ކޮންމެ ގައުމެއްގައި ވެސް އިގްތިސޯދުގެ މައިބަދައަކީ އެ ގައުމެއްގެ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެވެ. އެ ވިޔަފާރިތައް ދިރުވައިގެން ނޫން ގޮތަކަށް އިގްތިސޯދުގެ ތަނބުތައް ގަދަކޮށް ބެހެއްޓޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ ރާއްޖޭގައި އެކި ޒަމާންތަކުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން އެކި މަސައްކަތްތައް ކުރި އެވެ. އެގޮތުން މި ސަރުކާރުން ވެސް އެކަމަށް ދަނީ މަސައްކަތް ކުރަމުންނެެވެ. އެގޮތުން އެންމެ ފަހުން ގެނައި ބަދަލަކީ ރާއްޖޭގައި އޮންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ހާއްސަކޮށް އޮންނަ ގާނޫނަށް މުހިންމު ބަދަލުތަކެއް ގެނައުމެވެ. މި ގެނައި ބަދަލުން ފެންނާނީ ކޮން ކަމެއް ހެއްޔެވެ؟ މި ބަދަލާއެކު ސަރުކާރަށް ބޭނުން މި ސެކްޓާގެ މައްޗަށް ބާރު ހިންގަން ފެށިދާނެ ހެއްޔެވެ؟ މި ބަދަލުން މި ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރެވިދާނެ ހެއްޔެވެ؟
"ގާނޫނަށް އިސްލާހު ގެންނަން ބިލް ޑްރާފްޓް ހެދިއިރު އަޅުގަނޑުމެންނަށް ފެންނަ އޮޕީނިއަން ވެސް ފޮނުވިން. ޖުމްލަކޮށް ގިނަ ބައިތައް މި ގާނޫނުގައި ވަނީ ހިމަނާފަ،" ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަމްސީލް ކުރާ ޖަމިއްޔާ އެސްއެމްއީ ފެޑަރޭޝަނުން ވާހަކަ ދެކެވި އިސް ބޭފުޅަކު ވިދާޅުވި އެވެ.
މި ގާނޫނު 2013 ގައި ފާސްކޮށް އަމަލު ކުރަން ފެށިފަހުން މި އަދާ ހަމައަށް އޮތް ގޮތުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކީ ކޮބައިކަން އެހާބޮޑަށް ސާފެއް ނެވެ. ނަމަވެސް މި ގާނޫނަށް މިހާރު ގެނެސް އަމަލު ކުރަން ފެށި އިސްލާހާއެކު މި ގާނޫނު އިތުރަށް "ކްލީން" ގެ މި ވާން އުޅޭ ގޮތެއް "ސާފު" ވެގެންދެ އެވެ. ކުރީގައި ގާނޫނު އޮތް ގޮތުން "އެންމެ ކުދި" އަދި "ކުދި ވިޔަފާރި" އާއި "މެދުފަންތީގެ" ވިޔަފާރި މާނަކުރުމުގައި ހަމައެެކަނި ގުނަނީ ޖުމްލަ ފައިދާ އެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއެކު ސާފު ފައިދާ އަށް އަންނަވަރު ވެސް ސާފުކޮށް ބުނެދީފައިވެ އެވެ.- މިއީ ރަނގަޅު ބަދަލެއް ކަމަށް ބުނެވިދާނެ އެވެ.
