވާ ދަރަޖައަށް ކަންކަން ގޮސްގެން މި އުޅެނީ ކީއްވެގެންކަން އެންމެނަށް ވެސް އެނގެން ބޭނުން ވެއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ވެރިކަންތައް ބަދަލުވެގެން މިދަނީ ބައިނަލްއަގުވާމީ ބޮޑެތި ފިއްތުންތައް ދިވެހިންގެ ތެރެއިން ބަޔަކު މެދުވެރި ވެގެން އެ ސަރުކާރުތަކަށް ކުރިމަތި ކުރުވައި ދާހިލީ ކަންކަމުގެތެރެއަށް ސީދާ ނުފޫޒު ފޯރުވައިގެނެވެ. މީގެ ތެރެއިން ވެސް ވަކިން ހާއްކޮށް 2008 ގައި ގެނައި ސަރުކާރާއި 2018 ވަނައަހަރު ގެނައި ސަރުކާރު ގެނައުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ވަނީ ނުފޫޒު ފޯރުވާފަ އެވެ.

ދޭދޭ ގައުމުތަކުން ވެސް އެފަދަ ނުފޫޒުތައް ކާމިޔާބު ކަމާއެކު ކޮށްފައިވާ ކަމަށް ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެ ގައުމުތަކުގައި ތިބެގެން ދިން އިންޓަވިއުތަކުން ޔަގީން ވެފައި ވެއެވެ.

ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން ފާޅުގައި 2018 ވަނަ އަހަރުގެ ވެރިކަން ބަދަލު ކުރުމަށް ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމަށް ހިންގި ތަފާތު އެތަކެއް ކަންކަމުގެ ތެރޭގައި އިންޑިއާގައި ތިބެގެންނާއި އަދި އެހެނިހެން ބޭރު ގައުމުތަކުގައި ތިބެގެން އަސްކަރީ ގޮތުންނާއި ދެން ވެސް އޮތް ގޮތަކުން އެހީތެރިވާން ވަނީ ގޮވާލާފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެފަދަ އެ ގައުމުތަކުގެ އިސް ފަރާތްތައް ވަނީ ރާއްޖެއަށް އިތުރު ފުރުސަތެއް ނުދީ ގައުމު ހިފަން ގޮވުމުން އެ ގައުމުތަކުގެ ރަސްމީ ސަރުކާރުން އެއީ އެ ގައުމުތަކުގެ "ރަސްމީ ބަސް" ނޫން ކަމަށް ވެސް ބުނެފަ އެވެ.

އެހެންކަމުން ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ވަނީ ރާއްޖޭގައި ވަރަށް ވަރުގަދައަށް ބޭރުގެ ނުފޫޒު ދާހިލީ ކަންކަމުގެ ތެރެއަށް ވައްދައި ހިންގާފަ އެވެ. ރައްޔިތުންނަށް ރާއްޖޭގެ އެފަދަ ސިޔާސީ ފަރާތްތަކުން ދައްކަނީ ބައިނަލްއަގުވާމީ ފަރާތްތަކާއި ދޭދޭ ގައުމުތަކުގެ ތާއީދު އެމީހުންނަށް އޮތް ކަމެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތައް ބަލިކަށި ކޮށްލުމަށް އެފަދަ ފަރާތްތަކުގެ މަގުބޫލްކަން ބޭރު ދުނިޔޭގައި އޮތްކަ މަށް ހާމަކޮށް ކުލަވަރު ދައްކައި ސިޔާސީ ބޮޑެތި ފައިދާތައް މިދަނީ ނާޖާއިޒު ގޮތުގައި ނަގަމުންނެވެ. މިއަދު ރާއްޖޭގެ އިންތިހާބުތަކުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ވެފައި ވަނީ ދާހިލީ ސިޔާސަތަށް ނުފޫޒު ފޯރުވަން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރަށެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ އެންމެ މުހިއްމު އެއް އަސާސަކީ ގައުމުތަކުގެ ސިޔާދަތަށް އިހުތިރާމު ކުރުމެވެ. އެކަން ނުކޮށް ބައިނަލްއަގުވާމީ އުސޫލުތަކެއް ނުވެސް ހިނގާނެ އެވެ. އަދި ނުވެސް އޮންނާނެ އެވެ. އެހެން ކަމުން އެއްގައުމުން އަނެއް ގައުމެއްގެ ސިޔާދަތަށް ރައްކާތެރި ނުވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ އެފަދަ ފަރާތްތަކާ ދެކޮޅަށް އދ. އިން ސީދާ ފިޔަވަޅު އަޅާނެ ކަންކަމެވެ. ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން އެއްވެސް ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައި ބަސްބުނެ ބެހި ހެދުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސީދާ ޚިލާފު ކަންކަމެވެ. ބައިނަލްއަގުވާމީ އުސޫލްތަކަށް ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ބޯލެނބުމަކީ ލާޒިމް ކަމެކެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ސާފުކޮށް ލިޔެފައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއްގައި ބޭރު ގައުމެއްގެ އަސްކަރީ ބޭނުމަކަށް މަރުކަޒު ހަދައި ބޭރުގެ އެއްވެސް އެފަދަ އަސްކަރީ ހަރަކާތްތައް ހިންގުމަކީ މަނާ ކަމެކެވެ. އެހެންކަމުން ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ގާނޫނުއަސާސީ އާއި ޚިލާފުވާނެ ކަންކަން ހިންގައިފިނަމަ އެބަޔަކާ ދޭތެރޭ ގާނުނުއަސާސީގައިވާ ގޮތުގެމަތީން އެންމެ ހަރުކަށި ފިޔަވަޅު އަޅަން ލާޒިމު ވާނެ އެވެ.

