ބޮލީވުޑް

ސައިފް "އަޑިޕުރުޝް" އިން ވަކިކުރަން ޕްރަބާސް ފޭނުން ގޮވަނީ

ޕްރަބާސް ބަތަލުގެ ބައި ކުޅޭ "އަޑިޕުރުޝް" އިއުލާން ކޮށް އެ ފިލްމުގައި ރާވަންގެ ރޯލު އަދާކުރާނީ ސައިފް އަލީ ޚާން ކަމަށް ފިލްމު އުފައްދާ ފަރާތުން އިއުލާން ކުރުމާއެކު ސައިފް އެ ފިލްމުން ވަކި ކުރަން ޕްރަބާސްގެ ފޭނޫން ޑީމާންޑް ކުރަން ފަށައިފި އެވެ. އަދި ސައިފް ލައްވާ އެ ރޯލު ކުޅުވާނަމަ ފލްމު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ވެސް ފޭނުން ދަނީ ދެމުންނެވެ.

"އަޑިޕުރުޝް" ގައި ސައިފް ބައިވެރިވާން ބެލުންތެރިން ބޭނުންނުވާ ކަމަށާއި އޭނާ ފިލްމުން ވަކިކުރަން ސޯޝަލް މީޑިއާގައި ޕްރަބާސްގެ ފޭނުން ކުރާ ޑީމާންޑްގެ އަޑު މިހާރު ވަނީ ވަރަށް ގަދަވެފަ އެވެ.

މި މީހުން ސައިފް އެ ފިލްމުން ވަކިކުރަން ގޮވާ ސަބަބަކީ ސުޝާންތު ސިންގް ރާޖްޕޫތަށް ސައިފް ތާއީދު ނުކުރާތީ ކަމަށް ބުނެފަ އެވެ.
"ސުޝާންތަށް ސަޕޯޓް ނުކުރާ އެއްވެސް ބަތަލެއް އަދި ބަތަލާއެއްގެ ފިލްމަކަށް އަހަރެމެންގެ ތާއީދެއް ނުލިބޭނެ،" ޖީތެން ކިޔާ މީހެއްގެ ޓުވީޓުގައި ބުނެފައި ވެއެވެ.

ރަވީ ތިވާރީ ބިހާރީ ނަމަކަށް ކިޔާ މީހަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ސައިފްގެ ދަރިފުޅު އަދި ބަތަލާ ސާރާ އަލީ ޚާން އާއި ސުޝާންތުގެ ގުޅުމަށް ނުރުހި ސާރާ އާ ގުޅުން ކަނޑާލަން ސުޝާންތަށް ސައިފް އަމުރު ކުރި ކަމަށެވެ. އެމީހުން ސައިފް ދެކެ ރުޅި އަންނަނީ މި ސަބަބާ ހުރެ ކަމަށެވެ.

އޭކާ ސިންހާ ކިޔާ މީހަކު ވަނީ ޕްރަބާސްގެ ފިލްމު އުފައްދާ ފަރާތަށް އިންޒާރެއް ވެސް ދީފަ އެވެ. އޭނާގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އެމީހުން ސޯޝަލް މީޑިއާގައި ގޮވާ ގޮވެލިފައްޗަށް އެއްގޮތަކަށް ވެސް ބީރު ކަންފަތެއް ދީގެން ނުވާނެ އެވެ. "ސަޅަކް 2" ފަދަ ފިލްމުތަކަށް އެމީހުން ހަދާލި ގޮތުން ވެސް އެމީހުންނަކީ ކިހާ ބާރުގަދަ ބައެއްކަން ޔަގީންވާނެ ކަމަށް އެމީހާގެ ޓުވީޓުގައި ވެއެވެ. ސައިފްގެ ބަދަލުގައި ރާނާ ދަގުބަތީ އެ ރޯލަށް ލުމަށް ވެސް ބައެއް މީހުން ޚިޔާލު ދީފައި ވެއެވެ.

އަނެއް ބަޔަކު ބުނީ ސައިފް ދެކެ ރުޅި އަންނަނީ ނެޕޯޓިޒަމް އާ ގުޅޭ ގޮތުން ސައިފްގެ އަންހެނުން އަދި ބަތަލާ ކަރީނާ ކަޕޫރު ދައްކާފައިވާ ވާހަކަ ތަކެއްގެ ސަބަބުން ކަމަށެވެ.

ކޮންމެއަކަސް މި ފިލްމު ސައިފަށް ދީގެން ބަޔަކު ކިތަންމެ ރުޅިގަދަކޮށްލައިގެން އުޅުނަސް ސައިފް އަތުން ފިލްމު އަތުލަން ޕްރޮޑިއުސަރުން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް އަދި ނުފެނެ އެވެ.