އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ މިހާރު ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ބަދަލުވެފައިވާއިރު ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ މި މައްސަލައިގައި ވަރަށް ރަނގަޅަށް ބެދިއްޖެ އެވެ. ޑްރަގް މައްސަލަ އާ އޭނާ އާ ގުޅުން އޮތް ކަމަށް ރިއާ އެންމެ ފަހުން އިއުތިރާފު ވެއްޖެ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
މުމްބައިގައި ހުންނަ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގައި ހަ ގަޑިއިރަށް ވުރެ ގިނައިރު ރިއާ އާ ސުވާލު ކުރުމުން އޭނާ އެންމެ ފަހުން ވަނީ ބޭބެ ޝޯވިކް އާއެކު ސުޝާންތަށް ޑްރަގް ހޯދާދިނުމުގައި ބައިވެރިވެފައިވާ ކަމަށް އެއްބަސް ވެފަ އެވެ.
އަދި ސުޝާންތުގެ ގޭގައި ގެންގުޅޭ ސެމުއަލް މިރަންޑާ ފޮނުވައިގެން ޑްރަގް ވިޔަފާރިކުރާ މީހެއްގެ އަތުން ޑްރަގް ހޯދާކަން ރިއާ އަށް އެނގެ އެވެ. އަދި އެކަމުގައި އޭނާގެ ބޭބެ ޝޯވިކް ވެސް މަގުފަހި ކޮށްދޭކަން ރިއާއަށް އެނގޭ ކަމަށް އޭނާ ބުންޏެވެ.
މި މައްސަލައިގައި މިހާރު ހައްޔަރު ކޮށްފައިވާ ސުޝާންތުގެ ހައުސް މެނޭޖަރު ސެމިއުލް އާއި ހައުސް ހެލްޕް ޑިޕޭޝް ސާވަންތު އެންސީބީ އަށް ދީފައިވާ ބަޔާންތަކުގައި ބުނެފައިވާ ގޮތުގައި ސުޝާންތުގެ ފާމް ހައުސްގައި ވަރަށް ގިނައިން ޑްރަގް ޕާޓީތައް ބާއްވަ އެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އެ ޕާޓީތަކުގައި ބައިވެރިވާ ކަމަށް ވެސް މި ދެ މީހުން ބުނެފައި ވެއެވެ. އެ މީހުން ވަނީ ޕާޓީތަކުގައި ބައިވެރިވާ ފަންނާނުންގެ ނަންތައް ވެސް ކިޔައިދީފަ އެވެ. ނަމަވެސް އެ ނަންތައް އިންޑިޔާގެ ނޫސްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ސެމިއުލް އާއި ޑިޕޭޝް ބުނި ގޮތުގައި މަނާ ޑްރަގްތައް ވަގަށް ގަނެގެން ސުޝާންތުގެ ގެއަށް ގެންދިއުމުގެ އަޑީގައި ހުރީ ރިއާ ޗަކްރަބަތީ އެވެ.
ސެމުއަލް މިރަންޑާ އެއްބަސްވެފައިވާ ގޮތުގައި ސެޕްޓެމްބަރު 2019 އިން މާޗް 2020 އަށް ސުޝާންތަށް މަސްތުވާ އެއްޗެތި އޭނާ ވަނީ ހޯދާދީފަ އެވެ. އެ އެއްޗެތި އޭނާ ގަތް މީހުންގެ ނަންތައް ވެސް ސެމުއަލް ވަނީ ހާމަކޮށްފަ އެވެ.
ސެމުއަލް އާއި ޑިޕޭޝް ވަނީ ހޮނިހިރު ދުވަހު ހައްޔަރުކޮށް އެމީހުންގެ ސެޕްޓެމްބަރު 9 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބައިތިއްބަން ކޯޓުން ހުއްދަ ހޯދާފައި ވެއެވެ.
ރިއާ ޑްރަގްގެ ވިޔަފާރީގެ އެކި މުއާމަލާތްތައް ކުރާ ކަމުގެ ހެކިތައް އޭނާގެ ވަޓްސްއަޕް ޗެޓްތަކުން ސާބިތުވާ ކަމަށް އެންސީބީގެ އޮފިޝަލުން ބުނެފައި ވެއެވެ.
ރިއާ އާއި ސުޝާންތު ރައްޓެހިވީ ފަހުން އުޅެފައި ވަނީ ލިވިން ރިލޭޝަންޝިޕް އެއްގަ އެވެ. ސުޝާންތު އާ ކޮންމެވެސް ކަހަލަ މައްސަލަތަކެއް ޖެހި ސުޝާންތުގެ ގެއިން ރިއާ ނުކުމެގެން ގޮސްފައިވަނީ ޖޫން އަށްވަނަ ދުވަހު އެވެ. ސުޝާންތު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ޖޫން 14 ވަނަ ދުވަހު އެވެ.
ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގެ ސައްހަ ކަމާ މެދު ވެސް މިހާރު ނާކޮޓިސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލުން ޝައްކު ކުރެ އެވެ. އޭނާގެ ލޭގައި ޑްރަގްގެ އަސަރު ހުރި ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ނެތުމުންނެވެ.