ހަބަރު

އަދީބުގެ ޝަރީއަތް މާދަމާއަށް ތާވަލްކޮށްފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދައުވާއެއް އެ ކޯޓުން ބޭރު ކޮށްލި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ހައިކޯޓުގައި ބާއްވަން ޝެޑިއުލަށްލައިފި އެވެ.

ޝަރީއަތުގެ އެ އަޑުއެހުން އޮންނާނީ މެންދުރު ފަހު 2:00 ޖަހާއިރު އެވެ.

އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި އޮއްވާ ބޭރުކޮށްލީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.

ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފަހުން އެކަމާ ހިތްހަމަ. ނުޖެހޭތީ ދައުލަތުން ވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުނާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްކޮށްފަ އެވެ.

މި މައްސަލަ ހައިކޯޓުގައި އެންމެ ފަހުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަދީބު ވަނީ ވަކީލަކާއި ނުލައި މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. މިމަހުގެ 15 ވަނަ ދުވަހު ބޭއްވި މި އަޑުއެހުމުގައި އަދީބު ވިދާޅުވީ ދިފާއީ ވަކީލެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށާއި އުފުލާފައިވާ ދައުވާތަކުގެ މައްސަލަ ވީހާވެސް އަވަހަކަށް ކުރިއަށް ގެންގޮސް ނިންމައި ދިނުމަށް އެދޭ ކަމަށެވެ.

މި އަޑު އެހުމުގައި އަދީބު ވިދާޅުވީ މި ސަރުކާރުން އެމްއެމްޕީއާރްސީ މައްސަލަ ބެލުމުގެ ހެޔޮ ނިޔަތް އެބަ އޮތް ކަމަށާއި ކޮރަޕްޝަނުން ވަރަށް ގިނަ ބަޔަކަށް މަންފާ ލިބިފައިވާތީ އެމީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ދައުލަތަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެންތޯ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރު ހުސައިން ނިޔާޒް ވަނީ އަދީބާއި ސުވާލު ކުރައްވާފަ އެވެ. އޭގެ ޖަވާބުގައި ވިދާޅުވީ މިއަދު ދެއްކި ވާހަކަ އަކީ އެއްވެސް މަޖުބޫރީ ހާލަތެއް އޮވެގެން ދެއްކި ވާހަކަތަކެއް ނޫން ކަމަށެވެ.

މި މައްސަލާގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ކުށަށް އިއުތިރާފްވުމާއި ތަހްގީގަށް އެއްބާރުލުން ދޭނެކަމަށް ދައުލަތާއި އަދީބާއި ދެމެދު އެއްބަސްވުމެއް ނެހެދޭނެ ކަމަށާއި އެފަދަ އެއްބަސްވުން ހެދޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އަދީބާއެކު ދައުލަތުން ހެދި އެއްބަސްވުމަކީ އަދީބު ޖަލުގައި ހުންނަވަނިކޮށް ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ޝަރުތުކޮށް ހަދާފައިވާ އެއްބަސްވުމެއް ކަމަށާއި މިއީވެސް އޭނާ އާއެކު ވެފައިވާ އެއްބަސްވުން ގޯސް ކަމަށް ކްރިމިނަލް ކޯޓުން ނިންމި ސަބަބެއް ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މި މައްސަލައިގެ އަޑު އެހުންތައް ނިންމާލާފައިވާއިރު ދައުލަތުންނާއި އަދި އަދީބުގެ ފަރާތުންވެސް އެދިފައިވަނީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށް އަމުރުކޮށް ދިނުމަށެވެ.