ބޮލީވުޑް

ބޮޑު ތުހުމަތަކާއެކު ސާޖިދު ހާން ހައްޔަރުކުރަން ގޮވަނީ

ޑައިރެކްޓަރު ސާޖިދު ޚާން ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ އިތުރު މޮޑެލްއަކު އޭނާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފަށައިފި އެވެ. މޮޑެލް އަދި އެކްޓަރު ޕައުލާ ބުނެފައިވާ ގޮތުގައި ސާޖިދުގެ ގޯނާކުރުންތަކާ އޭނާއަށް ކުރިމަތިވީއިރު އޭނާގެ އުމުރުން އެންމެ 17 އަހަރެވެ.

"ހައުސްފުލް" ގެ ރޯލަކަށް އޮޑިޝަން ދޭން ކަމަށް ހަދާފައި އޭނާ ކައިރީގައި އަންނައުނު ބާލަން ވެސް ސާޖިދު ބުނި ކަމަށް ޕައުލާގެ އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައި ވެއެވެ. ޕައުލާގެ މި ޕޯސްޓާއެކު ސާޖިދު ހައްޔަރުކޮށް މި މައްސަލަ ތަހުގީގު ކުރުމަށް އިންޑިޔާގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

މިތަނުން އެކަކު ބުނި ގޮތުގައި ސާޖިދު ގޯނާ ކުރިއިރު ޕޯލާ އަކީ 17 އަހަރުގެ ކުޑަ ކުއްޖެކެވެ. ވީމާ ކުޑަކުދިންނާ ބެހޭ މީހުންނަށް ލިބޭ ފަދަ އަދަބެއް ސާޖިދު އަށް ލިބެން ޖެހޭނެ އެވެ.

އެންމެ ކުރިން 2018 ގައި #މީޓޫ މޫވްމަންޓް ކިޔާ ހަރަކާތެއް ހިންދީ ފިލްމު އިންޑަސްޓްރީގައި ފެށުމާއެކު ވަރަށް ގިނަ ބަތަލާއިން އެމީހުންނަށް ކުރިމަތިވީ އެކި ކަހަލަ ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ދިޔަ އެވެ.
އެ ފަހަރު ވެސް ސާޖިދުގެ ބޮޑެތި ތުހުމަތުތަކެއް ތިން މޮޑެލް އަކު ކުރި އެވެ. އޭރު ސާޖިދު މަސައްކަތް ކުރަމުން ދިޔައީ "ހައުސްފުލް 4" ޝޫޓް ކުރަމުންނެވެ. މި ތުހުމަތުތަކާ އެކު އެ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ވެސް އެހެން މީހަކާ ހަވާލުކޮށްފައި ސާޖިދު އެކަމުން ދުރުވާން ޖެހުނެވެ. ދުވަސްކޮޅަކު މި އަޑުފައްގަނޑު ވަރަށް ގަދަވެފައ އޮތުމަށްފަހު އަޑުތައް މަޑުވީ އެވެ. ޕައުލޯގެ ޕޯސްޓަކީ މި އަޑުފައްގަނޑު މައިތިރި ވީތާ އަހަރެއްހާ ދުވަސް ފަހުން އޭނާ ލިޔުނު ޕޯސްޓެކެވެ. ކުރިން ތިން މޮޑެލުން މައްސަލަ ޖެއްސިއިރު ޕައުލާ އެއްވެސް އެއްޗެކޭ ނުބުނެ އެވެ.

ޕައުލާ ބުނި ގޮތުގައި #މީޓޫ މޫވްމަންޓް ފެށުމާއެކު ތިން މޮޑެލަކު ސާޖިދު އާ ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް އޭރު އޭނާ އެ ވާހަކަ ނުދެއްކީ އޭނާއަކީ އާއިލާ ބެލެހެއްޓުމާ ހަވާލުވެފައިވާ މީހަކަށް ވެފައި ފިލްމު އިންޑަސްޓްރީގައި އޭނާއަށް އެހީތެރިވެދޭނެ ވަކި މީހަކު ނެތީމަ ބިރުންނެވެ.

"އަހަރެން އޭރު މަޑުން ހުރީ. މިހާރު އަހަރެންގެ މައިންބަފައިންނެއް އަހަންނާ އެކަކު ނެތް. އަދި އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ އެބަ ލިބޭ. އަހަރެންގެ އުމުރުން އެންމެ 17 އަހަރުގައި ސާޖިދު އަހަންނަށް ޖިންސީ ފުރައްސާރަ ކުރި ވާހަކަ މިހާރު ބުނާކަށް ޖެހިލުމެއް ނުވޭ،" ޕައުލާ ބުންޏެވެ.

ޕައުލާ ބުނި ގޮތުގައި ސާޖިދުގެ ފުރައްސާރަ ފޯރާފައިވަނީ ކިތައް އަންހެންކުދިންނަށް ކަމެއް އޭނާ އަކަށް ނޭނގެ އެވެ.