ޕޮލިޓިކްސް

"އިދިކޮޅު ކޯލިޝަނަކީ ބޭރު ގައުމެއްގެ ޕަޕެޓެއް ނޫން"

Sep 7, 2020
3

ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ހިމެނޭ ގޮތަށް އޮތްް އިދިކޮޅު ކޯލިޝަނަކީ އެއްވެސް އެހެން ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވެވި އަދި މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު ޝަރީފު މިފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އިދިކޮޅު ހަރަކާތްތަކާ ގުޅުވައި ކުރެއްވި ތުހުމަތުތަކަށް ދެއްވާ ރައްދެއްގެ ގޮތު އެވެ.

ޝަރީފު ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާނެ އަދި ބޭރު ގައުމެއްގެ ޕަޕެޓަކަށް ވާނެ ބައެއް ނޫން ކަމަށާއި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މިހުން ވެއްދުމަކީ އެ ކޯލިޝަނުން ކުރާ ކަމެއް ނޫން ކަމަށެވެ.

ޝަރީފު އެހެން ވިދާޅުވި އިރު އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތްތަކަށް ޗައިނާއިން އެހީވެ ދީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަަންނަމުންދާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ތުހުމަތު ކުރެއްވީ ރޭގަ އެވެ.

އޭނާ އެ ތުހުމަތުތަކާ ގުޅުވަފައި ވަނީ އިންޑިއާއާ ދެކޮޅަށް ފުޅާ ކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕޭނާއި "ގައުމު ވިއްކާލުމާ ދެކޮޅަށް" ހަރަކާތެވެ.

"އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކަކީ، ކަނޑައެޅިގެން ޗައިނާއިން ފައިސާ ދީގެން ހަލަބޮލި ކުރަން ކުރާ ކަމެއް،" އާޒިމް ރޭ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އިންޑިއާއާ މެދު ދިވެހި ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެދޭ ގޮތަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަސައްކަތް ކުރަނީ އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކާއެކު ރާއްޖެއަށް ކުރިއެރުންތައް ލިބި ދިވެހި ރައްޔިތުން ތަނަވަސްވާ މަންޒަރު ފެންނާތީ ކަމަށެވެ.