ކުޅިވަރު

ފުޅިއެއް ދުރުކޮށްލުމަށްވުރެ މޮޅު ކަންކަން ރޮނާލްޑޯ ކުރާނެ: ލޯ

ކޯކު ފުޅިއެއް ދުރަށް ޖައްސާލުމަށްވުރެ މާ މޮޅު ކަންކަން ކްރިސްޓިއާނާ ރޮނާލްޑޯ އަށް ކުރެވޭނެ ކަމަށް ޖަރުމަނުގެ ކޯޗު، ޔޮއާކިމް ލޯ ބުނެފި އެވެ. އޭނާ މިހެން ބުނެފައި ވަނީ މިރޭ ޖަރުމަނާއި ޕޯޗުގަލް ބައްދަލު ކުރާ މެޗާއި ގުޅޭ ގޮތުން ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުންނެވެ.

އެހެން ކަމުން ރޮނާލްޑޯއަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ލޯ ވަނީ ބުނެފަ އެވެ.

"ކޯކުފުޅި ދުރަށް ލުމަށްވުރެ މާ މޮޅު ކަންތައް ރޮނާލްޑޯއަށް ކުރެވޭނެ. އޭނާއަކީ ކޮލެޓީ ކުޅުންތެރިއެެއް. ހާއްސަ ގޯލުތައް ސްކޯ ކުރެވޭނެ. ވާއަތު ފައިންނާއި ކަނާއަތު ފައިން ވެސް މޮޅަށް ކުޅޭނެ. އަދި ބޮލުން ވެސް މޮޅެތި ގޯލުތައް ޖަހާނެ. އެ ހުރިހާ ކަމެއް އޭނާ އަމިއްލަ އަށް ކުރާނެ" ލޯ ބުންޏެވެ.

ކޯކުފުޅި ދުރަށް ލުމަށްވުރެ މާ މޮޅެތި ކަންތައް ރޮނާލްޑޯއަށް ކުރެވޭނެ. އޭނާ އަކީ ކޮލެޓީ ކުޅުންތެރިއެެއް. ހާއްސަ ގޯލުތައް ސްކޯ ކުރެވޭނެ. ވާއަތު ފައިންނާއި ކަނާއަތު ފައިންވެސް މޮޅަށް ކުޅޭނެ. އަދި ބޮލުން ވެސް މޮޅެތި ގޯލުތައް ޖަހާނެ. އެ ހުރިހާ ކަމެއް އޭނާ އަމިއްލަ އަށް ކުރާނެ
ޔޮއާކިމް ލޯ: ޖަރުމަނު ކޯޗު

ރޮނާލްޑޯގެ އިތުރުން މުޅި ޕޯޗުގަލް ޓީމަކީވެސް މޮޅު ޓީމެއްގެ ގޮތުގައި ލޯ ވަނީ ފާހަގަ ކޮށްފަ އެވެ. މީގެ ކުރިން 2012، 2014 އަދި 2016 ގައި ޕޯޗުގަލް އަކީ "ވަން މޭން އާމީ" އެއް ކަމަށް ފާހަގަ ކުރަމުން އެނާ ބުނީ މިހާރު އެކަން ބަދަލު ވެއްޖެ ކަމަށެވެ.

ޓީމުގެ ތަރި ރޮނާލްޑޯ އެކަނި އޭރު މުޅި ޓީމު ހިންގި ނަމަވެސް، މިހާރު މުޅި ޕޯޗުގަލް ޓީމު ވެސް ވަރަށް މޮޅު ކަމަށް ލޯ ފާހަގަ ކުރެ އެވެ. އޭނާ ބުނާ ގޮތުން މެޗުގައި ޖަރުމަނުން ރޮނާލްޑޯ އަށް އެކަނި ސަމާލުކަމެއް ދިނުމަށްވުރެ، މުޅި ޕޯޗުގަލް ޓީމަށް ސަމާލު ވާންޖެހޭނެ
އެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސެންޓޮސް ބުނީ ރޮނާލްޑޯ އެކަނި ކުޅެގެން މި މެޗުން މޮޅު ނުވެވޭނެ ކަމަށެވެ. މުޅި ޓީމު މި މެޗުގައި ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.

