ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހޯނޑެއްދޫއަށް ކޮވިޑް ފެތުރުނީ ކިހިނެއް؟

މާލެ ފިޔަވައި ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދެކުނުގެ ގދ. ހޯނޑެއްދޫގައި އެ ބަލި ފެތުރުނު ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި ބަލި އެރަށުގައި ފެތުރިފައި ވަނީ މާލެއިން ހޯމް ކަރަންޓީނަށް ދިޔަ ބަޔަކު ކަރަންޓީނު އުސޫލާ ހިލާފު ވެގެނެވެ. އަދި ބައެއް މީހުން ބުނާ ގޮތުން އެ ރަށަށް ބޭލި މުދާ ޑިސްއިންފެކްޓް ނުކުރެވިގެނެވެ. އެކަހަލަވެސް ތަފާތު އެތައް ވާހަކައެއް އެބައޮތެވެ.

ކަރަންޓީނާއި ހިލާފުވި ކަމަށް ދެކެވޭ ވާހަކަތައް ހޯނޑެއްދޫ ކަރަންޓީނުވެފައި ތިއްބާ އެންމެ ފަހުން ޕޮޒިޓިވްވި މީހުން ދޮގު ކުރެ އެވެ. މާލެއިން ހޯނޑެއްދުއަށް ގޮސް ކަރަންޓީނުގައި ހުރި މީހަކު ބުނި ގޮތުގައި އެގޮތަށް ފެތުރިފައިވާ ވަހަކަތަކުގައި އެއްވެސް އަސްލެއް ނެތެވެ. އަދި އެމީހުން ކަރަންޓިނުގެ އުސޫލާއި ހިލާފެއް ވެސް ނުވެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި މާލެއިން އެރަށަށް ގެންދިޔަ މުދާ ޑިސްއިންފެކްޓް ނުކުރެވިގެން ވެސް އެ ވައިރަސް މުޅި ރަށަށް ފެތުރިފައި ވެދާނެ އެވެ. އެކަމަކު މިހާތަނަށް ބައްޔަށް އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން އެންމެ ފަހުން ޕޮޒިޓިވް ވި މީހުންނާއި އާއިލީ ގޮތުން ގުޅިފައިވާ މީހުންނާއި އެމީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުނެވެ.

ކޮވިޑުގެ މައުލޫމާތު ފެތުރުމުގައި ފަހަކަށް އައިސް މިޑިއާއާ އެންމެ ބޮޑު ރަހުމަތްތެރިކަމެއް އޮންނަ، ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް، ތަސްލީމާ އުސްމާން ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ހޯނޑެއްދޫން އެއްވެސް އިންޑެޕެންޑެންޓް ޕޮޒިޓިވް ކޭހެއް ނުފެނެ އެވެ. އެހެން ކަމުން ބޮޑަށް ބެލެވެނީ ކަރަންޓީނުގައި ތިބި ބަޔަކާއި ކޮންމެވެސް ގޮތަކުން ކޮންޓެކްޓް ވުމުގެ ސަބަބުން ރަށަށް ކޮވިޑުް ފެތުރުނީ އެވެ.

"އަޅުގަނޑުމެންނަކަށް އަދިވެސް އެއްވެސް އިންޑެޕެންޑެންޓް ކޭހެއް ނުފެނޭ. މުޅިން ވެސް ޕޮޒިޓިވް ވެފައި މިވަނީ ކަރަންޓިނުގައި ތިއްބާ އެންމެ ފަހުން އެރަށުން ޕޮޒިޓިވްވި މީހުންގެ އާއިލީ ބަޔަކާއި ކޮންޓެކްޓްވި މީހުން. އެހެން ވީމަ ބޮޑަށް ބެލެވެނީ ކަރަންޓީނު އުސޫލާ ހިލާފަށް އެ މީހުނާއި ބަޔަކު ކޮންޓެކްޓްވީ ކަމަށް. އެކަމަކު ބަލި ފެތުރުނީ ސީދާ އެހެން ކަމަކަށް އަޅުގަނޑުމެނެއް ނުނިންމަން. އެކަމަކު ހުރިހާ ދިމާލަކުން ވެސް މި ފެންނަނީ ކޮންޓެކްޓްވާ މީހުން ޕޮޒިޓިުވް ވާތަން." އޭނާ ވިދާޅުވި އެވެ.

ހޯނޑެއްދޫގައި ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގާފައިވާއިރު ތަސްލީމާ ވިދާޅުވި ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ ކޮންޓެކްޓްވެފައިތިބި މީހުނެވެ. އަދި މާލެއިން ގެންދިޔަ މުދަލުން ވައިރަސް ފެތުރިދާނެ ކަމަށް ބުނާ ބުނުން އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ވިދާޅުވި ގޮތުގައި މާލެއިން ގެންދާ މުދާ ވައްދާނީ ވެސް އެއް ގެއަކަށް އަދި އެއް އާއިލާއެއްގެ މެމްބަރުން ހިމެނޭ ގެއަކަށް ނޫނެވެ. އެހެން ކަމުން މުދާތަކުން ވައިރަސް ފެތުރުނު ކަމަށް ބުނާނެ ޗާންސް ކުޑަ އެވެ.

އާބާދީގައި 1300 އެއްހާ މީހުން ދިރިއުޅޭ ހޯނޑެއްދޫގައި ބަލި ފެތުރުނު ގޮތް އަދިވެސް ދަނީ ތަހުގީގު ކުރަމުނެވެ. އެ ރަށް އޮތީ ވެސް މޮނިޓަރިންގަ އެވެ. ހޯނޑެއްދޫގެ ހަ ޕަސެންޓް ގޭބިސީ އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފަ އެވެ. އަދި 19 ޕަސެންޓް ގޭބިސީން ކޮންޓެކްޓްވެފައިވާ މީހުން ދިރިއުޅެމުންދެ އެވެ. ހޯނޑެއްދޫގެ ހާދިސާއަކީ ރަށްރަށަށް ކޮވިޑް ފެތުރުން ދިރާސާ ކުރުމުގައި މުހިންމު ކޭހަކަށް ވެގެން ދާނެ އެވެ.