ރާއްޖޭގެ ބިމަކީ ދިވެހި އެއްމެހާ ރައްޔިތުންގެ މިލްކެކެވެ. އެ ބިން "އަނެއް ބިމަށް" ހަދައި "އަނެއް ރާއްޖެ" އަށް ހަދަން އުޅުމަކީ ސީދާ ގާނޫނުއަސާސީއާ ހިލާފު ކަން ކަމެވެ. މިއީ ދިވެހިންގެ ދިވެހިރާއްޖެ އެވެ. މި ބިމުގައި ވަކި ނަސްލެއްގެ ދިވެހިން ކިޔާ ބަޔަކު އުޅެމުންދާތާ އެތަކެއް ހާސް އަހަރުވެފައިވާއިރު އެ ދިވެހިންގެ ހައްގުތައް ދުނިޔެ ދެމި އޮތްހާ ދުވަހަކު ހިމާޔަތް ކުރެވޭ ގޮތަށް އެވަނީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ބަލައިގަނެ ރައްކާތެރިކަން ކަށަވަރު ކުރެވިފައެވެ. ގާނޫނުއަސާސީންނާއި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުންނެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކުން ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގު ނުފޫޒުތައް ސީދާ ބާނުވަމުން ގެންދަނީ ފާޅުގައި ޖެހިލުމެއް ނެތި އެވެ. މިކަން ނޭނގޭ ދުނިޔޭގެ އެއްވެސް ގައުމެއް ނެތެވެ. އެހެންކަމުން ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އެފަދަ ފަރާތްތަކުގެ ނުފޫޒު ހިންގަން މިދެންނެވި "ބައެއް ސިޔާސީ" ފަރާތްތަކުން ހިންގާ ކަންކަމުގެ ބޭނުން ހިފައި ރާއްޖޭގެ ސަލާމަތަށް ވަނީ ނުރައްކާވެފައެވެ.

އެހެންކަމުން ރާއްޖޭގެ ސިޔާސީ ފަރާތްތައް ތަސައްރަފު ފުދި ރާއްޖޭގެ ރައްކާތެރިކަމާއި ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ރާއްޖޭގެ ސަގާފަތް ހިމާޔަތް ކުރާ ބައެއް ކަމުގައިވުމަށް، މިފަދަ ނޭދެވޭ ކަންކަން ހުއްޓަން ޖެހެއެވެ. އަދި އެފަދަ ނުރައްކާތެރި ކަންކަން ހިންގާ ފަރާތްތައް ގާނޫނުތަކުގެ ކުރިމައްޗަށް ގެންގޮސް އިންސާފު ގާއިމް ކުރަން ކޮންމެހެން އެބަޖެހެއެވެ.

