ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރުގެ މައްޗަށް ދައުލަތުން ހުށަހެޅި، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާބެހޭ ހަތް ދައުވާ އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް ހައި ކޯޓުން އަމުރު ކުރުމުން އެ މައްސަލަތަކުގެ ޝަރީއަތް މިއަދު ފެށުމަށް ތާވަލުކޮށްފި އެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުލަތުން އުފުލާފައި އޮއްވާ ބޭރުކޮށްލީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ.
ކްރިމިނަލް ކޯޓުން އެ ދައުވާތައް ބޭރުކޮށްލާފައި ވަނީ މިދިއަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ. ފަހުން އެކަމާ ހިތްހަމަ. ނުޖެހޭތީ ދައުލަތުން ވަނީ އެ މައްސަލަ މަތީކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. ހަތް ދައުވާ ބޭރުކޮށްލީ ގާޒީ އިސްމާއީލް ރަޝީދެވެ. އެ ނިންމުން އައުމާއެކު އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައި އޭނާ ސަސްޕެންޑްވެސް ކުރިއެވެެ.
އަދީބާއެކު، އިއުތިރާފު އެއްބަސްވުމަކަށް ވާސިލްވުމަށް ފަހު ދައުލަތުން މަނީ ލޯންޑްރިން ހިމެނޭ ގޮތަށް ހަތް ދައުވާއެއް އަދީބުގެ މައްޗަށް އުފުލިއެވެ. ނަމަވެސް އެ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް ވެސް ކުރިއަށް ނުގެންގޮސް ކުރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރީ އެވެ. ގާޒީ އިސްމާއިލް ރަޝީދުގެ އެ ހަތް ދައުވާ އަނބުރާ ފޮނުވާލީ، އިއުތިރާފު އެއްބަސްވުން ސައްހަ ނޫން ކަމަށް ވިދާޅުވެއެވެ. އެއްބަސްވުން ސައްހަކަމާމެދު އަދީބު ވެސް އަދި ދައުލަތުން ވެސް ސުވާލު އުފައްދައި އެއްވެސް ހުށަހަޅުމެއް ހުށަހަޅާފައެއް ނުވެ އެވެ. ނަމަވެސް އެކަން ބެއްލެވީ ގާޒީ އިސްމާއިލް ރަޝީދު އަމިއްލަ އިސްނެގުމަށެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ނިންމީ ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށެވެ. އަދި އަދީބުގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު ހަތް ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓްގެ މައްޗަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން މިހާރު ވަނީ ހަތް ދައުވާގެ ޝަރީއަތްވެސް މިއަދު ފެށުމަށް ނިންމާ ތާވަލަށް ލާފައެވެ. އަޑުއެހުން އޮންނާނީ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ.
އަދީބުގެ މައްޗަށް މީގެ ކުރިން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވި އެވެ. އެއީ މާބިންހުރާގެ މައްސަލަ އެވެ. އެ މައްސަލާގައި ކުރިމިނަލް ކޯޓުން އިއްވާފައި އޮތް 10 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އެންގީ މައްސަލަ އަލުން ކުރިމިނަލް ކޯޓުން ބެލުމަށެވެ. އެއީ އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ މިނިވަންކަމާއެކު ނޫން ކަމަށް ހައިކޯޓުން ކަނޑައެޅުމަށްފަހު އެވެ. އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް އަދީބާއެކު އެއްބާރުލުންދިނުމުގެ އެއްބަސްވުމަކަށް ގޮސް އޭގައި ޝަރުތެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓުން ނެގުމަށް ޕީޖީ އެއްބަސްވެ، އެކަން އެގޮތަށް ކުރި އެވެ. އޭގެ ފަހުން ކުރިމިނަލް ކޯޓުން ވަނީ މާބިންހުރާ މައްސަލާގެ ތަހުގީގު ގޯސްކަމަށް ހައިކޯޓުން ނިންމާފައިވާތީ، އެ މައްސަލަ އަލުން ނުބެލުމަށް ނިންމާފަ އެވެ. އަދި ދެން އަދީބުގެ މައްޗަށް ހުރި ދައުވާތައް ވެސް އަނބުރާ ފޮނުވާލި އެވެ.