ބޮލީވުޑް

އަރްޖުންއަށް ފަހު މަލައިކާ ވެސް ކޮވިޑަށް ޕޮޒިޓިވް

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެކްޓަރު އަރްޖުން ކަޕޫރު ވަނީ މިދިޔަ އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފަ އެވެ. އަރްޖުންގެ ކިބައިން އެއްވެސް ވަރަކަށް ބަލީގެ ނިޝާނެއް ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ބައްޔަށް ޕޮޒިޓިވްވީކަން ހާމަކުރުމަށް ފަހު އަރްޖުން ދަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތް ވެސް ފޭނުންނަށް އިރުއިރުކޮޅުން ކިޔައި ދެމުންނެވެ.

އަރްޖުން އާއެކު އޭނާގެ ލޯބިވެރިޔާ މަލައިކާ އަރޯރާ ވެސް މިހާރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މަލައިކާގެ ކޮއްކޮ އަމްރިތާ ވަނީ މަލައިކާ ޕޮޒިޓިވް ވެފައިވާކަން ޔަގީން ކޮށްދީފަ އެވެ. ނަމަވެސް މަލައިކާގެ ސިއްހީ ހާލަތު ހުރި ގޮތް އަދި އޮޅުން ނުފިލާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މަލައިކާ ޕޮޒިޓިވް ވީއިރު އޭނާ ދަނީ ސޮނީ ޓީވީގެ މަޝްހޫރު ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސާ" ގެ ޖަޖްކަން ކުރަމުންނެވެ. މި ޝޯގެ ކުރޫންގެ ތެރެއިން އަށެއްކަ މީހުން މީގެ ކުރިން ޕޮޒިޓިވް ވެފައި ވެއެވެ. އެހެންކަމުން މަލައިކާއަށް ބަލި އެރީ ޝޯގެ ޝޫޓިންގްގެ ތެރެއިން ކަމަށް ވެދާނެ ކަމަށް ނޫސްތަކުން ބުނެފައި ވެއެވެ.

އަރްޖުން ދާދި ފަހުން ވަނީ ރަކުލް ޕްރީތި ސިންގް އާއެކު މުޅިން އާ ފިލްމެއްގެ ޝޫޓިންގް ފަށާފަ އެވެ. އަދި ނަމެއް ހަމަޖެހިފައި ނުވާ މި ފިލްމުގެ މަސައްކަތް އޭނާ ޕޮޒިޓީވް ވުމުން ވަނީ ހުއްޓާލާފަ އެވެ.

އަރްޖުން ބުނި ގޮތުގައި ޑޮކްޓަރުންގެ މަޝްވަރާގެ މަތިން އޭނާ މިވަގުތު ހުރީ ގޭގައި އަމިއްލައަށް ކަރަންޓީނު ވެގެނެވެ.