ކުރިން ގިނަ ބަޔަކު ހީކޮށްގެން އުޅެނީ ކުރީގެ މަޝްހޫރު ބަތަލާ ހެމާ މާލިނީ އާއި އޭނާގެ ދޮންދަރިފުޅު ސަނީ ޑެއޯލްގެ ގުޅުން ވަރަށް ގޯސް ކަމަށެވެ. އިންޑިޔާގެ މީޑިއާ ތަކުން ވެސް ވަރަށް ކުރިން މި ދެ މީހުންގެ ގުޅުމާ ބެހޭ މިފަދަ ޚަބަރުތަކެއް ފަތުރާފައި ވާތީ އެވެ.
ނަމަވެސް ހެމާގެ ބައޮގްރަފީ "ހެމާ މާލިނީ: ބެޔޯންޑް ދަ ޑްރީމް ގާލް" ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ހެމާ ބުނެފައިވާ ގޮތުގައި އޭނާ އާއި ދޮންދަރިފުޅު ސަނީ ޑެއޯލް އާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅެވެ.
"އަހަންނާ ސަނީ އާ ދެމެދު އޮންނަނީ ކޮން ކަހަލަ ގުޅުމެއް ބާއޭ ވަރަށް ގިނަ ބަޔަކު ހިތަށް އަރާނެ. އަހަރެން ބުނާނީ އަހަރެމެންގެ މެދުގައި އޮންނަނީ ވަރަށް އިހުތިރާމްކުރާ ރީތި ގުޅުމެކޭ،" ހެމާ ބުނެފައި ވެއެވެ.
ސަނީ އާއި އޮންނަ ގުޅުން ރަނގަޅު ކަމުގެ ހެއްކެއްގެ ގޮތުން ހެމާ ކިޔައިދިނީ 2015 ވަނަ އަހަރު އޭނާ ވަރަށް ބޮޑު އެކްސިޑެންޓެއް ވުމުން ކަންތައްވީ ގޮތުގެ ވާޙަކަ އެވެ. ރާޖަސްތާންގެ ޑައުސާ ކިޔާ ސަރަހައްދަކުން ހެމާ ދަތުރުކުރި ކާރެއް އެކްސިޑެންޓްވެ އޭނާގެ ނޭފަތު ކަށިގަނޑު ބިންދައިގެން ދިޔަ އެވެ.
ހެމާ ބުނި ގޮތުގައި އެކްސިޑެންޓްގެ ޚަބަރު ލިބިގެން އެންމެ ފުރަތަމަ ވެސް ހެމާ ކައިރިއަށް އައީ ސަނީ އެވެ. އަދި އެކަމާ ގުޅޭ އެންމެ ރަނގަޅު ޑޮކްޓަރުން ހޯދާ މޫނުގައި ހުރި ޒަޚަމް ފަހައި ހެދި ޑޮކްޓަރުންގެ ހުރިހާ ކަމެއް ވެސް ބެލެހެއްޓީ ސަނީ ކަމަށް ހެމާ ބުންޏެވެ.
"އަހަރެން ހުރީ ހައިރާންވެފަ އޭނާ އަހަންނަށް ކަންތައްތައް ކޮށްދިން ރަނގަޅުކަމުން. މި ހާދިސާ އިން ވެސް އަހަރެމެންގެ މެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް އެނގިގެން ދިޔަ ކަމަށް އުންމީދު ކުރަން،" ހެމާ ބުންޏެވެ.
ސަނީ އަކީ ދަރުމެންދުރަގެ ދޮށީ އަނބި ޕްރަކާޝް ކޯރު އަށް ލިބިފައިވާ ދަރިންގެ ތެރެއިން އެންމެ ދޮށީ ދަރިއެވެ. ދަރުމެންދުރަ އާއި ޕްރަކާޝް ކައިވެނިކުރީ 1954 ވަނަ އަހަރު އެވެ. އޭރު ދަރުމެންދުރަގެ އުމުރުން އެންމެ 19 އަހަރެވެ. ޕްރަކާޝް އާއި ދަރުމެންދުރަގެ ހަތަރު ދަރިން ތިބެ އެވެ. ސަނީ އާއި ބޮބީ އަދި އަޖީތާ އާއި ވިޖީތާ އެވެ. ފިރިހެން ދެ ދަރިން ފިލްމު ކުޅުނު ނަމަވެސް އަންހެން ދަރިން އެއްގޮތަކަށް ވެސް ފިލްމީ ރޮނގުން ހަރަކާތްތެރިއެއް ނުވެ އެވެ.
ހެމާ އާއި ދަރުމެންދުރަ އެކުގައި ފިލްމު ކުޅެން ފެށިތާ މާ ގިނަ ދުވަހެއް ނުވެ މި ދެ އެކްޓަރުންގެ ލޯބީގެ ވާޙަކަތައް ފެތުރެން ފެށި އެވެ. އެންމެ ފަހުން 1980 ހިސާބުގައި ދަރުމެންދުރަ ވަނީ ހެމާ އާ ވެސް ކައިވެނިކޮށްފަ އެވެ. ޕްރަކާޝް ވަރިނުކޮށް ހެމާ އާ ކައިވެނި ކުރެވޭނެ ގޮތެއް އޭރު އެމީހުން ފޮލޯކުރަމުންދިޔަ ހިންދޫ ދީނުގައި ނެތުމުން ދަރުމެންދުރަ ހެމާ އާ ކައިވެނިކުރީ އިސްލާމް ވެގެންނެވެ. އިސްލާމް ދީނުގައި އެއް އަންބަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރެވޭތީ އެވެ.
ދަރުމެންދުރަ އާއި ހެމާ އަށް ވެސް ދެ އަންހެން ދަރިން ލިބިފައި ވެއެވެ. އެއީ އީޝާ އާއި އާހްނާ އެވެ. މީގެ ތެރެއިން އީޝާ ދުވަސްކޮޅަކު ފިލްމު ކުޅުނެވެ. ނަމަވެސް ކައިވެނިކޮށް ދަރިން ލިބުމުން އީޝާ ވެސް ވަނީ ފިލްމު ކުޅުމާ ދުރުވެފަ އެވެ. ދެ ގެއެއްގައި ދެ އަނބިން ގޮވައިގެން ހަމަޖެހޭ ދިރިއުޅުމެއް އުޅުމަކީ ވަރަށް މަދު މީހަކަށް ނޫނި ކުރެވޭ ކަމެއް ނޫނެވެ. ނަމަވެސް މިކަމުގައި ދަރުމެންދުރަ ވަނީ ނަމޫނާ ދައްކާފަ އެވެ.