ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އަތޮޅުތަކަށް ބަލި ފެތުރުމަކީ ކަންބޮޑުވުމެއް: ރައީސް

މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަނަމަވެސް އަތޮޅުތަކުގެތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑް ބަލީގެ މީހުން ފެންނަމުންދިއުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އަށް ޒިޔާރާތްކުރައްވައި ކޯޑިނޭޝަން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރިޔާސަތު ބެލެހެއްޓެވި މި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލެ ސަރަހައްދުން ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަށްވަމުން ދިޔަނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުން މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާތީ އެ ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްއީއޯސީގެ އިސް ބޭފުޅުން އަރިހުގައި އެދިވަޑައިގެންފައެވެ. އަދި ސަރުކާރުން ވެސް މި ވަގުތު އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެނީ އެ މަސައްކަތަށް ކަމަށް ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 8800 ވުރެ މައްޗަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް މިިދިޔަ ހަތަރު ދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީތަކުގެ ތެރެއިން ބ އަތޮޅު ފެސިލިޓީގައި އެކަކު ލ. ގަން ފެސިލިޓީގައި ދެ މީހަކު އަދި ގއ. ވިލިނގިލި ފެސިލިޓީގައި ހަތަރު މީހަކަށް ދަނީ އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. އެ އެންމެންނަކީ ވެސް އުމުރުން ދުވަސްވީ ކޮވިޑްގެ ހައިރިސްކު މީހުންނެވެ.