ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި ކުޅުނު އެންމެ ފަހުގެ ޗެމްޕިއަން ޕޯޗްގަލްއިން، ޔޫއެފާ ނޭޝަން ލީގްގައި ކްރޮއޭޝިއާ އާ ކޮޅަށް ހަތަރު ލަނޑު ޖަހައިފި އެވެ.
ޕޯޗްގަލް މެޗު ކާމިޔާބު ކުރީ، 4-1 ންނެވެ. ކްރޮއޭޝިއާވެސް މެޗަށް ނުކުތީ އެ ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ލުކަ މޮޑްރިޗް އާއި އީވާން ރަކިޓިޗް އަދި ވުލްފްސްބާގްގެ ޑިފެންޑަރު މާރން ޕޮންގްރޮސިޗް ނުހިމަނަ އެވެ، ކޯޗް ޒުލަޓަކޯ ޑަލިޗްގެ ދެ މެޗަށް ނެގި ސްކޮޑުގައި އެ ކުޅުންތެރިން ހިމަނާފައެއް ނުވެ އެވެ. ރޮނާލްޑޯ އަމިއްލަ އަށް އެކަހެރިވީ އޭނާ އަށް ލިބުނު ކުޑަ އަނިޔާ އަކާ ގުޅިގެންނެވެ.
މެޗުގައި ޕޯޗްގަލް ފުރަތަމަ ލަނޑު ބުރުނޯ ފެނާންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޖޯއާ ކެންސާލޯ އެވެ. ދެ ވަނަ ލަނޑު 58 ވަނަ މިނެޓްގައި ރަފޭލް ގުއެރޭރޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔަބު ކުރީ ޑިއޯގޯ ޖޯޓާ އެވެ. މެޗުގައި ޕޯޗްގަލްގެ ޒުވާން ފޯވަޑް ޔޯއާ ފެލިކްސް ވަނީ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކޮށްފަ އެވެ. ޕޯޗްގަލްގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ހަ ތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޑްރޭ ސިލްވާ އެވެ. އޭގެ ދެ މިނެޓް ކުރިން ކްރޮއޭޝިއާއިން އެ ޓީމުގެ ލަނޑު ބުރުނޯ ޕެޓްކޮވިޗް ކާމިޔާބު ކުރި އެވެ.
ސްވިޑެން އާ ދެކޮޅަށް ކުޅުނު ދުނިޔޭގެ ޗެމްޕިއަން ފްރާންސް މެޗު ކާމިޔާބު ކުރީ ކިލިޔަން އެމްބާޕޭ ކާމިޔާބު ކުރި ހަމަ އެކަނި ލަނޑުންނެވެ. މެޗުގެ ފަހު ކޮޅުގައި ފްރާންސަށް ލިބުނު ޕެނަލްޓީ އެންޓްއާން ގްރީޒްމަން ފޮނުވާލި ނަމަވެސް އެ ޕެނަލްޓީ ކާމިޔަބެއް ނުވި އެވެ.
ޑެންމާކާ ދެކޮޅަށް ކުޅުނު، ބެލްޖިއަމް މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ ޖޭސަން ޑެނޭޔާ އާއި ޑްްރައީސް މާޓެންސް އެވެ. އައިސްލެންޑާ ދެކޮޅަށް ކުޅުނު އިންގްލެންޑް މެޗު ކާމިޔާބު ކުރީ 1-0 ންނެވެ. އިންގްލެންޑްގެ ލަނޑު ކާމިޔާބު ކުރީ ރަހީމް ސްޓާލިން އެވެ.