ރިޕޯޓް

ޑިމޮކްރަސީ އަނިޔާއާ ބޭއިންސާފުގެ ވަކިތަކު ދަށުވެފައި!

ނަންނަމުގައި ތަފާތު ދުވަސްތައް ފާހަގަ ކުރަނީ އެ ދުވަހެއްގެ މުހިންމުކަން ފާހަގަކޮށް އެދުވަހުގެ އުފާ ލިބިގަނެ އެއްބައިވަންތަކަން ގެނެސް އުފާވެރި ކަމަކަށް އެދުވަހެއް ހަދަން ބޭނުން ވާތީ އެވެ. އެއީ ބޭނުންތެރި ވެސް ކަމެކެވެ. މިގޮތުން އުފަންދުވަހާއި، ކުޑަކުދިން، ޒުވާނުން، އިސްރަށްވެހިން، ކާބޯތަކެތި، ބޯހިޔާވަހިކަން، ޞިއްޙަތު، ތަޢުލީމު އަދި ތިމާވެށީގެ ދުވަސް ފަދަ އެތައް ދުވަހެއް ކަލަންޑަރުގެ ކޮންމެ ދުވަހެއް ހުސްވެ މަތިމައްޗަށް ދާވަރަށް ދުވަސްތައް މިއޮތީ ގިނަވެފަ އެވެ.

މިއަދަކީ އެފަދަ ދުވަހެކެވެ. މިއަދުގެ މުހިންމުކަން މި ހުރިހާ ދުވަހަކަށްވުރެ މުހިންމު ވަނީ މިއަދަކީ މިއަދުގެ އުފާވެރި ކަމަކަށް މުޅި ގައުމުގެ އެއްމެހާ ރައްޔިތުން އެދުވަހެއްގެ އުފާވެރިކަން ލިބިގަންނަން ބޭނުންވާ ބައިނަލް އަގުވާމީ ޑިމޮކްރަސީގެ ދުވަހެވެ.

ގައުމެއްގެ ގޮތުގައި ރައްޔިތަކު ދިރިއުޅޭއިރު ރައްޔިތުންގެ ކުރިއެރުމަށް އެއްބައިވަންތަކަމާއި ހަމަޖެހުމާއި އަދި ސުލްހަވެރިކަމާއެކު އުޅެވޭނީ އެ ގައުމެއްގެ އެއްމެހާ ރައްޔިތުން އެއްބަސްވެފައިވާ ގާނޫނުތަކާއި ގަވާއިދުތަކުގެ މައްޗަށްކަމަށް ވާތީ އެފަދަ ގާނޫނީ ނިޒާމަކަށް މިކިޔަނީ ޑިމޮކްރަސީ އެވެ.

ނަމަވެސް ޑިމޮކްރަސީގެ ނިޒާމު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭ މިންވަރު އަދިވެސް ކުޑަވުމުން ޑިމޮކްރަސީ ހިނގަމުންދާއިރު މިދިމާވާ މައްސަލަތައް ފެންމަތިވާތީ އެކަންކަން ހައްލު ކުރުމުގައި އިންސާފުވެރިކަން ލިބިދިނުމަށްޓަކައި އެއްމެހާ ރައްޔިތުންގެ މައްޗަށް ގާނޫނުތައް ހަމަހަމަކަމާއެކު ހިންގޭތޯ ޑިމޮކްރަސީތަކުގައި މިދަނީ މަސައްކަތް ކުރެވެމުންނެވެ.

