ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެކޮންމިކް ރިލީފް ޕެކެޖް

އިންކަމް ސަޕޯޓު ދިން އަދަދު 60 މިލއަން ރުފިޔާއާ ގާތަށް

Sep 12, 2020
1

ކޮވިޑް-19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައި ވެއެވެ. އެހެންވެ "އިންކަމް ސަޕޯޓް" އެލަވަންސެއް ދޭން ސަރުކާރުން ނިންމި އެވެ. މިހާތަނަށް އިންކަމް ސަޕޯޓުގެ ގޮތުގައި މީހަކަށް 5،000ރ. ދޫކުރާއިރު މި އެލަވަންސްގެ އަދަދު ވަނީ 60 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންކަމް ސަޕޯޓް އެލަވެންސް މިހާތަނަށް 6،388 މީހަކަށް ވަނީ ދީފަ އެވެ. އަދި އެ މީހުންނަށް ޖުމްލަ 14،105 ބުރެއްގައި ފައިސާ ދޫކޮށްފައި ވެއެވެ. މިހާތަނަށް ސްކީމުން ދޫކުރި ފައިސާގެ އަދަދު 59.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކާއި ފަރުދުންނަށް ލިބިފައިވާ ގެއްލުންތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކައި ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ "އިކޮނޮމިކް ރިލީފް ޕެކޭޖެ" އް ނެރެފަ އެވެ. އެ ޕެކޭޖުގެ ދަށުން އިންކަމް އެލަވަންސަށް އެދި ހުށަހެޅޭނީ ޖޮބް ސެންޓަރު މެދުވެރި ކޮށެވެ. އޮންލައިންކޮށް ހުށަހެޅުމަށް ކުރިން އުޒުރުވެރިވެފައިވާ ފަރާތްތަކުން، އީފާސް ގައި ރަޖިސްޓާ ވުމަށް ފަހު، އޮންލައިން ފޯމް ފުރިހަމަކޮށް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.

އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށް އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް މިކަމަށް ޝަރުތު ހަމަވާނެ ކަމަށެވެ.

މި ދެމަހުގެ އިނާޔަތަށް އެދި މި މަހުގެ 31 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރަށް ސެޕްޓެމްބަރު މަހުގެ އިނާޔަތަށް އެދި ހުށަހެޅެނީ އެއްވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށް އާމްދަނީއަށް ނުރަނގަޅު ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެ ފަރާތްތަކުން ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާން ޖެހެ އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލަށް ގެނެސްފައިވާ ބަދަލާއެކު، މިދިޔަ އަހަރުގެ ޑސެމްބަރު އެކެއްގެ ފަހުން ވަޒީފާ އިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޕޭ ލީވް) އަށް ފޮނުވައިފައިވުމުގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނި ކޮށްފައި ވާނަމަ ކުރިމަތި ލެވޭނެ އެވެ. އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވެސް އިންކަމް ސަޕޯޓުގެ ގޮތުގައި ދޭނީ 5،000ރ. އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. ވަޒީފާ ގެއްލުނު ނިސްބަތް އެންމެ ގިނީ ޓޫރިޒަމް ސިނާއަތުގަ އެވެ. އެ ސިނާއަތުގެ 45،000 މީހުންގެ ވަޒީފާއަށް އަސަރު ކޮށްފައިވެ އެވެ.