ބޮލީވުޑް

ސުޝާންތުގެ މަރު: ރިއާގެ ބޭބެއާ އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ މުޅިން ތަފާތު އިތުރު ކަންތައްތަކެއް ފެންމަތިވެފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ސުޝާންތު އާއި ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ޑްރަގް ބޭނުންކުރާ ކަމަށް ކުރެވިފައިވާ ތުހުމަތު ތަކެވެ. އަދި ސުޝާންތުގެ މަރާ ޑްރަގާ ގުޅުމެއް ވާކަމަށް ކުރެވޭ ޝައްކު ތަކެވެ. މި ތަހުގީގު ފުރޮޅިގެން ގޮސް މިހާރު މި ތަހުގީގުގައި އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑު (އެންސީބީ) އިން ވަނީ ބައިވެރިވެ މި މައްސަލައާ ޑްރަގާ ގުޅިގެން ކުރެވިފައިވާ ތުހުމަތުތައް ތަހުގީގުކުރަން ފަށާފަ އެވެ.

އެގޮތުން އެންސީބީން ހޮނިހިރު ދުވަހު ވަނީ މި މައްސަލައިގެ ތުހުމަތުގައި ރިއާގެ ބޭބެ ޝޯވިކް ޗަކްރަބަތީ އާއި ސުޝާންތުގެ ގާތް ދެ މީހަކު ހައްޔަރު ކޮށްފަ އެވެ.

މި މީހުން ހައްޔަރު ކޮށްފައި މިވަނީ ޑްރަގް ވިއްކާ ބައެއްގެ ގޮތުން ޑްރަގް ގަނެފައިވާ ކަމަށް ޝޯވިކް އަމިއްލައަށް އިއުތިރާފު ވެފައި ވަނިކޮށެވެ. ދެން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސުޝާންތުގެ ހައުސް މެނޭޖާ ސެމިއުލް މިރަންޑާ އެވެ.

އެންސީބީން ސުޝާންތުގެ ގެއަށް ވަދެ އެ ގެ ބަލާ ފާސް ކުރުމަށް ފަހު ސެމިއުލް އާއި ރިއާގެ ބޭބެ ހައްޔަރު ކުރީ އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކިތައް ލިބިގެން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. މި ދެ މީހުންގެ އިތުރުން ކައިޒާން އިބްރާހިމް ކިޔާ މީހެއް ވެސް ސުޝާންތުގެ މަރުގެ މައްސަލައިގައި އެންސީބީން ހޮނިހިރު ދުވަހު ހައްޔަރުކުރި އެވެ.

އަދި ހަމަ މި މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ޒައިދު ވިލަޓްރާ ކިޔާ މީހެއް މީގެ ދެ ތިން ދުވަހެއް ކުރިން އެންސީބީން ވަނީ ހައްޔަރު ކޮށްފަ އެވެ. މި މީހާ އަތުން ޑްރަގް ގަނެފައި ޝޯވިކް އަބަދުވެސް ފައިސާ ދައްކަނީ ނަގުދު ފައިސާ އިން ކަމަށް ވެއެވެ.

ރިއާ އާއި ސުޝާންތުގެ މައްޗަށް ޑްރަގް ބޭނުންކުރާ ކަމުގެ ތުހުމަތުތައް ކުރިޔަސް ރިއާ ބުނެފައި ވަނީ އޭނާއަކީ ދުވަހަކުވެސް ޑްރަގް ބޭނުންކުރި މީހެއް ނޫން ކަމަށެވެ. ރިއާގެ މައްޗަށް ތުހުމަތު ކުރަނީ އޭނާ ސުޝާންތަށް ޑްރަގް ދީގެން އޭގެ ވަބާގައި ޖެއްސީ ކަމަށެވެ.