ޝްރައްދާ ކަޕޫރުގެ ފިލްމުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ގަޔާވި އެއް ފިލްމަކީ ރާޖްކުމާރު ރާއޯ އާއެކު އޭނާ ކުޅުނު "ސްތްރީ" އެވެ. މި ފިލްމު ޑައިރެކްޓްކުރީ އަމަރް ކޯޝިކް އެވެ.
ޑައިރެކްޓަރު އަމަރް މިހާރު މަސައްކަތް ކުރަމުން ދަނީ މުޅިން އާ ފިލްމެއްގެ މަސައްކަތް ފެށުމަށާއި އެ ފިލްމުގެ ބަތަލާ އަކަށް ޝްރައްދާ ހަމަޖައްސަން އަމަރް ގަސްތު ކޮށްފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ. "ބީޅިޔާ" ނަމަކަށް ކިޔާ މި ފިލްމަކީ ވެސް ހޮރޯ-ކޮމެޑީ އެއް ކަމަށާއި ފިލްމުގެ ބަތަލަކަށް ހަމަޖައްސަން އަމަރް ބޭނުންވަނީ ވަރުން ދަވަން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
ޝްރައްދާ މި ފިލްމުގެ ސްކްރިޕްޓާ ވަރަށް ހިތްހަމަޖެހުނު ކަމަށް އަމަރް ބުނެފައި ވެއެވެ. މިހާރު އޭނާގެ ނަން ފައިނަލް ކުރުމަށްޓަކައި ކުރަން ޖެހޭ އިތުރު ކަންތައްތައް ކުރަމުންދާ ކަމަށް ޑައިރެކްޓަރާ ހަވާލާދީ އިންޑިޔާގެ ނޫހަކުން ބުނެފައި ވެއެވެ.
މި ފިލްމުގައި ވަރުން އާއި ޝްރައްދާ ބައިވެރިވެއްޖެނަމަ މިއީ މި ދެ ތަރިން އެކުގައި ކުޅޭ ތިން ވަނަ ފިލްމަށް ވާނެ އެވެ. މީގެ ކުރިން "ޢޭބީސީޑީ 2" އާއި "ސްޓްރީޓް ޑާންސާ 3ޑީ"ގައި މި ދެ ތަރިން އެކުގައި ކުޅެފައި ވެއެވެ.
ވަރުން އާއި ޝްރައްދާ އަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އެމީހުންގެ ފިލްމުތަކުގައި ފެންނަ ކެމިސްޓްރީގެ އަސްލަކީ ދެ އެކްޓަރުންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމެވެ.
"ސްތްރީ" އަކީ އެ ފިލްމު ރިލީޒްކުރި އަހަރު ނުކުތް އެންމެ ކާމިޔާބު އެއް ފިލްމެވެ. އަދި ފިލްމު ނިމޭ މަންޒަރުން ފިލްމުގެ ސީކުއަލް އެއް އަންނާނެކަން ޔަގީންވެ އެވެ. ނަމަވެސް މި ފިލްމުގެ ކާމިޔާބާއެކު ފިލްމުގެ ޕްރޮޑިއުސަރާއި ޑައިރެކްޓަރުގެ މެދުގައި މައްސަލަތައް ޖެހި މީގެ ދެ ވަނަ ބައެއް އަދިވެސް ފެށޭގޮތް ނުވެފައި އޮތީ އެވެ.