ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިހަވަންދޫ

އިހަވަންދޫން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Sep 12, 2020

ހއ. އިހަވަންދޫން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ޕޮޒިޓިވްވެފައިވަނީ ހަ ބިދޭސީންނާ ދިވެއްސެކެވެ.

ޕޮޒިޓިވްވި މީހުންނަކީ އިހަވަންދޫ ސުކޫލުގެ މަސައްކަތްތަކެއް ކުރުމަށް އެ ރަށައްގޮސް ތިބި ބައެކެވެ. އެ މީހުން ތިބީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ކަރަންޓީން ވެގެން ކަމަށްވާތީ ރަށަށް ބަލި ފެތުރުމުގެ ފުރުސަތު ނެތް ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

މިދިޔަ އޮގަސްޓް މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 8900 އަށްވުރެ މައްޗަށް އަރާފައެވެ. އޮގަސްޓް މަހަކީ އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު މަހެވެ. އެ މަހު އެކަނިވެސް 3900 ވުރެ ގިނަ މީހުންނަށް ބަލި ޖެހުނެވެ. އަދި އެ މަހު އެކަނިވެސް 12 މީހަކު އެ ބަލީގައި މަރުވިއެވެ.

ކޮވިޑްގެ ބަލި މީހުން މާލެއިން ފެންނަ ނިސްބަތް މިިދިޔަ ފަސް ދުވަހު ވަނީ ދަށްވެފައެވެ. ނަމަވެސް އަތޮޅުތެރޭގެ ގިނަ ރަށްތަކެއްގައި ކޮވިޑްގެ ބަލި މީހުން މިހާރު އެބަތިއްބެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުން އެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

ކޮވިޑްގެ ބަލި މީހުން ހއ. އާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އއ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ލ. އަތޮޅާއި ގދ އަދި ސ އަތޮޅުގެ އެކި ރަށްރަށުގައި އެބަ ތިއްބެވެ.