ޔޫރޯ 2020ގެ މަރުގެ ގުރޫޕުގެ ގޮތުގައި ބެލެވޭ ގްރޫޕް އެފްގެ އެންމެ ހާސްކަން ބޮޑު ޓީމަކީ ހަންގޭރީ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޕޯޗުގަލަށް ހަންގޭރީން ވަނީ ވަރުގަދަ ފައިޓެއް ދީފަ އެވެ. ނަމަވެސް ޕޯޗުގަލްގެ ހަމަލާ ތަކުގެ ކުރިމަތީގައި ހަންގޭރީ އަށް ކެތްކޮށްލެވުނީ މެޗުގެ އެންމެ ފަހު 10 މިނެޓާ ހަމައަށެވެ. އޭގެ ފަހުން ހަންގޭރީގެ ގޯލު ފޫ ވެއްޓި ފުލުފުލު ގައި ތިން ގޯލު ވަނީ ވަދެފަ އެވެ.
މީގެތެރެއިން ދެ ގޯލު ޖަހާފައިވަނީ ގިނަ ބަޔަކު ގަބޫލު ކުރާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ބައިކޮޅަށް ތިން ގޯލު ވަދެ، ގްރޫޕުގެ ފުލުގައި އޮތް ޓީމުގެ ގޮތުގައި މިރޭގެ މެޗަށް ހަންގޭރީ ނިކުންނާނީ ބޮޑު ޕްރެޝަރަކާއި އެކު އެވެ.
އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އަދި އެޓީމުގެ ތަރި ރޮނާލްޑޯގެ ހިޔަނިން ސަލާމަތް ނުވެވި އުޅެނިކޮށް ހަންގޭރީ މިވަނީ ދުނިޔޭގެ ޗެމްޕިއަން ޓީމާއި ކުރިމަތިލާން ޖެހިފަ އެވެ. އަދި އެޓީމުގެ ޒުވާން ތަރި އެމްބާޕޭގެ ހަލުވިކަމަކީ މިހާރު ހަންގޭރީ އަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު ބިރެވެ.
ނަމަވެސް ޕޯޗުގަލް މެޗުން ލިބުނު ބޮޑު ފިލާވަޅާ އެކު ފްރާންސާއި ކުރިމަތިލާނީ އިތުރަށް ތައްޔާރު ވެގެން ކަމަށް ހަންގޭރީގެ ކޯޗު ރޮސީ ވަނީ ބުނެފަ އެވެ. އެގޮތުން މެޗުގެ ހިނދުކޮޅެއްގައި ރަނގަޅަށް ކުޅުމަށް ވުރެ، މުޅި މެޗުގައި ރަނގަޅަށް ކުޅެން ސަމާލުކަން ދޭނެ ކަމަށް އޭނާ ބުންޏެވެ. އަދި ދުނިޔޭގެ ޗެމްޕިއަނުންނާއި އިދިކޮޅަށް ނިކުންނަ މެޗު ފަސޭހަ ނުވާނެ ކަމަށާއި، އަދި ވަކިން ހާއްސަކޮށް އެމްބާޕޭ ހުއްޓުވަން ވަރަށް އުނދަގޫ ވާނެ ކަމަށް އޭނާ ބުނެ އެވެ. އެމްބާޕޭ އަކީ މުޅިން އެހެން ދުނިޔެއަކުން އައިސްފައިވާ ކުޅުންތެރިއެއްގެ ގޮތުގައި ރޮސީ ވަނީ ސިފަކޮށްފަ އެވެ.
ހަންގޭރީ އަކީ ވަރަށް އެއްބައިވަންތަ، ބުރަ މަސައްކަތް ކުރާ ޓީމެއްގެ ގޮތުގައި ފްރާންސްގެ ކޯޗު ޑިޑިއޭ ޑޭޝަމް ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ އިޓަލީގެ ކޯޗެއް ހަންގޭރީގައި ހުރުމަކީ އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދޭ ކަމެއް ކަމަށެވެ. އަދި ޕޯޗުގަލްގައި ދެއްކި ހިތްވަރު މި މެޗުގައިވެސް ހަންގޭރީން ދައްކާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އުންމީދަކީ ހަންގޭރީ މެޗުން މޮޅުވެ ދެވަނަ ބުރު ކަށަވަރު ކުރުން ކަމަށްވެސް ޑޭޝަމް ބުންޏެވެ.
މިހާތަނަށް 24 ބައިނަލްއަގްވާމީ މެޗެއްގައި މި ދެޓީމު ބައްދަލު ކޮށްފައިވާއިރު ހަންގޭރީ ވަނީ 12 މެޗުން މޮޅުވެފަ އެވެ. ފްރާންސަށް މޮޅު ވެވުނީ އަށް މެޗުންނެވެ. އަދި ހަތަރު މެޗުން ވަނީ އެއްވަރު ވެފަ އެވެ.
ތިން ޕޮއިންޓާއި އެކު މިހާރު ގްރޫޕުގެ ދެ ވަނައިގައި އޮތް ފްރާންސް މިރޭގެ މެޗުން މޮޅުވެއްޖެ ނަމަ ގްރޫޕުގެ އެއްވަނަ އަށް އަރައި ދެވަނަ ބުރު ޔަގީންވާނެ އެވެ. ކުޅުނު މެޗުން ބަލިވެ ޖަރުމަނާއި ހަންގޭރީ އޮތީ ގްރޫޕުގެ ފުލުގަ އެވެ. ޖަރުމަނަށް ތިންވަނަ ލިބެނީ ބައިކޮޅަށް ވަދެފައިވާ ގޯލު މަދުވުމުންނެވެ. ޕޯޗުގަލް އެއް ވަނައިގައި އޮތީ ހަންގޭރީ ކޮޅަށް ގިނަ ގޯލު ޖަހައި ފައިދާ ގޯލުންނެވެ.