ފިނިޕޭޖް

އަރާރުން ފަށަނީ އަހަންނެއް ނޫން، ނިންމަނީ އަހަރެން: ކަންގަނާ

މިހާރަކަށް އައިސް ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ކަންގަނާ ރަނާވަތު އާ ކޮންމެ ވެސް ބަޔަކާ ކޮންމެވެސް ކަހަލަ އަރާރުންގަނޑެއް ވެއެވެ. ސޯޝަލް މީޑިއާގައި މި އަރާރުން ހޫނުވެ އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ވަރުގަދަޔަށް ބަހުގެ ހަމަލާތައް ފޮނުވަ އެވެ. ނަމަވެސް ކަންގަނާ އެންމެ ފަހުން ކުރި ޓުވީޓްގައި ބުނެފައިވާ ގޮތުގައި ގިނަ ބަޔަކު އޭނާއަކީ އަރާރުންވާން ލޯބިކުރާ މީހެއް ކަމަށް ސިފަ ކުރާ ކަމަށެވެ. ނަމަވެސް ކަންގަނާ ގަބޫލުކުރާ ގޮތުގައި އަރާރުން ވުމަކީ އޭނާގެ ކިބައިގައި ހުރި ސިފައެއް ނޫނެވެ. އެންމެ ފަހަރަކު ވެސް އޭނާ އަމިއްލައަށް އަރާރުމެއް ނުފަށާ ކަމަށާއި އޭނާ މި ބުނާ ވާހަކަ އަކީ ދޮގެއް ނަމަ އެކަން ސާބިތުކޮށްދިނުމަށް ޓުވިޓާ ބޭނުންކުރާ މީހުންނަށް ކަންގަނާ ވަނީ ޗެލެންޖްކޮށްފަ އެވެ.

"އަހަރެންނަކީ މީހުންނާ ވަރަށް އަރާރުންވާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރިޔަސް އެއީ ހަގީގަތެއް ނޫން. އެއްވެސް އަރާރުމެއް އަހަރެން ނުފަށާކަށް ރެކޯޑްތަކުން ސާބިތުވާނެ. އަހަރެން މި ހަދަނީ ދޮގެއް ކަން ސާބިތު ކޮށްދީފިނަމަ އަހަރެން ޓުވިޓަރަށް އަލްވަދާއު ކިޔާނަން،" ކަންގަނާ ބުންޏެވެ.

ކަންގަނާ ގަބޫލުކުރާ ގޮތުގައި އެހެން މީހަކު އަރާރުންވާން ބޭނުންވެގެން އަރާރުމެއް ފަށައިފިނަމަ އެމީހަކަށް އިޖާބަ ދޭން ޖެހޭނެ އެވެ. އެއީ އޭނާ ގަބޫލުކުރާ މޮޓޯ އެވެ. އެހެންވީމާ މީހަކު އޭނާއާ ދެކޮޅަށް އެއްޗެކޭ ބުނީމަ އޭނާ ވެސް އެ ބުނާ އެއްޗަކަށް ޖަވާބު ދެނީ އެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާއަކީ އަމިއްލަ ނަފްސަށް ވަރަށް ގަދަރާއި އިހުތިރާމް ކުރާ މީހެކެވެ. ވީމާ އެއްވެސް މީހަކަށް އޭނާ ކުޑަކޮށެއް ނުލެވޭނެ އެވެ. އަދި އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާ ބޯ ގުދު ނުކުރާނެ އެވެ.

ކަންގަނާގެ މި ވާހަކައަށް ފުރަތަމަ ޖަވާބުދިނީ ޑައިރެކްޓަރު އަނުރާގު ކަޝޭޕް އެވެ. ކަންގަނާ ޓެގް ކޮށް އަނުރާގު ކުރި ޓުވީޓްގައި ބުނެފައިވަނީ ކަންގަނާ އެކަނި ވެސް ހަނގުރާމަވެރިއަކަށް ފުދޭ ކަމަށާއި އޭނާއާ ހަނގުރާމަކުރަން އިތުރު މީހަކުވެސް ބޭނުން ނުވާ ކަމަށެވެ.
"ކަލެއާއި އިތުރު ހަތަރު ފަސް މީހަކު ގޮވައިގެން ޗައިނާ އާ ހަނގުރާމަކޮށްބަލަ. ބަލާބަލަ އެމީހުން އަހަރެމެންގެ ޓެރިޓަރީން އެތެރެއަށް ކިހާ ދުރަކަށް ވަދެއްޖެ. އެމީހުންނަށް ދައްކަބަލަ ކަލޭގެ ހުރި ކުޅަދާނަކަން. އަދި ކަލޭ ހުރިއްޔާ އެ މީހުންނަކަށް އިންޑިޔާ އަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަން ސާބިތުކޮށްދީބަލަ،" މަލާމާތުގެ ރާގަކަށް އަނުރާގު ލިޔެފައިވާ ޓުވީޓުގައި ވެއެވެ.

ކަންގަނާގެ އަރާރުމުގެ ތެރެއިން މިހާރު ވަދެފައިވާ މީހުންގެ ތެރޭގައި ޖާޔާ ބައްޗަން އާއި އުރުމިތާ މަޓޯންޑްކަރް ހިމެނެ އެވެ. މި ދެ އެކްޓަރުންނާ ވެސް އޭނާ ހަނގުރާމަ ފެށީ އޭނާ ދައްކާ ވާހަކަޔާ ހިތްހަމަނުޖެހިގެން ދެކޮޅަށް އެއްޗެއް ބުނީމަ އެވެ.