ރިޕޯޓް

ލޯނު ފަސްކޮށް ދިނުން: ކިހާ ވަރެއްގެ އެހީއެއް؟

Sep 10, 2020
1

ކޮވިޑް-19 އަށް މާޗް މަހު އިގްތިސޯދުގައި ބަންދު ކުރުމާއެކު ގިނަ މީހުންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށްވީ އަލުގައި ހުރި ލޯނު ތަކެވެ. ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ގިނަ ބަޔަކީ ލޯނަށް ބަރޯސާވެ މަސައްކަތް ކުރުމުގެ ވައްޓަފާޅިއަށް ހޭނިފައިވާ ބަޔަކަށްވުން ވެގެން ދިޔައީ ގިނަ ބަޔަކު ލޯނު ނަގައިގެން ތިބުމެވެ. އެހެންވެ އާމްދަނީ އެންމެ ދަށްވި ވަގުތު އެންމެ ބޭނުންވީ ލޯނަށް ދައްކަން ޖެހޭ އަދަދު ފަސް ވާނެ ގޮތެއް ވުމެވެ. އެގޮތުގައި ގިނަ ބަޔަކު ތިއްބައި އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމަކަށް އިއުލާނު ކުރި އިގްތިސޯދީ ރިލީފް ނުވަތަ އެހީގެ ޕެކޭޖުގައި ހިމަނައިގެން "ޑެޓް މޮރިޓޯރިއަމް" ދޭން ނިންމި އެވެ. މިކަންވީ ހާއްސަކޮށް ވިޔަފާރި އަށް ލިބިގެން ދިޔަ ބޮޑު ހިތްހަމަ ޖެހުމަކަށެވެ. ދަރަނި ފަސްކޮށްދޭން ސަރުކާރު އެޅި ފިިޔަވަޅުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މިކަން ކިހާވަރެއްގެ އެހީއަކަށް ވެއްޖެ އެވެ؟ މުސްތަގުބަލުގައި ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"އަޅުގަނޑުމެން ވެސް އެތަށް މިލިއަން ރުފިޔާގެ ލޯނު އެބަހުރި. އެ ލޯނުތައް މިހާލަތުގައި ދައްކަން ޖެހުނުނަމަވެސް ދެން ބުނާނެ ވާހަކައެއް ނެތް. މިހާރު ކިރިޔާ ވެސް ހަމަ ދިނި ނިދާ ލެވެނީ، އެ ބުރަ ވަގުތީ ގޮތުން ވެސް ނެތުމުން،" ވިޔަފާރި ތަރައްގީ ކުރުމަށް ލޯނު ނަގާފައިވާ މެދު ފަންތީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު ސަލީމް ބުންޏެވެ.

ސަރުކާރުން ލޯނުތައް ފަސްކޮށް ދިންއިރު، ގެދޮރު އަޅަން ނަގާފައިވާ ލޯނުތަކާއި ބީއެމްއެލް އިން ގިނަ ބަޔަކު ނަގާފައިވާ ޕާސަަނަލް އަދި ހައުސިން ލޯނުތަކުގެ އިތުރުން ސްޓޫޑެންޓް ލޯނުތައް ވެސް ފަސްކޮށް ދިނެވެ. ބީއެމްއެލް އިން އެކަނި މިދިޔަ ޖުލައި މަހުގެ ނިޔަލަށް ޕާސަނަލް ލޯނާއި ހައުސިން އަދި ވިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ހަ މަސް ދުވަހަށް ފަސްކޮށް ދިނުމަށް އެދި ވަނީ ހުށަަހަޅާފަ އެވެ. އަދި ސަރުކާރާއި ބައެއް ކައުންސިލްތައް ހިއްސާ ވެގެން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ވެސް ގިނަ އަދަދެއްގެ ލޯނުތަކެއް ވަނީ ފަސްކޮށް ދީފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ވިޔަފާރި ތަކަށް އެހީވުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު، އެސްޑީއެފްސީ މެދުވެރިކޮށް ކުދި އަދި މެދުފަންތީ ވިޔަފާރިތައް މިހާލަތުގައި ދެމިތިބެން ބޭނުންވާ އެހީގެ ގޮތުގައި ލުއި ލޯނު ދަނީ ދޫކުރަމުންނެވެ. އެސްޑީއެފްސީ އިން ކުދި ވިޔަފާރި ތަކަށް ދެނީ 500،000ރ. ހަމަ އަށް ނެގޭ ލޯނު ތަކެވެ. މި ސްކީމުގެ ދަށުން ލޯނު ދޭނީ ހަ ޕަސެންޓު އިންޓްރެސްޓުގަ އެވެ. މި ލޯނު ދައްކަން ތިން އަހަރު ލިބެ އެވެ. އެސްޑީއެފްސީން މިހާތަނަށް 1،0،46 ވިޔަފާރި އަށް 209،9 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އަމިއްލަ މަސައްކަތް ކުރާ 433 ފަރާތަކަށް 13 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކުރިން އޮތް ގޮތުން ގިނަ ލޯނުތައް ދެއްކުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ އެވެ. ނަމަވެސް އަނެއްކާވެސް އިތުރަށް ލޯނު ފަސްކޮށް ދިނުމުގެ ފިޔަވަޅުތަކަށް މިވަނީ ފުރުސަތު ދީފަ އެވެ. ސަބަބަކީ އިގްތިސޯދު ރަނގަޅުވާން ނުފެށުމެވެ. ރަނގަޅުވާން ފަށަން ނަގާ ވަގުތު ދެމިގެން ދިއުމެވެ. އެސްޑީއެފްސީ އިން ވަނީ އެ ބޭންކުގެ ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނާއި ފައިނޭންސިންގ އަށް ފައިސާދެއްކުން ދެވަނަ ފަހަރަށް ފަސްކުރުމަށް ހުޅުވާލާ ފުރުސަތުގެ ދަށުން މި މަހު ފައިސާ ދައްކަން ފަށަންޖެހޭ ކަސްޓަމަރުންނަށް އެ ފުރުސަތު ވަނީ އިތުރު ކޮށް ދީފަ އެވެ. އެ ބޭންކުން ބުނީ މި ފުރުސަތު ލިބިގެންދާނީ މިހާރު ވެސް ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަސްޓަމަރުންނަށް ކަމަށެވެ. އެގޮތުން އެ ބޭންކުގެ ވެބްސައިޓްގައިވާ މޮރަޓޯރިއަމް ޕޯޓަލް މެދުވެރިކޮށް ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ދެވަނަފަހަރަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ލޯނުތައް ދެއްކުން ފަސްކުރުން އިތުރަށް ދަންމާލާއިރު، މިހާރު އިގްތިސޯދުން ފެންނަ މަންޒަރު ތަކުން ރަނގަޅުވާން ފަށާނެ ކަމަށް ފެންނަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ސުވާލަކީ އަނެއްކާ ވެސް ލޯނުތައް ފަސްކޮށް ދޭން ޖެހޭނެ ހެއްޔެވެ؟ މިގޮތަށް ބޭންކިން ނިޒާމަށް ކިހާ ދުވަހަކު ހިފައްޓާލެވިދާނެ ހެއްޔެވެ؟ މި ވިޔަފާރިތަކުގެ ލޯނުތައް ކުރިން ހުރި ހާލަތަށް އަންނަން ކިހާ ދުވަހެއް ނަގާނެ ހެއްޔެވެ؟

