ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިޔަށްދާ "ހިޔާ" މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް 3,068 ޝަކުވާ ލިބިފައިވާ ކަމަށާ އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފި އެވެ.
އެ ކޮމެޓީން މިއަދު ބުނީ ވަގުތީ ލިސްޓް އާންމުކުރި ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތައް ބަލައި އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓްތައް ދިނުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތް މުރާޖައާ ކުރުމަށްފަހު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން H08, H05, H04 އަދި H10 ކެޓެގަރީގެ ވަގުތީ ލިސްޓުތައް ނެރުއްވާފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުއެވެ.
މި ކެޓެގަރީތަކުގެ ވަގުތީ ލިސްޓުތަކުގައި ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގައި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ ކޮމެޓީން ބުންޏެވެ.
"މީގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި 'އިތުރު ކޮމެންޓްސް' ގެ ގޮތުގައި ދީފައިވާ މައުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި މައުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެއް،"
ފްލެޓް ކޮމެޓީން ބުނީ ހުރިހާ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވާލުމުގައި އެ ޝަކުވާތަކަށް ރިއާޔަތް ކުރާނެ ކަަމަށެވެ.
ފްލެޓް ކޮމެޓީން އާންމުކުރި ވަގުތީ ލިސްޓާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފްލެޓް ހައްގު އެތައް ބައެއްގެ އަތުން ފްލެޓް އަތުލާފައިވާ ކަމަށް ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. ހިޔާ ފްލެޓްތައް ނުނިމި ލަސްވަމުން ދިއުމަކީވެސް މި ސަރުކާރަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.