ރައްޔިތުންގެ މެދުގައި ގައުމެއްގައި އެއްމެ ފުރަތަމަ އެއްބަސްވެވެނީ ޑިމޮކްރަސީ އެއް ގާއިމް ކުރާނެ ގޮތުގެ މައްޗަށެވެ. ނުވަތަ އެއްމެނަށް އެއްބަސްވެވޭނެ ސަރުކާރެއް އެކުލަވާލާނެ ގޮތަކަށެވެ. އެގޮތުން އެއްމެހާ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމެއް އެކުލަވާލުމަށް ގައުމުގެ އެންމެންވެގެން މަޝްވަރާ ކުރުމަކީ ދަތިކަމަކަށްވާތީ ރައްޔިތުންގެ ފަރާތުން، ރައްޔިތު އެއްމެނަށް އެއްބަސްވެވޭނެ ނިޒާމެއް އެކުލެވުމަށް، އެ އިލްމާއި ހިލްމު ލިބިފައިތިބި މަދު މީސްކޮޅެއް މިއަންނަނީ އައްޔަން ކުރަމުންނެވެ.

އިންސާނުންނަކީ އަބަދުވެސް ކުރިއަރަމުން އަންނަ ބަޔަކަށްވާތީ އެ އުސޫލުން ދިވެހިންވެސް މިވަނީ ޑިމޮކްރަސީ ގާއިމްކުރުމަށް ލާމެހިފައިވާ މިދުނިޔޭގެ ފަންނީ އެހީއާއެކު މިގައުމާއި ސަރުކާރު ހިންގުމަށް އެހެން ގައުމެއްގައި ނެތްފެންވަރުގެ ގާނޫނުއަސާސީއެއް 2007 ގެ އޯގަސްޓް ހާތާނގައި ވުޖޫދު ކޮށްފަ އެވެ.

މިހިސާބަށް މިވަނީ ވަރަށް ގިނަގުނަ މަސައްކަތްކޮށް ޑިމޮކްރަސީގެ މިނިޒާމް އެކުލަވާފައެވެ. ރައްޔިތުން ޝުކުރު ކުރުން ހައްގެވެ. އެކަމުގައި ދިވެހި އެންމެހާ ރައްޔިތުންގެ ބައިވެރިވުން އެބައޮތެވެ. ވަކި މީހަކަށް ކުރެޑިޓު ނުދޭށެވެ. އަދި ނަގަންވެސް އުޅޭނެ ކަމެއްނެތެވެ. އެބަހުސްކޮށް ކުރިހޯދަން އުޅުންވާނީ ދެއުޅިއެއް ނުވާ ކަމަކަށެވެ.

ދެން މިއޮތީ ޑިމޮކްރަސީ ގެ މައިގަނޑުކަމުގައިވާ ނުވަތަ ތަނބު ކަމުގައިވާ އިންތިޚާބުތަކެވެ. މި ނިޒާމް ހިންގުމަށް ރައްޔިތުންގެ ފަރާތުން ހޮވަންޖެހޭ އިލްމާ ހިލްމު ހުރި ހަރު މީހުން ހޮވާ މަރުޙަލާއެވެ. ވަރަށް ސާފުކޮށް މިރާއްޖޭގައި މިކަން މިހިނގަނީ މިދެންނެވި ބީދައިން ނޫންކަން ހަމަ ރައްޔިތު އެއްމެން މިއަދު އެއްބަސްވާނެއެވެ. މިސާލު ޖަހާވަރަށްވުރެ ވެސް ދެރަވަރީ މިއަދު ހަރު މީސްކޮޅު ތިބެންވާ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދެކެނީ އިލްމާ ހިލްމު ހުރި ހަރު މީހުން ކޮންމެހެން އައްޔަން ކުރަން ނުވެސްޖެހޭނެ ކަމަށެވެ.

ދުނިޔޭގައި މިފަދަ ކަންކަމަށް ހޯދިފައިވާ ހޯދުންތަކުން ޔަގީން ކޮށްދެނީ ސަރުކާރު ހިންގުމުގައި ތިބެން ޖެހޭނީ އެއްމެ ގާބިލް ފަރާތްތައް ކަމެވެ. ރާއްޖޭގެ ޑިމޮކްރަސީގެ މިއަދުގެ މައިގަނޑު އެއް މައްސަލައަކީ ވެސް އިލްމާއި، ހިލްމާއި، އަދި ތަޖުރިބާ ހުރި ހަރު މީހުން "ސަރުކާރުގެ ހަމަ ކޮންމެ" މަގާމެއްގައި ވެސް ނެތުމެވެ. އެ އުނިކަން މިދެންނެވި ފަދަ މީހުން ނެތްތަންތަނުން ފެނިގެން ދިއުމުން ރައްޔިތުންގެ ކަންބޮޑުވުން މިދަނީ ފާހަގަވެސް ކުރަމުންނެވެ. ފާހަގަ ވުމާއެކު އެއީ އިސްލާހުވެސް ކުރެވެން ޖެހޭ ކަންކަމެވެ.

