ހަބަރު

އަދީބުގެ ދައުވާތައް ބާތިލްކުރި ނިންމުމުގެ އިސްތިއުނާފު ބަލައިގެންފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލުކުރި މައްސަލާގެ އިސްތިއުނާފު މިއަދު ހައިކޯޓުން ބަލައިގަނެ، މައްސަލަ ރަޖިސްޓްރީކޮށްފި އެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ބުދަ ދުވަހު އެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ބާތިލް ކުރެއްވީ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން ކުރީގެ ޕީޖީ އައިޝަތު ބިޝާމް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި އަދީބަށް ކޮށްފައިވަނީ ހަތް ދައުވާއެކެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންގެ ދައުވާ ވެސް ހިމެނެ އެވެ.

ޝަމީމް ގަބޫލު ކުރައްވާ ގޮތުގައި ހައިކޯޓުން ގާޒީ އިސްމާއިލްގެ ނިންމުން ބާތިލް ކުރާނެ އެވެ. އެއީ، މައްސަލަ ނިންމާފައި އޮތް ގޮތް، ގާނޫނީ ގޮތަކުން ވެސް މައުޟޫއީ ގޮތަކުން ވެސް އަދި އާދައިގެ ވިސްނުމުން ވިސްނާ ނަމަވެސް ހަމަނުޖެހޭތީ ކަމަށް ޝަމީމް ވިދާޅުވެ އެވެ.

ގާޒީ އިސްމާއިލް ރަޝީދު އަދީބަށް ކުރާ ދައުވާތައް ބާތިލް ކުރެއްވީ، އިއުތިރާފު އެއްބަސްވުމަށް ވާސިލްވުމުގައި އަދީބަށް ބޭސްފަރުވާގެ ޝަރުތުކޮށް ކުށަށް އިއުތިރާފުވުމުން މަޖުބޫރުކޮށް ޓޯޗާކޮށްފައިވާ ކަމަށް ވިދާޅުވެ އެވެ. އަދި އެ ދައުވާތަކަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތު ހަމަވި ފަހުން ކުރި ދައުވާތަކެއް ކަމާއި އަދީބަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ދެ ފަހަރަށް އަދަބު ނުދެވޭނެ ކަމަށް ވެސް ގާޒީ އިސްމާއިލް ކަނޑައަޅުއްވާފައިވެ އެވެ.

އެ ހުކުމް އިއްވުމުގައި ގާޒީ އިސްމާއިލް އަމަލު ކުރައްވާފައިވަނީ ގާނޫނީ ނިޒާމުން މުޅިން ބޭރުން ކަމަށް ޕީޖީ ޝަމީމް ވިދާޅުވެ އެވެ. އެއީ، މައްސަލާގައި އިޖުރާއީ ގޮތުން ގާޒީ ނިންމުންތަކެއް ނިންމެވީ އެކަންކަން އަދީބުގެ ފަރާތުން ފާހަގަކޮށްފައިނުވަނީސް މައްސަލާގައި ހުށަވެސްނާޅާ ލިޔުންތަކަކަށް ރިއާޔަތްކޮށް ކަމަށްވާތީ އެވެ. އަދި ގާޒީ ފާހަގަ ކުރައްވާ ކަންކަމަށް ޖަވާބުދާރީވާން ވެސް ފުރުސަތެއް ނުދީ ކަމަށްވާތީ އެވެ.

ޝަމީމް ވަނީ ގާޒީ އިސްމާއިލްގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފަ އެވެ. ޖޭއެސްސީއިން ގާޒީ އިސްމާއިލް މިހާރު އެ ވަނީ ދެ މަހަށް ސަސްޕެންޑްކޮށްފަ އެވެ. އެހެން ފިޔަވަޅު އެޅީ ލިބިފައިވާ ހެކިތަކަށް ބެލުމަށްފަހު ކަމަށް ބުނެ އެވެ. ޖޭއެސްސީއިން ބަލަމުން ދަނީ ގާޒީ އިސްމާއިލް، އަދީބާ އެއްކޮޅަށް ނިންމެވި ނިންމެވުމެއްގެ މައްސަލައެއް ނޫނެވެ. ނަމަވެސް އޭގެ ވަށައިން އެނބުރޭ ގާޒީ އިސްމާއިލްގެ ސުލޫކީ މައްސަލަތަކެވެ. އެކަންކަން ތަހުގީގަށްފަހު އާންމު ކުރާނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ވެސް ބަހުސެއް ކުރިއަށް ދިޔަ އެވެ. އެ ނިންމުން އޮތް ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ގާޒީ އިސްމާއިލް ރަޝީދު، ގަމާރެއްގެ ގޮތުގައި ވެސް ސިފަ ކުރައްވާފަ އެވެ.