ފިނިޕޭޖް

އަންކިތާއާ ދިމާ ކުރުމުގެ އަގު ޝިބާނީ ދައްކަން ޖެހިއްޖެ

ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލައިގައި ލަވަކިޔުންތެރިޔާ ޝިބާނީ ޑަންޑޭކަރް އަބަދުވެސް ސަޕޯޓް ކުރަނީ ސުޝާންތު މަރުވިއިރު ރައްޓެހި ވެގެން އުޅުނު އަދި އޭނާގެ މަރުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރިއާ ޗަކްރަބަތީ އަށެވެ.

ސުޝާންތުގެ މަރުގެ މައްސަލަ ބަލަމުން ދަނިކޮށް ފެންމަތިވި ޑްރަގްގެ ބޮޑު މައްސަލަތަކެއް އިންޑިޔާގެ ނާކޮޓިސް ކޮންޓްރޯލް ބިއުރޯ އިން ބަލަން ފަށައި ތިން ދުވަސް މަތިން ރިއާ އާ ސުވާލު ކުރުމަށް ފަހު އެންމެ ފަހުން އޭނާ ހައްޔަރު ކުރުމުން ވެސް ޝިބާނީ ވަނީ ރިއާ އަށް ސަޕޯޓްކޮށް ސޯޝަލް މީޑީއާގައި ވަރަށް އަޑުގަ ދަކޮށްފަ އެވެ.

ރިއާގެ ޓީޝާޓެއްގައިވާ ސްލޯގަންއެއް ޝިބާނީ ވަނީ ސޯޝަލް މީޑިއާގައި ޓްރެންޑް ކޮށްފަ އެވެ.

ރިއާ ހައްޔަރު ކުރުމާ ގުޅިގެން ސުޝާންތުގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ވެސް އޭނާއަށް ފެންނަ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައްކާފައި ވެއެވެ. އަދި ސުޝާންތުގެ ޑިޕްރެޝަންގެ މައްސަލަތައް ވަރަށް ބޮޑު ކަމަށް ރިއާ ބުނެފައިވާއިރު އޭނާ އެފަދަ ހާލެއްގައި އުޅޭކަން އެނގި ހުރި ރިއާ އޭނާއަށް ޑްރަގް ދިނީ ކީއްވެތޯ އަންކިތާ ސުވާލު އުފައްދާފައި ވެއެވެ.

އަންކިތާ މިހެން ބުނުމުން އޭނާއަށް ޝިބާނީ ވަނީ ސޯޝަލް މީޑިއާގައި މަލާމާތް ކޮށްފަ އެވެ. އަންކިތާއަށް ސުޝާންތު މަތިން ހަނދާން ނައްތާ ނުލެވުނު ކަމަށާއި ދެ ސިކުންތަށް ނަމަވެސް މަޝްހޫރުކަމެއް ލިބޭތޯ ފާޑުފާޑުގެ ވާހަކަތައް ދައްކަނީ ކަމަށް ޝިބާނީ ތުހުމަތު ކުރި އެވެ.

މި މައްސަލައިގައި އަންކިތާ އަށް ތާއީދުކުރާ ގިނަ ބަޔަކަށް ޝިބާނީ މިގޮތަށް ދިމާ ކުރުމުން އެއްގޮތަކަށް ވެސް އެކަން ހަޖަމުކުރަން ފަސޭހައެއް ނުވެ އެވެ. ނަތީޖާއަކަށްވީ ޝިބާނީގެ ވިކިޕީޑިއާ ޕޭޖަށް ހަމަލަދީ އެ ޕޭޖު އެ މީހުން ބޭނުން ގޮތަކަށް ބަދަލުކޮށްލުމެވެ.
ވިކިޕީޑިއާގައިވާ ޝިބާނީގެ ޕްރޮފައިލް އާއި އޭނާގެ ތައާރަފަށް މިހާރު ވަނީ ބޮޑު ބަދަލެއް ގެނެއްސަ އެވެ. އޭނާ 50 އަހަރުގެ އެކްޓަރު ފަރްހާން އަޚްތަރާ ލޯބިވެގެން އުޅެނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށާއި އޭނާއަކީ އަބަދުވެސް މުއްސަނދި ފިރިހެނުން ފަހަތުން ދުވާ މީހެއްކަމަށް އެ ޕޭޖްގައި ބަޔަކު ވަނީ ލިޔެފަ އެވެ.

އަދި ބޯ ހަމަނުޖޭހޭ ވާހަކަތައް ޓުވީޓްކުރާ ބޮޑު މޮޔައެއް ކަމަށް ވެސް އެމީހުން ޝިބާނީ ސިފަ ކޮށްފައި ވެއެވެ. އަންކިތާގެ ފޭނުން ޝިބާނީ އަށް މަލާމާތްކޮށް މި ނޫނަސް ވަރަށް ގިނަ ވާހަކަތައް ލިޔެ ވިކިޕީޑިއާ ޕޭޖް ވަނީ މުޅިން އެފުށް މިފުށަށް ޖަހާފަ އެވެ.

މިހާރު ޝިބާނީ އަށް މިކަން އެނގިގެން ވިކިޕީޑިއާ ޕޭޖް އަލުން ވަނީ ރަނގަޅު ކޮށްފަ އެވެ. ނަމަވެސް މިކަމުން ވެސް ސުޝާންތުގެ މައްސަލައިގައި ރިއާ ދެކެ މީހުން އައިސްފައިވާ ރުޅި ވަރަށް ބޮޑަށް ހާމަވެފައި ވެއެވެ. އަދި ރިއާ އަށް ސަޕޯޓް ކުރާ މީހުންނަށް ވެސް މީހުންގެ ރުޅި އަމާޒުވާނެ މިންވަރު މި ހާދިސާ އިން ވެސް އަންދާޒާ ކޮށްލެވެ އެވެ.