ބޮލީވުޑް

ސިނަމާގައި އަޅުވާ ފުރަތަމަ ފިލްމަކީ "އިންދޫ ކީ ޖަވާނީ"

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިޔާގެ ސިނަމާތައް ބަންދުކޮށްފައި އޮންނަތާ ހަ މަސް ދުވަސް ވަނީ ފާއިތުވެފަ އެވެ. އެހެންކަމުން މާޗުމަހުގެ މެދެއްހާ ހިސާބުން ފެށިގެން އެއްވެސް ހިންދީ ފިލްމެއް ސިނަމާތަކުގައި ރިލީޒްކޮށްފައެއް ނުވެ އެވެ. އޭރު ނިމިފައި ނުވަތަ ނިމެން ކައިރިވެފައި ހުރި ބައެއް ފިލްމުތައް މިހާރު ވަނީ އެކި އޯޓީޓީ ޕްލެޓްފޯމްތަކުގައި ރިލީޒްކޮށްފަ އެވެ. ނަމަވެސް ސިނަމާތައް ހުޅުވެންދެން އިންތިޒާރުކުރަން ބޭނުންވާ ޕްރޮޑިއުސަރުންތަކެއް ވެސް ބޮލީވުޑްގައި އެބަތިއްބެވެ. ފިލްމު އޯޓީޓީ ޕްލެޓްފޯމަށް ވިއްކާލުމުން ވަގުތުން ލިބޭނެ ފައިސާ ހޯދުމުގެ ބަދަލުގައި އެ ފަދަ ޕްރޮޑިއުސަރުން ބޭނުންވަނީ ސިނަމާތަކުގެ ވިޔަފާރި ރަނގަޅު ކުރާށެވެ. އަދި އެމީހުންގެ ފިލްމުތައް ސިނަމާތައް ހުޅުވެގެންދެން ރިލީޒްނުކޮށް ބާއްވާށެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކިއާރާ އަދުވާނީގެ "އިންދޫ ކީ ޖަވާނީ"ގެ ޕްރޮޑިއުސަރުން ވަނީ ވަރަށް ވަރުގަދަ އިންގިލާބީ ނިންމުމެއް ނިންމާށެވެ. އެއީ ސިނަމާތައް ހުޅުވައިގެން އެ ފިލްމު ސިނަމާތަކުގައި ދައްކަން ފެށުމުގެ ނިންމުމެވެ. އެގޮތުން މާ ލަސް ތަކެއް ނުވެ ސިނަމާތައް ހުޅުވަން މި ފިލްމުގެ ޕްރޮޑިއުސަރުން މިހާރު ދަނީ ސިނަމާތަކުގެ ވެރިންނާ މަޝްވަރާ ކުރަމުންނެވެ.

އެގޮތުން ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސިނަމާތައް ހުޅުވައި މި ފިލްމު ރިލީޒްކުރަން ޕްރޮޑިއުސަރުން ވަނީ މަސައްކަތް ފަށާފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިންޑީޔާގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ސިނަމާތައް ހުޅުވަން ފަށާފައިވުމާއެކު އިންޑިޔާގައި ވެސް ސިނަމާތައް ހުޅުވުމުގެ ހުއްދަ ލިބުމުގެ އުންމީދުގައި ސިނަމާތަކުގެ ވެރިން ތިބި ކަމަށެވެ. އަދި ސެޕްޓެމްބަރު މަސް ނުނިމެނީސް ހުއްދަ ލިބޭނެ ކަމަށް އެމީހުން ތިބީ ވަރަށް އުންމީދުގައި ކަމަށެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ސިނަމާތައް ހުޅުވަން ސަރުކާރުން ހުއްދައެއް ނުދިނެވެ. މިހާރު އުންމީދު ކުރެވެނީ އޮކްޓޯބަރު މަހުގެ ކޮންމެވެސް ހިސާބެއްގައި ސަރުކާރުން ސިނަމާތައް ހުޅުވަން ހުއްދަ ދޭނެ ކަމަށެވެ. މި ހުއްދަ ލިބުމާއެކު އެންމެ ފުރަތަމަ ރިލީޒްކުރާ ފިލްމަކަށް "އިންދޫ ކީ ޖަވާނީ" ހަދަން ޕްރޮޑިއުސަރުން ވަނީ ފޫގަޅާފަ އެވެ. ސަބަބަކީ ސިނަމާތައް ހުޅުވިއްޖެނަމަ ރިލީޒްކުރަން ތައްޔާރުކޮށްފައިވާ ގިނަ ފިލްމުތަކެއް ހުރުމާއެކު ވާދަވެރިކަން ވަރަށް ބޮޑުވާނެކަން ޔަގީން ވާތީ އެވެ.

ނަމަވެސް އެންމެ ފުރަތަމަ އެ ބައެއްގެ ފިލްމު ރިލީޒްކުރަން ކޮންމެ ޕްރޮޑިއުސަރަކު ވެސް ޖެހިލުން ވާނެ އެވެ. އެއީ ފިލްމު ބަލާ އޯޑިއަންސްގެ އަމަލުތައް ހުންނާނެ ގޮތެއް ނޭނގޭތީ އެވެ. ފިލްމު ބަލަން މީހުން ދާ ވަރަކާއި ސިނަމާތަކުގައި ކަންކަން ވާނެ ގޮތްތައް އެނގޭނީ އެންމެ ފިލްމެއް ނަމަވެސް ރިލީޒް ކުރެވިގެން ކަމަށް ވާތީ އެންމެ ފުރަތަމަ ރިލީޒްކުރާ ފިލްމު ވާނީ އަޖުމަ ބަލާލަން ރަނގަޅު ފިލްމަކަށެވެ. ނަތީޖާ ރަނގަޅުކަމަށް ދައްކައިފިނަމަ އެންމެންތައް އަވަސް އަރުވާލައިގެން ފިލްމު ރިލީޒްކުރާނެ ތާރީޚުތައް އިއުލާން ކުރަން ފަށާނެ އެވެ.

"އިންދޫ ކީ ޖަވާނީ"ގައި ކިއާރާގެ އިތުރުން ހަރަކާތްތެރިވަނީ އަދިތުޔާ ސީލް އާއި މަލިކާ ދުއާ އެވެ. އަބީރް ސެންގުޕްތާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރުންނަކީ މޮނިކާ އަދުވާނީ، ނިކިލް އަދުވާނީ، މަދޫ ބޯޖްވާނީ، ބޫޝަން ކުމާރު، ދިވްޔާ ކޯސްލާ ކުމާރު، ކްރިޝަން ކުމާރު، ނިރަންޖަން އަޔަންގަރް އަދި ރަޔަން ސްޓެފަން އެވެ.

މި ފިލްމުގެ ކުރު ޓީޒާއެއް މިހާރު ވަނީ ރިލީޒްކޮށްފަ އެވެ. އެ ޓީޒާގައި ބުނެފައިވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހު މި ފިލްމާ ގުޅޭ ވަރަށް ޚާއްސަ އެންގުމެއް އިއުލާން ކުރާނެ ކަމަށެވެ. ފަހަރެއްގައި އެއީ ފިލްމު ސިނަމާގައި ރިލީޒްކުރާ ދުވަހަށް ވުމީ ވަރަށް އެކަށީގެންވާ ކަމެކެވެ.