ބޮލީވުޑް

ޕާތު ސަމްތާން "ކަސޯޓީ" ދޫކޮށްލީ ކީއްވެ؟

ބޮލީވުޑް ފިލްމު ކުޅެން ބޭނުންވާ އެކްޓަރަކަށް ހުވަފެނަކުން ނޫނީ ނުފެންނަ ވަރުގެ ފުރިހަމަ ފިލްމެއް "ކަސޯޓީ ޒިންދަގީ ކޭ"ގެ ބަތަލު ޕާތު ސަމްތާން އަށް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ޕާތު އަށް ފިލްމީ ދުނިޔެއަށް ތައާރަފްވާން ލިބިފައިވަނީ ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރާ "ގަންގޫބާއީ ކަތިއާވަޅީ" ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. މި ފިލްމުގައި ވަރަށް މުހިއްމު ވަރުގަދަ ރޯލެއް ޕާތު އަށް ލިބިފައިވާ ކަމަށާއި އޭނާއަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވަނީ އާލިއާ ބަޓް އާއެކު ކަމަށް ވެއެވެ.

ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުން "ކަސޯޓީ" ދޫކޮށްލަން ޕާތު ނިންމީ ބާންސާލީގެ ފިލްމު ލިބިގެންނެވެ. ޕާތު "ކަސޯޓީ" އިން ވަކިވުމުން އޭނާގެ ބަދަލުގައި އަނުރާގު ބާސޫގެ ރޯލަށް ލާނެ ރަނގަޅު އެކްޓަރެއް އެކްތާ އަށް ނުލިބިގެން އެ ސިލްސިލާ ނިންމާލަން މިހާރު އެކްތާ ވިސްނަމުންދާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ބާންސާލީގެ ފިލްމު ކުޅެން ޕާތު މިހާރު ސޮއިކޮށްފައިވާ ކަމަށާއި ބާންސާލީ ކަހަލަ މަޝްހޫރު އަދި ކުޅަދާނަ ޑައިރެކްޓަރަކާ އެކު ފުރަތަމަ ފިލްމު ކުޅެން ލިބުމުން ޕާތު ހުރީ ވަރަށް އުފަލުން ކަމަށް ވެއެވެ.

"ކަސޯޓީ"ގެ އެންމެ ފަހު އެޕިސޯޑް އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ދައްކާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެހާތަނަށް ޕާތު އޭނާ އެ ސިލްސިލާގައި ކުޅެން ޖެހޭ ބައި ފުރިހަމަކުރުމަށްފަހު ބާންސާލީގެ ފިލްމާ ގުޅޭނެ އެވެ.

"ގަންގޫބާއީ ކަތިއާވަޅީ"ގައި ގަންގޫބާއީގެ ރޯލު އަދާކުރަނީ އާލިއާ އެވެ. މި ފިލްމު ތައްޔާރުކުރަނީ ލިޔުންތެރިޔާ ހަސަން ޒައިދީ ލިޔެފައިވާ ވާހަކައެއް ކަމަށްވާ "މާފިއާ ކުއީންސް އޮފް މުމްބައި"ގެ މައްޗަށެވެ.

ބާންސާލީގެ ފިލްމުގެ އިތުރުން ޕާތު ވަނީ ވެބް ސީރީޒް އެއް ކުޅުމަށް ވެސް އެއްބަސްވެފަ އެވެ. "މައި ހީރޯ ބޯލް ރަހާ ހޫ" ނަމަކަށް ކިޔާ މި ވެބް ސީރީޒްގައި ޕާތު ކުޅެނީ ނަވާބު ކިޔާ މީހެއްގެ ކެރެކްޓާ އެވެ.