މި ގިންތީގެ ވިޔަފާރިތައް
- އެންމެ ކުދި: މުވައްޒަފުން ފަހެއް ( ޖުމްލަ އާމްދަނީ ފަސް ލައްކައާ ހަަމަށް، ސާފު ފައިދާ 75،000ރ. އާ ހަމައަށް)
- ކުދި ވިޔަފާރި: މުވައްޒަފުން 6 އާއި 30 އާ ދެމެދު ( ޖުމްލަ އާމްދަނީ ފަސް މިލިއަނާ ހަމައަށް، ސާފު ފައިދާ 750،000ރ. ހަމައަށް
- މެދު ފަންތި: 31 އާއި 100 އާ ދެމެދު ( ޖުމްލަ އާމްދަނީ 20 މިލިއަން ރުފިޔާއާ ހަމައަށް، ސާފު ފައިދާ ތިން މިލިއަން ރުފިޔާއާ ހަމައަށް
މި ގާނޫނު މިހާރު އޮތް ގޮތުން ޓޫރިޒަމް މި ސިނާއަތަށް ބަސް ކިޔަން 14 މެންބަރުން ހިމެނޭ ކައުންސިލެއް އުފައްދަން ޖެހެ އެވެ. މި ކައުންސިލްގައި ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު އަދި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ މިނިސްޓަރު ވެސް އިންނަވާނެ އެވެ. އަދި މީގެ އިތުރުން މި ދާއިރާއާ ގުޅުންހުރި ޖަމިއްޔާތަކާއި މީރާ އަދި އެމްއެމްއޭގެ އިތުރުން ބީސީސީ ކުންފުންޏާއި އެސްޑީއެފްސީގެ އެމްޑީވެސް އިންނަވާނެ އެވެ. އެހެންމެ މި ކައުންސިލް ވެގެންދާނީ މި ސެކްޓާގެ މައްޗަށް ކުރިއަށް އޮތްތަނުގައި ބޮޑު ނުފޫޒެއް ފޯރުވާނެ ބަޔަކަށެވެ. މި ބަދަލުން ނުކުމެދާނެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟
މިހާރު އެހެން ސެކްޓާތަކުގެ ތަޖުރިބާއަށް ބަލާއިރު މަދަނީ ޖަމިއްޔާތައް މިފަދަ ކައުންސިލްތަކުގައި ބައިވެރި ކުރުވުމާމެދު އެންމެ މި ދާއިރާގެ ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވެ އެވެ. މީގެ ބަދަލުގައި އެކްސްޕާޓު އިންޑިވިޖުއަލްސް ހިމަނައިގެން މި ކައުންސިލް އެކުލަވާލި ނަމަ މާރަނގަޅުވާނެ ކަމަށް ބުނާ ބޭފުޅުން ވެސް ތިއްބަވަ އެވެ. އަނެއް ކޮޅުން މި ކައުންސިލުގައި ސަރުކާރުގެ އިގްތިސޯދާ ގުޅުންހުރި ހުރިހާ މިނިސްޓަރުން ހިމެނުމުގެ މަގުސަދާމެދު ވެސް ސުވާލު އުފައްދަ އެވެ.
"މި އޮތްހާ ދުވަހު އެސްއެމްއީ ސެކްޓާ ބޮއްސުންލައިގެން ދިޔައިރު ވެސް މިނިސްޓަރުން ތިއްބެވި، ކީވެތޯ ކަމެއް ނުވީ؟ މީގެން ފެންނަނީ ހަމައެކަނި ކައުންސިލުގައި މިނިސްޓަރުން ހިމައިގެން އެ ބޭފުޅުންނަށް އިތުރު އެލަވަންސެއް އިތުރުވާނެ ގޮތަށް ހަދަން ގެނެސްފައިވާ ބަދަލެއް އެކަނި،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އެސްއެމްއީ ގާނޫނަށް ގެނައި ބަދަލުތަކާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުންތަކެއް ހުއްޓަސް ޖުމްލަކޮށް މި ބަދަލުން ފައިދާ ކުރާނެ ކަމަށް ބުނެވިދާނެ އެވެ. މިހާރު މި ގާނޫނުގައި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްދޭ ކުންފުންޏާއި މަރުކަޒުތައް ގާއިމް ކުރަން ޖެހޭނެ ގޮތާއި އެކަންކުރާނީ ކޮން ބައެއްކަން ސާފުކޮށް ބުނެދީފައިވެ އެވެ. މިގޮތުން މި ދާއިރާއަށް ފަހި މާހައުލެއް ގާއިމުކުރުމަށް މި ގާނޫނުގެ ދަށުން އެކަށައަޅާ ސިޔާސަތުތަކާއި އެ ވިޔަފާރިތަކާ ގުޅޭގޮތުން ސަރުކާރުން ހިންގާ ޕްރޮގްރާމްތަކާއި ޙަރަކާތްތައް ވިލަރެސްކޮށް، ރާވައި، ހިންގުމަށްޓަކައި، މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއް ގާއިމް ކުރަން ލާޒިމްކޮށްފައިވެ އެވެ.- އެ ކުންފުންޏަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފައްދަވާފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އެވެ.
