އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ދެ ވަނަ ސީޒަން ވެސް ނިންމާލަން ނިންމައިފި އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން މި ޝޯ ފެށީއްސުރެ ވަރަށް ގިނަ މައްސަލަތައް އަބަދު ކަހަލަ ގޮތަކަށް ޝޯ އަށް ދިޔައީ ކުރިމަތިވަމުންނެވެ.
ފުރަތަމަ ޝޯ އާ ކުރިމަތިވި ހުރަހަކީ ޑްރާމާގެ އެންމެ މުހިއްމު އެއް ކެރެކްޓާ ކަމަށްވާ ކޯމަލިކާގެ ރޯލަށް ހޮވި ހީނާ ޚާން ދުވަސްކޮޅަކު އެ ރޯލު ކުޅުމަށްފަހު ޝޯ އާ ވަކިވުމެވެ. އެއަށްފަހު މިސްޓަ ބަޖާޖްގެ ރޯލު ކުޅުނު ކަރަން ސިންގް ގްރޯވަރު ޝޯ ދޫކޮށްލުމުން ކަރަން ޕަޓޭލް އޭނާގެ ބަދަލުގައި އެ ކެރެކްޓާއަށް ލިއެވެ. ދެން އައީ ލޮކްޑައުންގެ ސަބަބުން ޝޯގެ އެއްވެސް މަސައްކަތެއް ނުކުރެވި ދިޔަ ތިން ހަތަރު މަހެކެވެ. އެއަށްފަހު ޝޫޓިން ފެށުމަށް ފަހު ވެސް ޝޯ އަށް ހަމަޖެހިލެވޭ ގޮތެއް ނުވި އެވެ.
އަލުން ޝޫޓިން ފެށިތަނާ ފުރަތަމަ ދިމާވި ކަމަކީ ޝޯގެ ލީޑް އެކްޓަރު ޕާތު ސަމްތާނު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމެވެ. އެއާއެކު ޕާތު އާއި ޝޯގައި ބައިވެރިވާ އެތައް އެކްޓަރުންނެއް ކަރަންޓީނަށް ދާން ޖެހުނެވެ. ރަނގަޅުވެގެން ނުކުމެ ޕާތު ޝޯ ދޫކޮށްލަން ނިންމުން ވެގެން ދިޔައީ ޕްރޮޑިއުސަރު އެކްތާ އަށް ހަދާނެ ގޮތް ހުސްވި ކަމަކަށެވެ.
އޭނާ އާދޭސް ކޮށްކޮށް ވެސް ޕާތު ޝޯއިން ވަކިވާ ޚިޔާލު ދުލެއް ނުކޮށްލި އެވެ. ޕާތަށް ބޮލީވުޑް ކެރިއަރެއް ފެށުމުގެ ފުރުސަތު ލިބިފައިވާތީ އެ ފުރުސަތު ދޫކޮށްލަން އޭނާ ބޭނުމެއް ނޫނެވެ. އެހިސާބުން ޝޯގައި ޕްރޭރްނާގެ ރޯލު އަދާކުރާ އެރިކާ ފެނާންޑިސް ވެސް އިތުރު މައްސަލަތަކެއް ކުރިމަތިކުރި އެވެ. ކޮވިޑް-19ގެ ބިރަށް އޭނާ ޝޫޓިންގް އޮންނަ ތަނަށް ދާކަށް އެރިކާ ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުންވީ ގޭގައި ހުރެގެން ޝޫޓް ކުރެވޭ ގޮތަކަށް ކުރާށެވެ.
ޕާތު ވަކިވާތީ އޭނާގެ ބަދަލުގައި އަނުރާގް ބާސޫގެ ރޯލަށް ފިޓްވާ މޮޅު އެކްޓަރެއް އެކްތާ އަދިވެސް ހޯދަނީ އެވެ. ނަމަވެސް އޭނާ ހިތްހަމަޖެހޭ ފަދަ އެކްޓަރެއް އަދިވެސް ނުލިބެ އެވެ. އެހެންވެ ޝޯ އަށް އުފާވެރި ނިމުމެއް ގެންނަން އެކްތާ މިހާރު ވަނީ ގަސްތުކޮށްފަ އެވެ.
ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ކަސޯޓީ"ގެ އެންމެ ފަހު އެޕިސޯޑް ދައްކާނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު އެވެ. "ކަސޯޓީ'ގެ ފުރަތަމަ ސީޒަން ނިމެނީ އަނުރާގް އާއި ޕްރޭރްނާ މަރުވެގެން ނަމަވެސް މި ފަހަރުގެ ޝޯ ނިންމާލާނީ އަނުރާގް އާއި ޕްރޭރްނާ އަލުން ގުޅުވައި ވާހަކައަކަށް އުފާވެރި ނިމުމެއް ގެނެސްގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ސްޓާ ޕްލަސް އިން ކުރިން ދެއްކި "ސާތު ނިބާނާ ސާތިޔާ"ގެ ދެ ވަނަ ސީޒަނެއް ފަށަން ތައްޔާރުވަމުންދާއިރު "ކަސޯޓީ"ގެ ބަދަލުގައި އެ ޑްރާމާ ދެއްކި ގަޑީގައި "ސާތު ނިބާނާ ސާތިޔާ 2" ދައްކަން ފަށާނެ ކަމަށް މިއީ ތެދެއް ނޫން ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.