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ކުރިއަށް އޮތްތަނުގައި ކުރިމަތިވާނެ އެންމެ ބޮޑު މައްސަލައަކީ ވިޔަފާރި ތަކަށް ދޫކޮށްފައިވާ އެހީގެ ލޯނުތައް ވެސް ދާއްކަން ޖެހި، ފަސްކޮށް ދީފައިވާ ލޯނުތައް ވެސް ދައްކަން ޖެހޭ ވަގުތު ޖެހުމެވެ.

"ރިލީފްގެ ގޮތުގައި ވެސް މި ހުރީ ލޯނު. ހަމަ އެ ވިޔަފާރިތަކުގައި އޮންނާނެ އެ މީހުންގެ ވިޔަފާރި ފަށަން ނެގި ލޯނު ވެސް. އެހެންވެ މި އޮތީ ލޯނުމަތީގައި ލޯނު. އަލުން އިކޮނޮމީ އޯޕަން ވާއިރު މިއީ ވިޔަފާރިތަކުގެ އާމްދަނީ އަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިތިވާނެ ކަމެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފޯކާސްޓްއަކީ އިގްތިސޯދު އަންނަ އަހަރުގެ މެދުތެރޭގައި ހަމައަކަށް އެޅެން ފެށުން. އެވަރަށް އަންނާއިރު މި ވިޔަފާރިތައް ލިބޭނީ ވަރަށް ހާލުގަ." ލޯނުތައް ފަސްކޮށް ދެވިދާނެ އެވެ. ކުރިއަށް އޮތްތަނުގައި ވިޔަފާރި ތަކަށް ދެވޭނީ ކޮން އެހީއެއް ހެއްޔެވެ؟

ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތައް ގޮތަށް ނުރައްކާތެރި ހާލަތްތަކުގައި އިގްތިސޯދަށް އެހީވާން ހާއްސަ ފަންޑެއް އޮތް ގައުމެއް ނޫނެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ ރިޒާވް ކުޑަވުމަކީ މިހާލަތަށް އައިރު ކުރިމަރތިވި މައްސަލައެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވިސްނުން ހުރީ ވިޔަފާރި ތަކަށް އިތުރު އެހީތައް ހޯދުމަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮންމެ ގޮތެއްވިއަސް ލޯނުތައް ފަސްކޮށް ދިނުން ކުރިއަށް ގެންދެވޭނީ ވަކި ވަރަކަށް އެވެ. މިކަން ވެސް ވަކި ހިސާބަކުން ކޮޅުންލާނެ އެވެ. އެހެންވެ މިހާރު ވިސްނަން ޖެހިފައިވަނީ އެހެން ވިސްނުމެވެ. ވިޔަފާރިތަަކަށް އެހީވެގެން ނޫން ގޮތަކަށް ވަޒީފާތައް ހިމާޔަތެއް ނުކުރެވޭނެ އެވެ. މިހާލަތު މިހާރު ނިއުޅެމުންދާ ގޮތަށް ބަލާއިރު ވިޔަފާރިތަަކަށް އިތުރު އެހީ ބޭނުންވާނެ އެވެ. އެކަމަކު މިހާލަތުގައި ލޯނުތައް ފަސްކޮށްދޭން ދިން "މޮރަޓޯރިއަމް" ވީ ބޮޑު އެހީއަކަށް ކަމަށް ބުނެވިދާނެ އެވެ.