ފިނިޕޭޖް

ޔާޝްރާޖް ފިލްމުތަކަށް ހާއްސަ އޯޓީޓީ ޕްލެޓްފޯމެއް ލޯންޗްކުރަނީ

ހިންދީ ސިނަމާގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަރަކާތްތެރިވާތާ މި އަހަރަށް 50 އަހަރު ފުރޭތީ އެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ކަންތައްތަކެއް ކުރަން އެ ފިލްމު ކުންފުނިން ނިންމައި މިއަހަރު ތެރޭ ވަނީ އެކަން އިއުލާން ކޮށްފަ އެވެ. ފަންސާސް އަހަރު ފާހަގަކުރުމަށް ކުރަން ހަމަޖައްސާފައިވާ ކަންކަމުގައި ބޮލީވުޑްގެ ނަން މަޝްހޫރު ތަރިންގެ ތެރެއިން ޝާހްރުކް ޚާން، ސަލްމާން ޚާން، އަޖޭ ދޭވްގަން، ދީޕިކާ ޕަދުކޯން އަދި ކެޓުރީނާ ކައިފް ފަދަ އެކްޓަރުން ބައިވެރިވެ އެވެ.

ވައިއާރްއެފުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ކުރިޔަށް އޮތް އަހަރު ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިލްމު ފެސްޓިވަލްތައް ބޭއްވުން ހިމެނެ އެވެ. މި ފެސްޓިވަލުގައި މުޅިން ވެސް ދައްކާނީ ފާއިތުވީ 50 އަހަރު ތެރޭ އެ ޕްރޮޑަކްޝަން ހައުސް އިން އުފެއްދި ފިލްމު ތަކެވެ.

އިންޑިޔާގެ ނޫހަކުން ބުނެފައިވާ ގޮތުގައި މި މުނާސަބަތާ ގުޅުވައިގެން ވައިއާރްއެފުން ކުރަން ހަމަޖެހިފައިވާ އެންމެ މުހިއްމު އެއް ކަންތަކުގެ ތެރޭގައި އެ ކުންފުނީގެ އަމިއްލަ އޯޓީޓީ ޕްލެޓްފޯމެއް ލޯންޗުކުރުން ހިމެނެ އެވެ. މި ޕްލެޓްފޯމްގައި ދައްކަން ހަމަޖެހިފައިވަނީ ވައިއާރްއެފުން ޕްރޮޑިއުސްކޮށްފައިވާ ފިލްމުތައް އެކަންޏެވެ.

"މިވަގުތު ވައިއާރްއެފްގެ ފިލްމުތަކުގެ ރައިޓްސް އޮތީ އެމެޒޯން އަތުގަ. ނަމަވެސް އަމިއްލަ އޯޓީޓީ ޕްލެޓްފޯމެއް ލޯންޗުކުރުމަށްފަހު އެމެޒޯން އާއެކު ހަދާފައިވާ އެއްބަސްވުން އަލުން މުރާޖައާކުރަން ވައިއާރްއެއްގެ ހެޑް އަދިތުޔާ ޗޯޕްޅާ ވަނީ ނިންމާފަ. މި ޕްލެޓްފޯމްއަކި ވައިއާރްއެފްގެ ފިލްމުތަކުގެ ލައިބްރަރީއެއް ގޮތަށް ބާއްވަން ނިންމާފައިވަނީ. އޭރުން ކޮންމެ މީހަކުވެސް އެ ކުންފުނިން ޕްރޮޑީއުސްކޮށްފައިވާ ފިލްމެއް ބަލާލަން ބޭނުންވެއްޖެނަމަ އެ ތަނުން ބަލާލެވޭނެ،" ވައިއާރްއެފުން މައުލޫމާތު ދިން މީހަކު އިންޑިޔާގެ ނޫހަކަށް ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ކުންފުނިން ކުރަން ގަސްތުކުރާ އިތުރު ކަންތައްތަކުގެ ތެރޭގައި އެކްޓިން ސްކޫލެއް ގާއިމް ކުރުން ހިމެނެ އެވެ. މި އެކްޓިން ސްކޫލްގައި ބޮލީވުޑް ފަންނާނުންގެ ތެރެއިން ވަރަށް ނަން މަޝްހޫރު ގިނަ ފަންނާނުންތަކެއް ކިޔަވައިދިނުމުގައި ހަރަކާތްތެރިވާން ވަނީ ހަމަޖެހިފަ އެވެ.

މި ހުރިހާ ކަމެއް އިއުލާން ކުރުން އޮތީ މި މަހުގެ 27 ވަނަ ދުވަހު އެވެ. އެއީ ޔާޝްރާޖް ފިލްމްސްގެ ބާނީ ޔާޝް ޗޯޕްޅާގެ އުފަން ދުވަހެވެ. މި ދުވަހު މިއަށްވުރެ ގިނަ ކަންތައްތައް އިއުލާންކޮށް ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު ހައިރާން ކޮށްލަން އެ ކުންފުނިން ދަނީ ތައްޔާރު ވަމުންނެވެ.

ވައިއާރްއެފް 50 ގެ ހަރަކާތްތަކުގެ ތެރޭގައި ޑްރައިވް-އިން ސިނަމާގެ ތަޖުރިބާ ބެލުންތެރިންނަށް ކުރުވުން ވެސް ހިމެނެ އެވެ. މި ފަދަ ސިނަމާތައް ހުންނާނީ ހާމަޔަށް އޮންނަ ހުސް ބޮޑު ސަރަހައްދެއްގަ އެވެ. މި ސަރަހައްދުގައި ބަހައްޓާ ބޮޑެތި ސްކްރީންތަކުގައި ފިލްމު އަޅުވާއިރު ފިލްމު ބަލަން އަންނަ މީހުން ތިބެން ޖެހޭނީ އެ ބަޔަކު އެ އަންނަ ވެހިކަލެއްގަ އެވެ. ވެހިކަލުން ބޭރަކަށް އެއްވެސް މީހަކަށް ނުނުކުމެވޭނެ އެވެ.