ވެރިކަން ހިންގަން ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯދަނީ ބޭރު ގައުމުތަކުގެ ނުފޫޒާއި ކަނޑިބަޑިއާއި ބޮން އަދި މިސައިލް ހަމަލާ ދީގެނެއް ނޫނެވެ. ގަދަ ބާރުން ކަންކަން ހޯދުމަކީ އަދި ޑިމޮކްރަސީ އެއް ނޫނެވެ. ޑިމޮކްރަސީ އަކީ އިންސާފުވެރި ވެރިކަމެވެ. ޑިމޮކްރަސީގައި މުޅި އެންމެހާ ރައްޔިތުން ޝާމިލްވާނެ އެވެ. މެޖޯރިޓީއަކުން އެކަނި އަދި ޑިމޮކްރަސީ އެއް ނުލިބޭނެކަން ދިވެހިންނަށް މިހާރު އެނގޭނެ އެވެ. މެޖޯރިޓީ އާއެކު މައިނޯރިޓީއަކީ ހަމަ އެއާ އެއްވަރަށް ކިހާ މުހިއްމު އަދި އެބައެއްގެ ހައްގު ރައްކާތެރިކުރެވެންޖެހޭ ބައެއްކަން ވެސް ދަސްކުރަން ޖެހެ އެވެ. އެހެން ނޫނީ ދެވަނަ އިރާގެއް، ސީރިއާއެއް ނުވަތަ ލީބިޔާއެއް ފެނިގެން މި ގައުމުން ދާނެކަމީ ވުން ކައިރި ކަމެކެވެ.

ދިވެހިރާއްޖޭގެ ގުޅުންތައް ދުނިޔޭގެ ހުރިހާ ގައުމަކާއެކު އެއް ހަމައަކަށް ބައްޓަން ކުރަން ކޮންމެހެންވެސް ޖެހެއެވެ. ރާއްޖޭގެ ސިޔާދަތީ ސަރަހައްދަކީ ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް އެކުވެރިކަމާއެކީ ވަދެ ނިކުމެވި ޒިޔާރަތްކޮށް ހެދޭ މަރުހަބާ ކިޔާ ކޮންމެ ގައުމަކުން ވެސް އިހުތިރާމްކުރާ ސަރަހައްދަކަށްވެ ރާއްޖޭގެ ރައްޔިތުންގެ ފައިދާއަށް އެއިން ކޮންމެ ގައުމެއްގެ އެހީތެރިކަން ލިބިދެވޭ ގޮތަށް ބޭނުންކުރެވޭ ސަރަހައްދަކަށް ހަދަން ޖެހެއެވެ.

ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަންވާން ޖެހެނީ ވަކި ގައުމަކަށް ހާއްސަ ކަމެއް ނުދޭ ހުރިހާ ގައުމަކަށް ވެސް ހަމަހަމަ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތކާއެކު ބައިނަލްއަގުވާމީ ވަރުގަދަ ގުޅުމެއް ދެމެހެއްޓުމުގެ މައްޗަށެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ވެސް ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކޮށް ރާއްޖޭގެ ހައްގުތައް ކަށަވަރު ކޮށްދޭކަން ރާއްޖޭގެ ސަރުކާރުތަކުން މަސައްކަތް ކުރުން ކޮންމެހެން ލާޒިމެވެ.

ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން މިހިރީ ބޭރުގެ ނުފޫޒު ރާއްޖޭގެ މައްޗަށް ގަދަވުމުގެ ސަބަބުން ކަމީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫނެވެ. ރާއްޖޭގެ "ބައެއް ސިޔާސީ" ފަރާތްތަކުން އެފަދަ ޝައްކުތަކަށް ޖާގަ ދޭ ބަސްމަގާއި ކުޅިވަރު ކުޅުން ހުއްޓަން ޖެހެނީ ގައުމުގެ އެއްބައިވަންތަކަމަށާއި ހަމަޖެހުން ދެމެހެއްޓުމަށެވެ. ރާއްޖޭގެ ސިޔާދަތީ ރައްކާތެރިކަމަކީ ރާއްޖޭގެ އެންމެ ސީރިއަސް މައްސަލަ އެވެ.

މިދިމާވެފައިވާ ސީރިއަސްކަމަަށް ސަރުކާރުން އިޖާބަ ދޭން ހަމަ ކޮންމެހެންވެސް އެބަޖެހެއެވެ. ރާއްޖޭގެ ސިޔާސީ އެއްމެހާ ފަރާތްތައް މަޝްވަރާ ކޮށް ގައުމުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލުވުމަށް މަސައްކަތް ކޮށް ރައްޔިތުންނަށް އެފަދަ ނުރައްކަލެއް ކުރިމަތިވިޔަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން މިވަގުތު ހަމަކޮންމެހެންވެސް ޖެހެއެވެ.

ދިވެހިންނަކީ އެއްބައެކެވެ. އެއްބަހެއް އެއްސަގާފަތެކެވެ. އެއްދީނެކެވެ. ބައިނަލްއަގުވާމީ ބާރުތަކުގެ ކޯޅުންތަކުގެ ތެރެއަށް ދިވެހިން ވައްދާނީ އަމިއްލަ އެދުމަށް ދިވެހިންނަށް އަނިޔާދޭން ބޭނުންވާ ބައެކެވެ.