މި ބަދަލާއެކު ބީސީސީ އަށް ބޮޑެތި ބާރުތަކެއްވެސް ދީފައިވެ އެވެ. އަދި އެ ކުންފުނީގެ ޒިންމާވެސް ސާފުކޮށް ބުނެދީދައިވެ އެވެ.
ބީސީސީއަށް ބޮޑު ޒިންމާއެއް
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން އިސްކަންދިނުމަށް މިނިސްޓަރު ކަނޑައަޅާ ދާއިރާތަކަށް ހިދުމަތް
- ފޯރުކޮށްދިނުމުގައި ޚާއްސަ އަހަންމިއްޔަތުކަމެއް ދިނުން
- ވިޔަފާރި ހިންގުމުގެ އާ ގޮތްތައް ކުރިއެރުވުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ހިންގުމާއި ހިދުމަތްދިނުން
- މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި، އެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން
- މި ވިޔަފާރިތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި، ކުންފުންޏަށް މާލީ ފައިދާ ހޯދުމަށް އިސްކަން ދިނުމަށްވުރެ ހިދުމަތް ފޯރުކޮށްދިނުމުގެ ރޫޙުގައި ޕްރޮގްރާމްތައް ހިންގުން
ގާނޫނީ މި ބާރުވެރިކަމާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބީސީސީގެ ގޮފިތައް އުފައްދަން ޖެހެ އެވެ. ނިމިދިޔަ ސަރުކާރުން ފެށި މި މަސައްކަތް މި ސަރުކާރުން ވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަދި ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. ދަރަންޏަށް ފައިސާ ހޯދުމުގައި މި ވިޔަފާރިތަކަށް ހުރި ހުރިހާ ގޮންޖެހުންތަކެއް ނައްލައިލަން ޖެހެ އެވެ.
އެސްއެމްއީ ކްރެޑިޓް ގެެރެންޓީ ސްކީމެއް
- ވިޔަފާރިތަކަށް ދަރަންޏަށް ފައިސާ ދޫކުރުން
- ވިޔަފާރިތަކަށް ލޯނު ދޫކުރުމުގައި ލުއި ފަސޭހަ އުސޫލުތަކެއް ގެންގުޅުމަށް ބޭންކުތަކަށް ހިތްވަރު ދިނުން
- ދަރަންޏަށް ފައިސާ ހޯދުމުގެ ޤާބިލުކަން އެ ވިޔަފާރިތަކުގެ ކިބައިގައި އިތުރުކުރުމުގެ ގޮތުން ކްރެޑިޓް ގެރެންޓީ ސްކީމެއް ތަޢާރަފްކުރުން
- ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީކުރުމަށް، ކައުންސިލުގެ ލަފާގެ މަތިން މިނިސްޓްރީން ކަނޑައަޅާ އެހެނިހެން ހަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުން
ފައިސާ ދޫކުރުމުގެ އުސޫލަށް ވެސް މި ގާނޫނަށް ގެނައި އިސްލާހާއެކު ބަދަލުތަކެއް އައިސްފައިވެ އެވެ. ކުރިން މި ގާނޫނު އޮތް ގޮތުން ދޫކުރެވޭނެ އެންމެ ބޮޑު އަދަދަކީ 1.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރުމުގެ ފުރުސަތު ފަހި ވެގެންދާނެ އެވެ.
