ހަބަރު

20 އަހަރުގެ ޖަލު ހުކުމާއެކު ދެމިލިއަން ރުފިޔާގެ ޖޫރިމަނާއަށް އަދީބު އެއްބަސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އިއުތިރާފްވެ ވަޑައިގަތުމުން އަދަބެއްގެ ގޮތުގައި 20 އަހަރުގެ ޖަލު ހުކުމަކާއި ދެމިލިއަން ރުފިޔާގެ ޖޫރިމަނާއެއް ދައުލަތަށް ދެއްކުމަށް އަދީބާއެކު އެއްބަސްވެފައިވާ ކަމަށް ދައުލަތުން މިއަދު ކުރިމިނަލް ކޯޓުގައި ބުނެފި އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ ހިޔާނާތް ވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވެއްވުމުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ދައުވާއެކެވެ. މި ހުރިހާ ދައުވާއަކަށްވެސް އޭނާވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ.

މި މައްސަލާގައި މީގެ ކުރިން ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ މި ހުރިހާ ދައުވާތަކަށް އެއްބަސްވާ ކަމަށާއި ކުރެވުނު ކުށްތަކަށް ތައުބާވެއްޖެ ކަމަށް ބުނެ ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށްވެސް އެދިވަޑައިގެންފަ އެވެ. އަދި މި މައްސަލަތަކުގެ އަވަސް ނިޔާއެއް ކަނޑައެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެހެން ކަމުން މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި އަދީބާއެކު ދައުލަތުން ވެފައިވާ އިއުތިރާފްވުމުގެ އެއްބަސްވުމުގައި އަދބާބެހޭ ގޮތުން ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުން ވަނީ ހަތް ދައުވާ އަށް އަދީބުގެ ފަރާތުން އެއްބަސްވެފައިވާ އަދަބުގެ ތަފްސީލު ޝަރީއަތުގައި ހިއްސާ ކޮށްފަ އެވެ. އެގޮތުން ހަތަރު އަހަރާއި ނުވަ މަހާއި ދެ ދުވަސް، ދެ އަހަރާއި ހަތަރު މަހާއި 24 ދުވަސް، ހަ މަސް ދުވަހަށް ޖަލަށް ލުން، ތިން މަސް ދުވަހަށް ޖަލަށް ލުން، ފަސް އަހަރާއި 11 މަހާއި ހަ ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުން، އެއް މަހާއި 15 ދުވަހަށް ޖަލަށް ލުން އަދި ފަސް އަހަރާއި 11 މަހާއި 12 ދުވަހަށް ޖަލަށް ލުމާއި އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް އޭނާ އާއެކު ދައުލަތުން ވަނީ އެއްބަސްވެފަ އެވެ.

މި އަދަބުތަކަކީ ދައުވާތަކާއި ގުޅިގެން ދެވޭނެ ލުއި އަދަބުތަށް ކަމަށްވެސް ދައުލަތުން ވަނީ ފާހަގަ ކޮށްފަ އެވެ. ސަބަބެއްގެ ގޮތުން ބުނެފައިވަނީ ދައުވާތަކަށް އަދީބު އިއުތުރާފްވެ ޝަރީއަތަށް ހުރިހާ ގޮތަކުންވެސް އެއްބާރުލުން ދޭން ނިންމާފައިވާ ކަމަށެވެ.

އަދަބުގެ ތަފްސީލު ހާމަކުރުމުން ގާޒީ ވަނީ މި މައްސަލާގައި މިމަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމަށް ނިންމާ ކަމަށެވެ. ނަމަވެސް މިއީ އަވަސް ނިއާއެއް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް ކަމަށްވުމާއެކު ދައުލަތުން އެދުނީ މިއަދު މިމައްސަލާގައި ހުކުމް އިއްވުމަށެވެ. ނަމަވެސް މިވަގުތުން ވަގުތަށް ހުކުމް އިއްވުމަށް ދަތިފުޅުވާތީ ގާޒީ ނިންމެވީ މިއަދު ހަވީރު 6:00 އަށް ހުކުމް އިއްވުމުގެ މަޖިލީހެއް ބޭއްވުމަށް މި ޝަރީއަތުގެ މަޖިލީސް މިހިސާބުން މެދުކަނޑާލާށެވެ.

އަދީބުގެ މައްޗަށް އުފުލި މި ހަތްދައުވާ މީގެ ކުރިން ކުރިމިނަލް ކޯޓުން ބޭޜުކުރުމުން ދައުލަތުގެ ފަރާތުން ވަނީ ހައިކޯޓުގައި ިއސްތިއުނާފް ކޮށްފަ އެެވެ. އަލުން ހަތް ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފަށާފައި ވަނީ، އެ މައްސަލަތައް ކްރިމިނަލް ކޯޓުން ބާތިލް ކޮށްފައިވަނީ ރަނގަޅު އިޖުރާއަތްތަކެއްގެ މައްޗަށް ނޫން ކަމަށް ބުނެ ހައިކޯޓުން އަދީބުގެ ބަންދަށް 15 ދުވަސް ޖެހުމަށްފަހު ހަތް ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ކްރިމިނަލް ކޯޓްގެ މައްޗަށް އަމުރުކުރުމުންނެވެ.

މިދައުވާތައް ކުރިމިނަލް ކޯޓުން އަލުން ފަށާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެދުވަހު އަދީބު ވަނީ ނި ހަތް ދައުވާއަށް އިއުތިރާފްވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަވަސް ނިޔާއެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. އަދި މި ދައުވާތަކަށް ވީހާވެސް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށްވެސް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ. އެހެން ކަމުން ގާނޫނު ބުނާ ގޮތުން ދައުވާތަކަށް އިއުތިރާފްވެ އިތުރު މައްސަލައެއް ދިމާނުވާ ނަމަ އަވަސް ނިއާއެއް ކަނޑައެޅުމަށް ފަސް ދުވަހުގެ ތެރޭގައި ޝަރީއަތެއް ބާއްވަން ޖެހޭނެ އެވެ. އަދި މި ޝަރީއަތުގެ މަޖިލީހުގައި އަދަބު ކަނޑައަޅާން ޖެހޭނެ ކަމަށްވެސް ގާނުނުގައިވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ކުރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ޖަލުގައި ބަންދުކުރުމަށް ހައިކޯޓުން ކުރި ހުކުމް ދަމަހައްޓާފަ އެވެ. ނަމަވެސް ބަލިހާލަތު ހުރިގޮތުން މި ވަގުތު އަދީބު ހުންނެވީ ގޭގަ އެވެ.