ޕޯޗްގަލް

ޕޯޗުގަލް މޮޅުވި މެޗުގައި ރޮނާލްޑޯގެ ހިތްގައިމު ދެ ގޯލު

ޔުއެފާ ނޭޝަންސް ލީގުގައި ޕޯޗުގަލްގެ ޑްރަގާއޯ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ޕޯޗުގަލް އިން ވަނީ ޕޮލެންޑާ ދެކޮޅަށް 5-1 އިން ތަފާތު ބޮޑު މޮޅެއް ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުގެ ވާދަވެރި ކުޅުމާއެކު ނިމުނުއިރު އެއްވެސް ގޯލެއް ނުޖެހުނެވެ. ނަމަވެސް ދެވަނަ ހާފުގައި ޕޯޗުގަލްގެ ހަމަލާތައް ފެށުނީ މުޅިން ތަފާތު ގޮތަކަށެވެ. މެޗުގެ 59 ވަނަ މިނެޓުގައި ނުނޯ މެންޑޭޒް ތަނަވަސްކޮށްދިން ރީތި ފުރުސަތަކުން ރަފައެލް ލެއާއޯ އިން ވަނީ ޕޯޗުގަލްގެ ފުރަތަމަ ގޯލު ޖަހާފަ އެވެ.

މި ގޯލުގެ ފަހުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހިތްގައިމު ދެ ގޯލު ފެނިގެން ދިޔަ އެވެ. މީގެތެރެއިން ފުރަތަމަ ގޯލު އޭނާ ޖެހީ 72 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. އޭނާގެ ދެވަނަ އަދި މެޗުގެ ފަސްވަނަ ގޯލު ޖެހީ މެޗު ނިމުމާ ގާތްވަމުން ދަނިކޮށް 87 ވަނަ މިނެޓު ގައެވެ.

މި ދެމެދުގައި 80 ވަނަ މިނެޓުގައި ބްރޫނޯ ފަނާންޑޭޒް އަދި 83 ވަނަ މިނެޓުގައި ޕެޑްރޯ ނޭޓޯ މެދުވެރިކޮށް އިތުރު ދެ ގޯލު ޕޯޗުގަލްއަށް ލިބުނެވެ. ޕެޑްރޯ ނޭޓޯގެ ގޯލަށް އެހީތެރިވެދިނީ ރޮނާލްޑޯ އެވެ. ޕޮލެންޑުގެ ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗު ނިމުމުގެ ކުރިން 88 ވަނަ މިނެޓުގަ އެވެ.

މި ކާމިޔާބީއާއެކު، ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ޕޯޗުގަލް ވަނީ އިތުރަށް ހަމަޖެހިލާފަ އެވެ. ކުޅުނު ފަސް މެޗުން 13 ޕޮއިންޓް ހޯދާފައިވާއިރު، އެންމެ ގާތުން ފަހަތުން އަންނަ ކްރޮއޭޝިއާ އަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. ޕޮލެންޑާއި ސްކޮޓްލަންޑަށް 4 ޕޮއިންޓް ލިބިފައިވާއިރު، ގޯލުގެ ތަފާތުން ޕޮލެންޑް އޮތީ ތިންވަނައިގައި އަދި ސްކޮޓްލަންޑް އޮތީ ހަތަރުވަނައިގަ އެވެ.