އެހެންވެ ބެލެވޭ ގޮތުގައި މި ބަދަލުގެ ސަބަބުން އެސްއެމްއީތަކަށް ދޭ މާލީ އެހީތެރިކަން އިތުރުވެގެންދާނެ އެވެ. ނަމަވެސް މި ބަދަލުގެ ފަހަތުން ޓްރާންސްޕޭރެންސީ ނުފެނިއްޖެނަމަ ކުރީގެ މިފަދަ ސްކީމްތަކުގައި ޖެހުނު ފަދަ މައްސަލަތައް ނުކުންނާނެ އެވެ.
ނުވިސްނައިފިނަމަ ވައްކަމެއް ކުރުމުގެ ބާރު
މާލީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބީސީސީ އަށް ބޮޑެތި ބާރުތަކެއް ދޭއިރު އެންމެ ފުރިހަމައަށް މިކަން ކުރެވެން ޖެހޭ ކަމަށެވެ. މިގޮތުން އެއް ގޮތަކީ އެ ކުންފުންޏަކީ އާއްމުންގެ ހިއްސާ އޮންނަ ކުންފުންޏަކަށް ހެދުމެވެ.
"ޕަބްލިކް ކުންފުންޏަކަށް ހެދުން މިއީ ކުރެވިދާނެ އެއްކަމެއް، އޭރުން ޓްރާންސްޕޭރެންސީ އިތުރުވާނެ. ހިއްސާދާރުންނަށް ޖަވާބު ދާއިރާވާން ލާޒިމް ކުރާނެ. އެހެން ނޫންނަމަވެސް ފަންޑުގެ ބޭނުން ނުހަމަ ގޮތުގައި ކުރުމުގެ މަގު ތަނަވަސް ވުންގާތް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ޕާޓް ޓައިމް ވަޒީފާގެ ބާޒާރެއް އުފެއްދިދާނެ
އެސްއެމްއީ ގާނޫނަށް ގެނައި ބަދަލާއެކު 2008 އިން ފެށިގެން އަމަލު ކުރަމުންދާ ވަޒީފާއާ ބެހޭ ގާނޫނުގެ މަތިން، ބާރުތަކެއް ދީފައިވެ އެވެ. އެ ބާރަކީ އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވަޒީފާ ދިނުމާއި ވަޒީފާ އަދާކުރުމުގައި ދީފައިވާ ލުއިތަކެވެ. ވަޒީފާ ދިނުމުގައި ހާއްސަ އުސޫލުތަކުން މި ގިންތީގައި ހިމެނޭ ވިޔަފާރިތަކަށް އަމަލު ކުރެވިދާނެ އެވެ.- މި ބަދަލާއެކު "ޕާޓްޓައިމް ވަޒީފާގެ ބާޒާރެއް" އުފެދުމުގެ ބާރު ދީފައިވެ އެވެ.
އެންމެ ކުދި އަދި ކުދި ފަންތީގެ ވިޔަފާރިތަކުގައި ވަޒީފާއަދާކުރާ ފަރާތްތަކުން، ވަޒީފާއަދާކުރާ ކޮންމެ ދުވަހަކު އިތުރު ދެ ގަޑިއިރު މަސައްކަތްކުރުމަށް ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު ސޮއިކުރެވޭ ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ އެވެ. ނަމަވެސް، އެގޮތުން ވަޒީފާއަދާކުރާ ކޮންމެ ދުވަހަކަށް އިތުރުކުރެވޭ ދެ ގަޑިއިރަށް އިތުރުގަޑީގެ ފައިސާ ދޭންވާނެ އެވެ.
އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކުން ހެޔޮ ފައިދާތަކެއް ނުކުތުމުގެ ފުރުސަތު އެބައޮތެވެ. އަދި ހަމަ މިބަދަލާއެކު ބޮޑު ވައްކަމެއް ކުރުމަށް ފަހި ފުރުސަތު ތަކެއް ވެސް ލިބިގެންދެ އެވެ.