ކޮންމެ މީހަކަށް ވެސް އެމީހަކު ބޭންނުން ބުއިމެއް ބޮވޭނެ ކަމަށް މަޝްހޫރު ސޮފްޓް ޑްރިންކް ކުންފުނި ކޮކާކޯލާއިން ބުނެފި އެވެ.
ޔޫރޯ 2020 އިގެ އޮފިޝަލް ސްޕޮންސަރެއް ކަމަށްވާ ކޮކާ ކޯލާއިން މިހެން ބުނެފައި ވަނީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮކާ ކޯލާ ބުއިމަށް ދެކޮޅު ހެދުމާއި ގުޅިގެންނެވެ. ކޮކާކޯލާ އިން ބުނީ އެމީހަކު ބޭނުން ރަހައެއްލާ އެމީހަކު ބޭނުން ބުއިމެއް ބުއިމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށެވެ.
މިކަމާއި ގުޅިގެން ޔޫރޯގެ ސްޕޯކްސް ޕާސަން ބުނީ ކުޅުންތެރިން ކޮންފަރެންސަށް ދާއިރު ފެނާއެކު ކޮކާކޯލާ އާއި ކޮކާކޯލާ ޒީރޯ ޝުގާ ދޭ ކަމަށެވެ.
ޕޯޗުގަލް ޓީމުގެ ކެޕްޓަން ކަންވެސް ކުރާ ރޮނާލްޑޯ ވަނީ މިހާރު ކުރިއަށްދާ ޔޫރޯ 2020 ގައި ޕޯޗުގަލް ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ބަހައްޓާފައި ހުރި ކޮކާކޯލާ ފުޅިތަކެއް ދުރަށް ޖައްސާފަ އެވެ. އަދި ކޯކު ފުޅިތަކުގެ ބަދަލުގައި ފެންފުޅިތަކެއް މޭޒުމަތީގައި އޭނާ ބެހެއްޓި އެވެ. އަދި ކޯކުގެ ބަދަލުގައި ފެން ބުއިމަށް ވެސް އޭނާ ވަނީ ޕްރެސް ކޮންފަރެންސްގައި ބުނެފަ އެވެ.
ރޮނާލްޑޯގެ މި އަމަލާ ގުޅިގެން ކޮކާކޯލާ ކުންފުނީގެ ހިއްސާގެ އަގު ވަނީ 56.10 ޔޫއެސް ޑޮލަރުން 55.22 ޔޫއެސް ޑޮލަރަށް ދަށްވެފަ އެވެ. މިއީ 1.6 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ކޮކާކޯލާގެ މާކެޓް ވެލިއު ވަނީ 242 ބިލިއަން ޔޫއެސް ޑޮލަރުން 238 ބިލިއަން ޔޫއެސް ޑޮލަރަށް ވެއްޓިފަ އެވެ.
ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެތުލީޓެވެ. އެގޮތުން އިންސްޓަގްރާމުގައި އެންމެ ގިނަ ބަޔަކު ފޮލޯކުރާ އެކައުންޓަކީ ވެސް ރޮނަލްޑޯގެ އެކައުންޓެވެ. އިންސްޓަގްރާމުގައި އޭނާގެ ފޮލޯވާސްގެ އަދަދު އުޅެނީ 300 މިލިއަނުން މަތީގަ އެވެ.