ފްރާންސާއި ބައްދަލު ކުރި މެޗުން 1-0 ގެ ނަަތީޖާ އަކުން ޖަރުމަނު ބަލިވި ނަމަވެސް، އެއީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ފަސް ގައުމުގެ ތެރެއިން އެއް ގައުމު ކަމަށް ސެންޓޮސް ފާހަގަ ކުރި އެވެ. އޭނާ ބުނީ މެޗުގެ ނަތީޖާ ބަދަލު ކޮށްލެވޭ ވަރުގެ މޮޅު އެތައް ކުޅުންތެރިންނެއް ޖަރުމަނު ޓީމުގައި ހިމެނޭ ކަމަށެވެ. އެހެން ކަމުން މެޗު ފަސޭހަ ނުކުރާނެ ކަމަށައި، ޔޫރަޕް ޗެމްޕިއަނަށް މި މެޗުން މޮޅު ވެވޭނީ ވަރަށް މަސައްކަތުން ކަމަށެވެ.

މިހާތަނަށް މި ދެޓީމު ކުޅެފައިވާ ބައިނަލްއަގްވާމީ މެޗުތަކުން ކުރި ލިބެނީ ޖަރުމަނަށެވެ. ކުޅުނު 12 މެޗުގެ ތެރެއިން 10 މެޗުގައި ޖަރުމަނު ވަނީ މޮޅު ވެފަ އެވެ. ޕޯޗުގަލް އަށް މޮޅު ވެވުނީ ތިން މެޗުންނެވެ. އަދި ފަސް މެޗުން ވަނީ އެއްވަރު ވެފަ އެވެ. ފަހުގެ ތާރީހުގައި އެންމެ ނަން ވިދާ އެއް ޓީމަކަށް ޖަރުމަނު ވެފައި ވާއިރު، މި މުބާރާތުގައި ޕޯޗުގަލްގެ ކުޅުން ވަރަށް މޮޅެވެ.

ޖަރުމަނުގެ އެލިއެންޒް އެރީނާގައި މިރޭ މާލޭ ގަޑިން 9:00 ޖަހާއިރު މި ދެ ޓީމު ބައްދަލު ކުރާ މެޗަށް ދެ ޓީމުން ވެސް ނުކުންނާނީ މޮޅަކަށެވެ. ޔޫރޯ 2020 އިގެ "މަރުގެ ގްރޫޕު" ގެ ގޮތުގައި ބެލެވޭ ގްރޫޕް އެފްގެ އެންމެ އުހުގައި ޕޯޗުގަލް އޮތުމަކީ އެޓީމަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އަނެއް ކޮޅުން ފްރާންސް އަތުން ބަލިވެ، ޖަރުމަނު އޮތީ ހާސްކަމުގެ ތެރޭގަ އެވެ. ބައިކޮޅަށް ގޯލެއް ވަދެގެން ފްރާންސް މެޗުން ލިބުނު ފިލާވަޅުގެ ބޭނުން ހިފައި، މި މެޗުން މޮޅުވުމަށް ޖަރުމަނުން މަރު ދޭނެ އެވެ. ޕޯޗުގަލް ނުކުންނާނީ އެ ޓީމުގެ ގޯލު ފޫއަޅުވާލިއަ ނުދީ ގްރޫޕުގެ އެއްވަނަ ދިފާއު ކުރާށެވެ.

ތިން ޕޮއިންޓާއެކު ޕޯޗުގަލް އޮތީ ގްރޫޕުގެ އެއް ވަނައިގަ އެވެ. ދެ ވަނައިގައި ފްރާންސް އޮތީ ގޯލުގެ ތަފާތުން ޕޯޗުގަލް މަތި ވުމުންނެވެ. ކުޅުނު ފުރަތަމަ މެޗުން ބަލިވެ، ހަނގޭރީ އާއި ޖަރުމަނު ވެސް އޮތީ ޕޮއިންޓެއް ނުލިބި އެވެ. ޖަރުމަނު ތިން ވަނައިގައި އޮތީ ބައިކޮޅަށް ވަން ގޯލު މަދު ވުމުންނެވެ.