ދެން މިއޮތީ އިންތިޚާބު ބާއްވާ މާހައުލު އޮންނަ ގޮތެވެ. ނުވަތަ ރާއްޖޭގައި ސަރުކާރު ހިންގަން ރައްޔިތުން ހޮވާ މީހުން ހޮވުމަށް އޮތް މާހައުލު އޮތްގޮތެވެ. މި މާހައުލަށް ބަލާއިރު މިއޮތީ އެއް ރައްޔިތަކު އަނެއްރައްޔިތަކާ އިންތިހާއަށް އާމްދަނީގެ ގޮތުން ތަފާތު އެކި ގިންތިތަކާއެކު އިންތިހާއަށް ތަފާތު ބޮޑުވެސް މާހައުލެކެވެ.

މުޅި ޑިމޮކްރަސީގެ ނިޒާމް މިއޮތީ އިގްތިސާދަށް ބައްޓަންވާ ގޮތަށެވެ. މާނައަކީ ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ފައިސާ ހަމަ ކޮންމެ މީހަކަށް ދައްޗަކާނުލައި "ދިރިއުޅެވޭނެ މިންވަރަށް" ލިބިގެން ނޫނީ ހަމަޖެހޭ އިންސާފުވެރި ދިރިއުޅުމެއް ރައްޔިތަށް ނުލިބޭނެކަމެވެ.

ރާއްޖޭގައި މިދެންނެވިގޮތަށް ހަމަޖެހޭ ދިރިއުޅުމެއް ގިނަ ރައްޔިތުންނަކަށް އަދިވެސް މިދަނީ ނުލިބިއެވެ. މާނައަކީ އާމްދަނީ އެމިންވަރަށް ކިރިޔާ ލިބުނަސް ލިބެނީ ވެސް ވަރަށް ދަތި އުނދަގޫ އަދި ބައެއްފަހަރު ހާލަތުގެ ގޮތުން ވަރަށް ނިކަމެތި ދަރަޖައިގައި ތިބެމެއެވެ. މެޖޯރިޓީ ރައްޔިތުންގެ ހާލަތު ދަށެވެ. މިފަދަ ހާލަތެއް އޮވެމެ ދެން އެއިގެ ތެރެއިން ރައްޔިތުން ތަމްސީލު ކުރުމަށް ކުރިން މިދެންނެވިފަދަ އިލްމީ ގާބިލް ފަރާތެއް ރައްޔިތުން ހޮވާނެ ގޮތެއް އޮވެދާނެކަމަކަށް ހެއްކެއް ނުދެއެވެ.

ރާއްޖޭގައި ކަންވަނީ ވެސް އެހެންނެވެ. ރައްޔިތުން ދަތި ހާލުތަކަށް ވެއްޓިފައި ވަނިކޮށް ރައްޔިތުންގެ މަންދޫބުން ހޮވުމުގެ އިންތިހާބުތައް މިދަނީ ބާއްވަމުންނެވެ. އެހެންކަމުން ރައްޔިތުންގެ ދަތި ހާލުގެ ނާޖާއިޒު ފައިދާ އިންތިހާބުތަކަށް ކުރިމަތިލާ ފަރާތްތަކުން ނާޖާއިޒުގޮތުގައި ފައިސާ ހޭދަކޮށް މިއޮތީ މުޅި ޑިމޮކްރަސީގެ ނިޒާމް ބޮއްސުން ލާފައެވެ. ކުރިން މިދެންނެވި އާމްދަނީގެ ފަރަގު ބޮޑުކޮށް އޮތުމުން ގިނަ އާމްދަނީ ލިބޭ ފަރާތްތަކުން އިންތިހާބުތައް ފަސޭހަކަމާއެކު ގަނެލަނީއެވެ.

އިންތިހާބުތައް ގަނެނުލެވޭނަމަ ދެން ބާކީ ހުންނަ ވޯޓުކޮޅުތައް އެކިއެކި ނާޖާއިޒް ނުފޫޒުތައް ފޯރުވައި ހޯދަނީ އެވެ. އާއިލާތެރޭގައި އޮންނަ ނުފޫޒުތަކާއި، އާދަކާދައިގެ މައްޗަށް ފޯރުވާ ބާރާއި މިފަދަ ތަފާތު އެތައް ގޮތަކަށް ވޯޓުދަނީ ހޯދަމުންނެވެ. އަދި ހަމައެހެންމެ މިފަދަ ގޮތަކަށް ނުލިބި ބާކީ ދެން ހުންނަ ވޯޓުކޮޅު ޖަޒުބާތީ ބާރުތައް ބޭނުންކޮށް، އެއިގެ ތެރޭގައި ދޮގާއި މަކަރާއި އޮޅުވާލުމާއި ފިތުނަ އިންތިހާއަށް ފޯރުވައި ވޯޓުދަނީ ހޯދަމުންނެވެ. ބިރުދެއްކުނުގޮތަކަށް ބިރު ދައްކައިގެންވެސް ވޯޓުމިދަނީ މިއަދު ހޯދަމުންނެވެ. ރާއްޖޭގެ އިންތިޚާބުތަކުގެ އޮބްޒާރވަރ ރިޕޯޓުތައް ބަލާލުމުން އެކަން ޔަގީންވާނެއެވެ.

ޑިމޮކްރަސީ ކަފުންވަނީ އެހިސާބުންނެވެ. އެހެންކަމުން ރާއްޖޭގެ ރައްޔިތުންނަށް އެކަކު އަނެކަކާ ދޭތެރޭ މިއޮތް އާމްދަނީގެ ތަފާތުތައް ކުޑަކުރެވޭނެ އިގްތިސޯދީ ނިޒާމެއް ގާއިމް ކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވާ މިދެންނެވި އެންމެހާ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބެލޭނެ ގާނޫނުތައް ގެނެސް، އެފަދަ ގާނޫނުތައް ހަދަން އިސްވެ ދެންނެވިފަދަ ފަރާތްތައް ގާނޫނުހަދާ މަޖިލިހަށް ހޮވައި، ގާނޫނުއަސާސީ އަށް ގޮންޖަހާ ގޮންޖެހުންތައް އެންމެ ސީރިއަސްކަމާއެކު ބަލައި ޑިމޮކްރަސީގެ ނިޒާމުގެ އިންތިހާބީ މާހައުލުގެ މިބައިތައް އިސްލާހު ނުކުރާނަމަ މިފަދަ ދުވަސްތަކުގައި ކުރިއަށް އޮތްތާނގައި ވެސް ލިޔަން މަޖުބޫރުވާނެއެވެ.

ރާއްޖޭގައި ޑިމޮކްރަސީ އަދި ފުރިހަމައެއް ނުވެއެވެ. އެކަމަށް އަބަދުމެ ކެނޑިނޭޅި މަސައްކަތް ކުރަމުން ދެވޭނެ އެންމެ މައްޗަކަށް ދާން ރައްޔިތުން އަބަދުމެ މަސައްކަތް ކުރަންޖެހެއެވެ. މިވަގުތު ޑިމޮކްރަސީ އަދި އޮތީ ބޭއިންސާފާއި އަނިޔާވެރި ކަމުގެ ވަކިތަކުގެ ދަށުގައެވެ.